މާލީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާ ކަމަށާއި ރިޒާވް ދަނީ ރަނގަޅު ޓްރެންޑެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމުން ބޭރު ފައިސާ ލިބުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަލަށް ފާސްކުރި ބޭރުފައިސާއާބެހޭ ގާނޫނުގެ ނަތީޖާއެއްގެ ގޮތުން އަމަލުކުރަން ފެށުމާއެކީގަ ބޭންކުތަކުން މިހާރު މާރުކޮށްފި 214 މިލިއަން ޑޮލަރު މާރުކުރައްވައިފި" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރިޒާވް އިރާދަކުރެއްވިއްޔާ މިދަނީ ރަނގަޅު ޓްރެންޑެއްގަ ކުރިއަށް. ލޯނު އަނބުރާ ދެއްކުމަށްޓަކާ މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ އަޅުގަނޑުމެންވާނީ ހަރަދުކޮށްފަ. މީ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކާ، މީގެ ތެރެއިން 100 މިލިއަން ޑޮލަރު ދައްކަން ޖެހުނު ލޯނެއްވެސް ދިޔަ" ރައީސް ވިދާޅުވިއެވެ.

"މިއަހަރު ޖެނުއަރީ އެކައުން ފެށިގެން އެޕްރީލް 24 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާ ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާ"

ރައީސް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ހަރަދަށް ގޮސްފައިވަނީ 10.5 ބިލިއަން ރުފިޔާ ކަމަށާއި ދައުލަތުގެ ބަޖެޓް އޮތީ ސާޕްލަސްގައި ކަމަށެވެ.

"ދައުލަތުގެ އޯވަރޯލް ބަޖެޓް ސާޕްލަސްއަކީ 1.9 ބިލިއަން ރުފިޔާ އަދި ޕްރައިމަރީ ބެލެންސް 3.5 ބިލިއަން ރުފިޔާއިން ސާޕްލަސް ވެފައި" ރައީސް ވިދާޅުވިއެވެ.