ސިނަމާލެ އާއި މާލެ ހިޔާގެ މިހާރު ހުރި ފުލެޓުތައް ތަޅާލުމަށްފަހު ހަދަން ނިންމާފައިވަނީ 1360 ފުލެޓު ކަމަށާއި އޭގެ އިތުރަށް ވެސް މާލެ ސަރަހައްދުގައި 4600 ފުލެޓު ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށްއޮތް ތިން އަހަރުތެރޭގައި ރަށްރަށުގައި ހަދަން ކަނޑައަޅާފައިވާ އަދަދަށް ހައުސިން ޔުނިޓުތައް ގާއިމުކޮށް ނިންމޭނެ ކަމަށާއި ސިޓީ ކައުންސިލުގެ ތެރެއިން ސިނަމާލެ، މާލެ ހިޔާ ސަރަހައްދުގައި ފުލެޓު އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
"މެނިފެސްޓޯގައި ހިމަނާފައި އޮތް ވައުދު ސިޓީ ކައުންސިލުގެ ތެރެއިން މި ކުރިއަށްގެންދަނީ. އޭގެ ތެރެއިން މި އެޅިގެންދަނީ ހަތަރު ކޮޓަރި، ތިން ކޮޓަރި އަދި ދެ ކޮޓަރި ހިމެނޭ ޖުމުލަ 1360 ފުލެޓު ހިމެނޭ އިމާރާތްތަކެއް. އެހެންވީމާ ސިނަމާލެ، މާލެ ހިޔާ ސަރަހައްދުގައި މި ވާން އުޅޭ ގޮތަކީ އަޅުގަނޑުމެން އަޅާނީ ފުރަތަމަ މިހާރު ހުރި ސިނަމާލެ، މާލެ ހިޔާ ފުލެޓުތަކުގައި އުޅޭ މީހުންނަށް އެތަންތަން ބާވެފައި ހުރީމާ ބަދަލުވާނެ އިމާރާތެއް. ގިނަ މީހުން މިހާރު އެތަންތަން މިލްކުކޮށްފި. އެމީހުން މި ބަދަލުވަނީ އާ ބިލްޑިންއަކަށް. ބަދަލުވީމާ ދެން މިތަންތަން ވެސް ތަޅާލެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިނަމާލެ، މާލެ ހިޔާގައި ދިރިއުޅޭ މީހުން އާ އިމާރާތަށް ބަދަލުވުމުން އެތަންތަން ތަޅާލާފައި ހަދާ އާ އިމާރާތްތައް ވެސް އެ ކޮމްޕްލެކްސްގެ ތެރެއަށް ވަންނާނެ ކަމަށާއި އެހެންވީމާ އެ ޕްރޮޖެކްޓުގެ ދެ ޓަވަރެއް ހަދާނެ ކަމަށެވެ.
"އޭގެ ތެރެއިން އެއް ޓަވަރަކީ މި ދެންނެވި ސިނަމާލެ، މާލެ ހިޔާގެ މިހާރު ތިބި މީހުންގެ، އެއީ 128 މީހުންގެ އިތުރަށް ފުލެޓުތައް ހުންނާނެ.،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރު 4600 ފުލެޓު ހެދުމުގެ މަޝްރޫއެއް މިއަހަރަށް ޕްލޭންކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 4200 ޔުނިޓަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކެއް ކަމަށެވެ. އަދި ދާދިފަހުން ސައުދީ ފަންޑުން 400 ޔުނިޓުގެ ބިންގާ އެޅިގެން ދިޔަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ އެލްއޯސީގެ ދަށުން ހަދާ 4200 ހައުސިން ޔުނިޓު އިމާރާތްކުރާނީ ހުޅުމާލެ ނުވަތަ ގުޅިފަޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު