މި ވެރިކަން އައުމާ ހަމަޔަށް ރައީސް އޮފީހުގެ ތެރެއިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވި ދުވަހު އެ މަނިކުފާނު ވަނީ ޖުޑިޝަރީއަށް އަތް ނުބާނާނެކަމަށް ވިދާޅުވެފައި ކަމަށާއި މިއަދާ ހަމައަށް ހުންނެވީ އެގޮތުގެ މަތީގައި ކަމަށެވެ. ރައީސް ވިދާޅުވީ އެ ޖުޑިޝަރީއަށް އަތް ބޭނުމަށް އެ މަނިކުފާނުގެ ޒަމީރު ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
“ހުވާ ކުރި ދުވަހު ދެންނެވިން މިއަދުން ފެށިގެން މިހިނދުން ފެށިގެން ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނަމޭ. އެއީ ހަގީގަތް. އެގޮތަށް މިއަދާ ހަމައަށް ވެސް އޮތީ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އޮންނާނީ. ދެން ތިބޭފުޅުންގެ އަމިއްލަ ޖަޖްމަންޓަކަށް ވެދާނެ ތިޔަ ވިދާޅުވި ގޮތަށް އަޅުގަނޑު ހުރިހާ ތަނެއް ކޮންޓްރޯލް ކުރަނީ އޭ. އަޅުގަނޑަށް މިއަދާ ހަމައަށް އައިރު ހަމަ ޔަގީނުން ވެސް އެއްވެސްތާކުން މައުލޫމާތެއް ވެސް ނުދޭ އަދި އަޅުގަނޑު ހޯދާފައި ވެސް ނުވާނެ ކޯޓުތަކުގައި ހިނގާ ކަންކަމެއް” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ރައީސް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރިކަން އެ މަނިކުފާނަށް އެނގިވަޑައިގެންނެވީ މީޑިއާތަކުން ކަމަށެވެ
"އަޅުގަނޑު ވަރަށް ރެސްޕެކްޓްކުރާ ބޭފުޅެއް ރައީސް ޔާމީނަކީ. އަޅުގަނޑު މިނިސްޓަރަކަށް ހުރިއިރުގަ އެންމެ ގިނަ ދުވަހު، އެންމެ ގިނަ މަސައްކަތް، އަޅުގަނޑުގެ ހަޔާތުގަ އެންމެ ގިނަ މަސައްކަތް އޭރުގަކުރީ އެ މަނިކުފާނުގަ ޕްރެޒިޑެންސީ ކާމިޔާބުކޮށްދެއްވުމަށް ރެއާއި ދުވާލު އިނގޭތޯ. މިނިސްޓަރެއްގެ ހައިސިއްޔަތުންވެސް އަދި 2018 ގަ އިންތިހާބު ކުރުމަށްޓަކާވެސް އަޅުގަނޑާ ހަވާލުކުރިކަމެއްވިއްޔާ ރެއާއި ދުވާލުކުރީ ހަމަ އެމަނިކުފާނު ހޮވައިދިނުމަށްވެސް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ގަބޫލުކުރާނެ މީހަކު ގަބޫލުކުރަންވީ ކަމަށާއި އެކަން ބަޔަކު ގަބޫލުނުކުރުމުން އެ މަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޔާމީންގެ މައްޗަށްކުރީ ސިޔާސީ ދައުވާތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ ކާމިޔާބުކުރެވުމުން ރައީސް ސޯލިހު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގުޅުއްވުމުން އެންމެ ފުރަތަމަވެސް އެދިވަޑައިގެންނެވީ ޔާމީން މިނިވަންކޮށްދެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ވަގުތު ފުރަތަމަ ކޯލްގައިވެސް އަޅުގަނޑު ބުނީ ރައީސް ޔާމީން ގެއަށް ގެނެސްދެއްވާށޭ. އަޅުގަނޑު އިސްވެ ދެންނެވީ. މަރުހަބާ ކިޔަންށޭ ގުޅީ، ގުޅުއްވީ. އަޅުގަނޑު އެ މަރުހަބާއަށް ޖަވާބު ނުދިނަސް ދެންނެވީ ރައީސް ޔާމީން ގެއަށް ގެނެސްދޭށޭ. ދެން ޝުކުރު އަދާކުރީ މަރުހަބާ ކިޔަންވެސް" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ޔާމީން ގެއަށް ބަދަލުކުރެއްވީ އެ މަނިކުފާނު ތަކުރާރުކޮށް އެކަންކޮށްދެއްވުމަށް އެދިވަޑައިގަތުމުންކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިހާބީ ދުވަސްވަރު ރައީސް ސޯލިހާއި ބައްދަލުކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވެސް ދެންނެވިން "އަޅުގަނޑުމެން ބޭނުމޭ އެތަނަށްދާން، މި ބައްދަލުވުން ކުރުކޮށްލާފަ އަޅުގަނޑުމެން ބޭނުމޭ ދާން. އަދި މި ކްރައުޑް އޮންނައިރުގަ ގެންނަ ގޮތަށް ގެއަށް ވައްދާލުމުގެ ބަދަލުގައި އަޅުގަނޑުމެން ލީޑާޝިޕް ބޭފުޅުންނަށް އެޓްލީސްޓް އެ މަނިކުފާނާ ސަލާމްކޮށްލާ ހަދާލެވޭ ގޮތަށް ވާހަކަދައްކާލެވޭ ގޮތަށް ޖާގަ ކޮޅެއް ހަދައިދިނުމަށް" ކަމަށެވެ.
އެ މަނިކުފާނު އެގޮތަށް އެދިވަޑައިގަތުމުން އޭރުގެ ޗީފް އޮފް ސްޓާޕް އަލީ ޒާހިރު އެ އިންތިޒާމު ހަމަޖައްސަވައިދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މަނިކުފާނު މިނިވަންވެފަ އެހެރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. އެއީ ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށްލާފަ ހުރީމާ ސިޔާސީ ނުފޫޒު ނުފޯރުވާތީ މިނިވަންކަމާއެކީގަ ކުރެވުނު ހުކުމަކުން އެ ހުރީ މިނިވަންވެފަ" ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު އުންމީދުކުރަން ރައީސް ޔާމީން ގަބޫލުކުރައްވަވާނެކަމަށް އަޅުގަނޑު މިއީ އެ މަނިކުފާނަށް އެންމެ އިހުލާސްތެރިކަމާއެކީގަ ފުރަތަމަ ދުވަހުން ފެށިގެންވެސް މިނިސްޓަރަކަށް ހުންނެވިއިރުވެސް މަސައްކަތްކުރި އަދި ކުރި މީހެއްކަން. ޖަލަށްލީމަވެސް މިނިވަންކުރަންވެސް ކުރި ހުރިހާ މަސައްކަތެއް ކުރީވެސް އެ ބޭނުމުގަކަން، މޭޔަރަކަށް ކުރިމަތިލައިގެން މާލޭގެ ރައްޔިތުން އަޅުގަނޑަށް ވޯޓު ދީގެން ހޮވާދިނީމަ މާލޭގެ ރައްޔިތުންނަށް އެކަންކަން ކޮށްދިނުމުގެ މަސައްކަތުގަވެސް އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ފަރާތުން ޕީޕީއެމްއަށް ރީތި ނަމެއް ލިބި އެ މަނިކުފާނަށް އޭގެން އުފާ ލިބިގެންދާން،"
"އެކަމަކު އެޅުނީ އެހެން ބަދުނާމެއް ބޮލުގަ އިނގޭތޯ. އެހެން ބަދުނާމެއް ބޮލުގަ އެޅުނީ. މައްސަލައެއް ނެތް ﷲ ދެނެވޮޑިގެންވާނެ ހަގީގަތް،" ރައީސް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމަކީ އެ މަނިކުފާނުގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށާއި އެއީ ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި އެފަދަ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށްފަހު ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް އަންގާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ވިދާޅުވީ ގާނޫނުއަސާސީއާ ގާނޫނުއާ އެއްގޮތަށް އިންސާފުވެރިކަމާއެކީގަ ވަކި އަތަކަށް ނުޖެހި މިނިވަންކަމާއެކީގަ ޕީޖީގެ ދައުރު އަދާކޮށްދެއްޗޭ. އަޅުގަނޑު ބޭނުންވެޔޭތި މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެންނަން" ރައީސް ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޔާމީންގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު