މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް ހުރި ބިމުގައި ހަދާ އޮފީސް ކޮމްޕްލެކްސްގެ ކޮންސެޕްޓް ޑިޒައިން ކުރުމަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ އިމާރާތް ހުރި ތަނުގައި ހަދަން ނިންމާފައިވަނީ ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސް ބިލްޑިންއެއް ކަމަށެވެ.

"އޮފީސް ސްޕޭސްއާއި އެކިއެކި ކަންކަން ހިމެނޭގޮތަށް. އިންވެސްޓަރެއް ހޯދުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށްޓަކައި އެތަނުގެ ކޮންސެޕްޓް ޑިޒައިން ކުރަން ވަރަށް އަވަހަށް އަޅުގަނޑުމެން ހުޅުވާލާނަން އެތަން ކޮންސްޕްޝުއަލް އަދި ޑީޓެއިލް ޑިޒައިން ވޯކް ކޮށްދޭނެ ފަރާތެއް ހޯދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އިމާރާތުގައި މަލްޓި ޔޫސް ކޮމްޕްލެކްސް ބިލްޑިންއެއް ހެދުމުން އެ ސަރަހައްދު ހިމެނޭގޮތަށް ތަރައްގީ ގެނެވިގެންދާނެ ކަމަށާއި އެއީ އެތަނަށް ގެނެވޭނެ މުހިންމު ތަރައްގީއަކަށް ވެގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތުގައި މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ހިންގި މިނިސްޓްރީތަކުގެ މަސައްކަތްތައް ބަދަލުކޮށްފައިވަނީ ދަރުބާރުގައަށެވެ.