މިއަހަރާއި އަންނަ އަހަރު 2129 މަޝްރޫއެއް ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދައްޗެއް ނެތް ކަމަށާއި މުޅި ސަރުކާރުގެ އަމާޒަކީވެސް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިހާރު ކޮންމެ ދުވަހަކު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ މަސައްކަތް ގުޅިފައިވަނީ ވައުދު ފުއްދުމަށް، ނަތީޖާ ނެރުމަށް. މި ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެއް. އަޅުގަނޑުމެންގެ ހުރިހާ ޝައުގެއް ހުރީ ނަތީޖާ ނެރުމަށް. އެހެންވީމަ 2،129 ވައިދު ފުއްދުމުގައި މުޅި ސަރުކާރު މަސައްކަތް ކުރަނީ. މުޅި ސަރުކާރުގެ ކޮންމެ މީހެއް ޒިންމާއަކީ ވެސް އެއީ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ ވަޢުދު ފުއްދާ ނަތީޖާ ނެރުމަށް. މުޅި ސަރުކާރުން މަސައްކަތްކުރަނީ އެ އަމާޒަށް. ކޮންމެ މަގާމަކަށް އައްޔަނުކޮށްފައިވާ މިހަކީ، މިކަމަށް މަސައްކަތްކުރަން އައްޔަނުކުރި މީހުން. މިނިސްޓަރެއްވިޔަސް، އެމްޑީއެއްވިޔަސް، އަދި އެންމެ އާދައިގެ މުވައްޒަފެއްވިޔަސް."

ރައީސް ވިދާޅުވީ 2،129 މަޝްރޫއުގެ މަސައްކަތް ނުވަތަ ވައުދު ފުއްދުމަށް މަސައްކަތް ކުރާއިރު އެކަންކަން ބަލަހައްޓައި ލީޑުކުރާނެ ވޯކްފޯސްއެއް ބޭނުންވާނެ ކަމަށެވެ.

"އެހެންމާ ނަތީޖާ ނެރުމަށްޓަކާ ވޯކްފޯސްއެއް މިގެންނަނީ. ނަތީޖާ ނެރެދިނުމަށް އެހީތެރިކަން ދިނުމަށްޓަކާ، ލީޑްކޮށް ދިނުމަށްޓަކާ. ބޭކާރު ގޮތުގައި ބަޔަކު އައްޔަން ނުކުރާނެ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ވޯކް ޕާފޯމެންސް ބެލޭނެ އުސޫލެއް މުޅިން އަލަށް ހަމަޖައްސާފައިވާ ކަމަށާއި ކޮންމެ ތިން މަހަކު ތިން މަހަކުން އެ މީހުންގެ ވޯކްޕާފޯމެންސް ރިޕޯޓް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން މަސައްކަތައް ފަރުވާކުޑަ މީހުން މަގާމުން ވަކިކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ ގާތްގަނޑަކަށް 49،000 ކަމަށެވެ. އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 997،000،000 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އޭގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރަ ދިނުމަށް މަހަކު ހަރަދުވަނީ 32،000،000 ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.