ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިދިޔަ އަހަރަށްވުރެ ބޮޑަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ބައިނަލްއަގުވާމީ ޖަމިއްޔާ ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމުކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައިވާ ގޮތުން ރާއްޖޭގެ ނޫސްވެރިކަމަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނަސް އަދިވެސް ރާއްޖޭގައި ނޫސްވެރިކަން ކުރުން އޮތީ އުނދަގޫ ހާލަތެއްގައެވެ.

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައިވާ ގޮތުން ރާއްޖޭގެ މިއަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގައެވެ.

މިދިޔަ އަހަރު އާންމުކުރި "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައިވާ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތީ 52.46 ޕޮއިންޓާއެކު 106 ވަނައިގައެވެ. އެހެންކަމުން މިއަހަރު ރާއްޖޭގެ ނޫސްވެރިކަމުގެ ސްކޯއަށް ބަދަލެއް ނާންނާނެ ކަމަށް "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ބުންޏެވެ.

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައިވާ ގޮތުން 2023 އިން ފެށިގެން ރާއްޖެ ދަނީ ފަހަތައް ޖެހެމުންނެވެ.

އޭގައިވާ ގޮތުން ނޫސްވެރިކަން ކުރުން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެއްކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގެ ސަބަބުންނެވެ. އޭރު އެ ގާނޫނު ފަރުމާކޮށްފައިވަނީ ނޫސްވެރިންގެ ލިޔުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މީޑިއާތަކަށް ޕްރެޝަރު ކުރުމުގެ ގޮތުން ބޭނުންކުރި އަބުރުގެ ގާނޫނު، ރައީސް ސޯލިހުގެ ސަރުކާރުން އުވާލި ނަމަވެސް ހެއްކާ ބެހޭ ބިލު އިސްލާހުކޮށްފައިނުވާ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް 2018 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދަނީ މާލީ މިނިވަންކަމުގެ ނުފޫޒު ފޯރުވަމުން ކަމަށެވެ.