އާރަށު ދަތުރުތަކުގެ ތެލަށް ހަރަދުވީ 844635 ރުފިޔާ ކަމަށާއި މުލިޔާގެ ކެއުމަށް ހަރަދުވީ 741،258 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު އާރަށް ވަޑައިގަތީ 116 ފަހަރު ކަމަށާއި އޭގެ ތެރެއިން 85 ފަހަރު އެ ރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އާއިލާއާ އެކު އާރަށަށް މިހާތަނަށް ވަޑައިގަތީ 31 ފަަހަރު ކަމަށެވެ.

ރައީސް ވަނީ މިހާތަނަށް އާރަށަށް ކުރެއްވި ދަތުރުފުޅުތަކަށް ލޯންޗުތަކުގެ ހަރަދު ވެސް މިރޭ ހާމަކުރައްވައިފަ އެވެ.

އެގޮތުން އެ މަނިކުފާނާ އެކު، އިތުރު ދެ ސެކިއުޓީ ލޯންޗު ވެސް ދަތުރުކުރާއިރު މިހާތަނަށް ތެލަށް ހަރަދުވީ 844،635 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ފަރިއްކުޅުވި އެއްޗެހިތަކަށް ހަރަދުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދާދި ފަހުން ބިލެއް އާންމު ވެފައިވާއިރު، އެ ވާހަކަތައް ވެސް އެ މަނިކުފާނު މިރޭ ދޮގުކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެ ބިލްގެ ފޯމެޓް ވެސް ތަފާތު ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މުލިއާގޭގެ ކެއުމަށް މިދިޔަ މަހުގެ ނިޔަލަށް ހަރަދުވީ 741،258 ރުފިޔާ ކަމަށެވެ. އެއީ، މިދިޔަ އަހަރު ހަރަދުވި 565703 ރުފިޔާއާއި މި އަހަރު ހަރަދުވި 175554 އެވެ.