އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ފަހުރުވެރި ނިންމުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 15 ގައެވެ. ހަމަ އެ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއިން އަަބަދުވެސް ދެމި އޮންނާނީ ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

"އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ފަހުރުވެރި ނިންމުމެއް. އެއީ އަޅުގަނޑުމެން ފަހުރުވެރިކަމާއެކު ނިންމި ނިންމުމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ނިންމުމާމެދު ރާއްޖޭގެ ތާރީހުވެސް ފަހުރުވެރިވާނެ ކަމަށެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާއެކު ރާއްޖެއިން ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.

މި ސަރުކާރުން ހުރިހާ ހާލަތެއްގައިވެސް އިސްކުރާނީ ދިވެހި ރައްޔިތުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.