ބިން ހިއްކުމުން އޭގެ ބަދަލެއްގެ ގޮތުގައި ބޭރުގެ ކުންފުނިތަކަށް ދިން ހުރިހާ ބިމެއް މިހާރު އަތުލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ބިން ހިއްކުމުގެ ބަދަލުގައި ބޭރު ކުންފުނިތަކަށް ބިން ދީފައި ހުރި ކަމަށެވެ.

"މިހާރު ނޯންނާނެ ބިން ހިއްކި އެއްވެސް ބައެއްގެ އަތުގައި ނޯންނާނެ ކުރީ ސަރުކާރަކުން ދިން ބިމެއް، އޭގެ ބަދަލުގައި ދިން ބިމެއް. ހުރިހާ ބިމެއް ކެންސަލްކޮށްފި، ހުރިހާ ބިމެއް އެ ހުރީ ސަރުކާރަށް ނަގާފައި. މިހާރު ނޯންނާނެއޭ ބޭރު ކުންފުންޏަކަށް ބިން ހިއްކުމުން އޭގެ ބަދަލުގައި ދިން ބިމެއް. އެ ބިންތައް އަތުލައިފިން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ އެގްރިމަންޓް ބާތިލުކުރުމުގެ މަސައްކަތް މިހާރު އެބަ ހިނގާ ކަމަށާއި އެ އެގްރިމަންޓް އޮތީ ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެއާ ގުޅުވައިގެން ވަރަށް ގިނަ ބިންތައް ދޫކޮށްފައި ހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ކޮމްޕްލެކްސް އެގްރިމަންޓެއް، ދައުލަތަށް ފައިދާއެއް ނެތް ގެއްލުން ބޮޑު އެގްރިމަންޓެއް. އެހެންވީމާ އަޅުގަނޑުމެން އެގްރިމަންޓް ބާތިލުކުރުމުގެ މަސައްކަތް މި ހިނގަނީ. ނިމުނުހާ އަވަހަކަށް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނަން ސަރުކާރުގެ ފަރާތުން. ހިއްކައި ނިންމައި ގޯތިތައް ވެސް ހަވާލުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މޮޑެލް ވެސް ބޭނުންވާގޮތް ނޫން ގޮތަކަށް އޮތުމުން މިހާރު އެގްރިމަންޓް ބާތިލުކޮށްފައިވާ ކަމަށާއި އެ އެގްރިމަންޓުގައި ވެސް ބިންތަކެއް ހިމެނޭ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ފަހުން ނިންމީ އެގްރިމަންޓް ބާތިލުކޮށްލަން. އެހެންވީމާ މިހާރު އެ ބަޔަކު ފައިސާ ހަރަދުކުރީމަ، ބިން އަނބުރާ ދިގު މުއްދަތަށް ވިޔަސް ބޭރު ފަރާތަކަށް ނުލިބޭ ގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދާނީ. އެހެންވެގެން މި މަޝްރޫއު ވެސް، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ވެސް ލަސްވެގެން އެ ދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ފޭސް 3 ހިއްކުމުގެ ބަދަލެއްގެ ގޮތުގައި ބަޔަކަށް ތިލަފުށިން ދިހަ ހެކްޓަރުގެ ބިމެއް ކުރީ ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ހުރިހާ އެގްރިމަންޓެއް މިހާރު ބާތިލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.