އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްއޮތް ދިހަ އަހަރަށްވާ ވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ކަރަންޓުގެ ބޮޑު މައްސަލައެއް ދިމާވި ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު މަޝްރޫއެއް ކުރިއަށްގެންދަން ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށްއޮތް ދިހަ އަހަރު ދުވަހަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ. ކުރިއަށްއޮތް ދިހަ އަހަރު ދުވަހަށް ބޭނުންވާ ކެޕޭސިޓީ އައްޑޫ ސިޓީގައި އަދި ފުވައްމުލަކުގައި ގާއިމުކުރުމަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ ގާއިމުކުރުމަށްޓަކައި މިހާރު ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ މި މަޝްރޫއު ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމާއި އެއާޕޯޓަށް ވެސް އެ ކެޕޭސިޓީން ބޭނުންކުރެވޭނެ ކަމަށާއި އެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވި އިރު، ރަށްރަށުގެ ކަރަންޓު ހާލަތު އޮތް ހާލަތަށް ވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.
"އަޅުގަނޑުމެންނާ ހަވާލުވި އިރުގައި، ހުރިހާ އިންޖީނުގެއެއް ހުރީ ބްރޭކްޑައުންވެފައި. މަރާމާތު ކިޔާ އެއްޗެއް ގަބޫލުވެސް ނުކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް. އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ މަރާމާތުކޮށްދީގެން އުޅެން. ވަރަށް ހާލުގައި ގިނަ ރަށްތައް ހުރީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 77 ޖަނަރޭޓަރު، އާ ޖެންސެޓަށް ބަދަލުކޮށް، 313 ޖެންސެޓު މަރާމާތު ނުވަތަ އޯވާހޯލްކޮށްދީފައިވާނެ ކަމަށެވެ. އަދި 15 ރަށެއްގައި ގްރިޑް އަޕްގްރޭޑްކޮށް ނިންމިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު