ބޭންކް ރޭޓުގައި ޑޮލަރު ލިބެން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބޭރު ފައިސާގެ ގާނޫނުގެ ތެރެއިން ޑޮލަރު މާރުކުރަން ޓޫރިޒަމް ސެކްޓާއިން އެއްބާރުލުން ދޭ ނަމަ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ޑޮލަރު މާރުކުރާ ރޭޓުގައި ޑޮލަރު މާރުކުރާ ނަމަ އަންނަ ޖުލައި ނުވަތަ އޮގަސްޓުން ފެށިގެން ސަރުކާރުގެ އެސްއޯއީތަކުން ޑޮލަރު މާރުކުރާނީ ބޭންކު ރޭޓްގައި ކަމަށެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރު ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށެވެ.

"އަޅުގަނޑުގެ އަންދާޒާއަކީ ޑޮލަރުގެ މާކެޓް ހަމައަކަށް އެޅި ގާތްގަނޑަކަށް ބޭންކް ރޭޓަށް އަންނާނީ 2027 ހިސާބުކަމަށް ހީވަނީ" ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން 200 މިލިއަނަށްވުރެ ގިނަ ޑޮލަރު މިހާރު ވަނީ މާރުކޮށްފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.