މި ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެއް ކަމަށާއި ބޭކާރުކޮށް އައްޔަންކުރެއްވި މީހެއް ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއަހަރާއި މިއަންނަ އަހަރުގެ ތެރޭގައި 2،130 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދައްޗެއް ނެތް ކަމަށާއި މުޅި ސަރުކާރުގެ އަމާޒަކީވެސް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިހާރު ކޮންމެ ދުވަހަކު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ ވަޢުދު ފުއްދާ ނަތީޖާ ނެރުމަށް. މުޅި ސަރުކާރުން މަސައްކަތްކުރަނީ އެ އަމާޒަށް. ކޮންމެ މަގާމަކަށް އައްޔަނުކޮށްފައިވާ މިހަކީ، މިކަމަށް މަސައްކަތްކުރަން އައްޔަނުކުރި މީހުން. މިނިސްޓަރެއްވިއަސް، އެމްޑީއެއްވިއަސް، އަދި އެންމެ އާދައިގެ މުވައްޒަފެއްވިއަސް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2،130 މަޝްރޫއުގެ މަސައްކަތް ނުވަތަ ވައުދު ފުއްދުމަށް މަސައްކަތް ކުރާއިރު އެކަންކަން ބަލަހައްޓައި ލީޑުކުރާނެ ވޯކްފޯސްއެއް ބޭނުންވާނެ ކަމަށެވެ.
"އެހެންމާ ނަތީޖާ ނެރުމަށްޓަކާ ވޯކްފޯސްއެއް މިގެންނަނީ. ނަތީޖާ ނެރެދިނުމަށް އެހީތެރިކަން ދިނުމަށްޓަކާ ލީޑްކޮށް ދިނުމަށްޓަކާ. ބޭކާރު ގޮތުގައި ބަޔަކު އައްޔަން ނުކުރާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ވޯކް ޕާފޯމެންސް ބެލޭނެ އުސޫލެއް މުޅިން އަލަށް ހަމަޖައްސާފައިވާ ކަމަށާއި ކޮންމެ ތިން މަހަކު ތިން މަހަކުން އެ މީހުންގެ ވޯކްޕާފޯމެންސް ރިޕޯޓް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން މަސައްކަތައް ފަރުވާކުޑަ މީހުން މަގާމުން ވަކިކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ ގާތްގަޑަކަށް 49،000 ކަމަށެވެ. އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 997،000،000 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އޭގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރަ ދިނުމަށް މަހަކު ހަރަދުވަނީ 32،000،000 ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު