ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތައް ހާމަނުކުރެވެނީ އެގޮތަށް މާއްދާތައް ހިމަނާފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ކުރީ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްވުން ބާތިލުކޮށް، އެ އެއްބަސްވުން އާންމުކޮށްފައެވެ. ދެންހުރި އެއްބަސްވުންތައްވެސް އާންމުކުރާނެ ކަމަށާއި އެ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭގޮތަށް ހެދި އެއްބަސްވުންވެސް ހިމެނޭކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ އެއްބަސްވުންތަކުގައި މިހާރު ކަންބޮޑުވާންޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށާއި މި ސަރުކާރުން ވަނީ އެކަންކަން އިސްލާހުކޮށްފައި ކަމަށެވެ.

"މިހާރަކު ނެތޭ ކަންބޮޑުވާ ކަމެއް. އެކަމަކު އިސްލާހު ގެނެވިފައިވި އެއްބަސްވުން ވިޔަސް ހާމަކުރުމުގައި ކޮންފިޑެންޝަލިޓީ ކްލޯޒް އޮންނާތީ ބައިލެޓްރަލް ޑިސްކަޝަންތަލެއް އެބަ ކުރިއަށް ދެއޭ، ދެ ފަރާތުގެ ބައްދަލުވުންތަކުގެ ތެރެއިން ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ޖެހޭނެއޭ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އުންމީދު ކުރައްވަނީ އެ މަޝްވަރާތަކުން ނަތީޖާއިން ނެރެވި ވަރަށް އަވަހަށް އެ އެއްބަސްވުންތައް އާންމު ކުރެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އުންމީދު ކުރަން މާ ލަސްތަކެއް ނުވެ ދެ ފަރާތުން އެއްބަސްވެވިގެން އެއްބަަސްވުމުގެ ކްލޯޒްތައް މީޑިއާއާ ހިއްސާ ކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެގައުމުގެ ރުހުންވެސް ލިބިގެން އާންމުކުރެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.