ދިހަ މަސްތެރޭގައި މަސައްކަތްތައް ނިމި، އަތޮޅުތަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ކ. ގާފަރަށް 09 ޑިސެމްބަރ 2024 ގައި ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މިދިޔަ މަހުގެ ތެރޭގައި ވަނީ ޕްރޮގްރާމެއް އިފްތިތާހުކޮށްފައި ކަމަށެވެ. އެއީ އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކޮންމެވެސް އެއް ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ޕްރޮގްރާމެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އެ ވައުދަކީ މިއަންނަ އަހަރުގެ ތެރެއަށް ބަހާލެވިގެން ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގަ އެސްޓީއޯގެ ސްޓޭޝަން ހެދި އެތަނުން ހިދުމަތް ދޭން ފެށޭނީ. އެހެންވީމާ އެގޮތަށް ގޮސް 2025 ނިމޭއިރު މުޅިރާއްޖޭގަ ހަމަ ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގަ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ވަރަށް ބޮޑަށް މިހާރު ކުރިއަށް ގޮސްފައިވާ ކަމަށެވެ.

"ބިހައިންޑް ސީންގަ ކުރިއަށް ގޮސްފި. މާނައަކީ ފެކްޓްރީއެއްގަ ފިޔުލް ސްކިޓްތަކެއް މިހާރު ފެބްރިކޭޓް ކުރުމުގެ މަސައްކަތް އެބަ ނިމޭ. ނިމިގެން ޗާޓުގަ މި ދެއްކިފައިވާ ރަށްރަށުގަ މިއަހަރުގެ ތެރޭގަ އެންމެ ލަސްވެގެން ހުރިހާ ރަށެއް ނިމޭނެ މިއަންނަ މަހުގެ މާޗާ ހަމައަށް ދާއިރު. އެހެންވީމާ ކުރިއަށްއޮތް 10 ވަރަކަށް މަސްތެރޭ ނުވަތަ 11 ވަރަކަށް މަސްތެރޭ މީގަ މި ފާހަގަކޮށްފަހުރި ހުރިހާ ރަށެއްގެ، މީ ކޮންމެ އަތޮޅެއްގަ އެއް ރަށް މީގަ ހިމެނޭނެ ބައެއް އަތޮޅުތަކުގެ އެބަހުރި ދެ ރަށްވެސް، މި ރަށްރަށުގެ ފިޔުލް ސްކިޓް ނޫނީއްޔާމު އެސްޓީއޯ ރޭޓުގަ ތެޔޮ ލިބެން ފަށާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބެން ފެށުމުން މަސްވެރިން ތެލަށްކުރާ ހަރަދު ވަރަށް ބޮޑުތަނުން ދަށްވެގެންދާނެ ކަމަށެވެ.

އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.