ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވާ ޒުވާނުންނަށް 6000 ރުފިޔާގެ އެލަވަންސެއް ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވަނީ މިދިޔަ ބުދަ ދުވަހު މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އޭގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާ ގުޅުމަށް ހުށަހަޅާ އިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ނޭޝަނަލް ސާވިސްއަކީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ އޯލެވެލް ނިންމައި ވަޒީފާ ނުލިބި ތިބި ކޮންމެ ޒުވާނަކަށް ވެސް ވަރަށް މުހިންމު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިންނާ ކުދިންނަށް އެލެވެންސެއްވެސް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"(އެލޮވެންސް) ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އަސްކަރީ ތަމްރީނާއި، ރިވެތި އަހުލާގާއި ދިރިއުޅުމަށް ބޭނުންވާ އެކިއެކި ކަންކަން ދަސްކޮށްދޭނެ ކަމަށެވެ. އެ ޕްރޮގްރާމްތަކުގެ ބޭނުމަކީ ތަމްރީނު ފުރިހަމަ ކުރުމަށްފަހު އެ ކުދިން މުޖުތަމައަށް ނުކުންނައިރު ސިފައިންގެއަށް ވަންނާނެ ކުދިންނަށް އެ ފުރުސަތު ދިނުމާއި އެހެން ދާއިރާއަކުން ކުރިއަށްދާން ބޭނުންވާނަމަ އެ ދާއިރާއަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާ ކުއްޖަކު ސިފައިންގެއަށް ނުވަތަ ފުލުހަށް ވަންނަން ބޭނުންވެއްޖެނަމަ އެ ކުއްޖަލަށް އެލެވަންސްގެ ބަދަލުގައި ލިބޭނީ އެ މުއައްސަސާއަކުން ކަނޑައަޅާފައިވާ މުސާރައެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ އޯލެވެލް ނިންމައި ވަޒީފާއެއްނެތި ތިބި ޒުވާނުންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކިޔަވައިގެން ތިބި ޒުވާނުންނަށްވެސް ލިބިގެންވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިފްތިތާހުކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި، އެ ޕްރޮގްރާމް މިއަހަރުގެ އެޕްރީލް މަހު ފައްޓަވާނެ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު