އިންޑިއާގެ ރިއަލިޓީ ޝޯ، "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ސެމީ ފައިނަލުން ރާއްޖޭގެ ބޭންޑު "ޓޫ އޮފް އަސް" ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުގައި ވާދަކުރާ ހަ ބޭންޑުގެ ތެރެއިން ރާއްޖޭގެ "ޓޫ އޮފް އަސް" އިން ޖާގަ ކަށަވަރުކޮށްފައިވަނީ މިއަދުގެ އެލިމިނޭޝަންގައެވެ.

އެލިމިނޭޝަން އެޕިސޯޑުގައި ސެމީގެ ޖާގަ ހޯދި ހަ ބޭންޑަކީ ރާއްޖޭގެ "ޓޫ އޮފް އަސް"ގެ އިތުރުން މޮރިޝަސްގެ ދެ ބޭންޑު ކަމަށްވާ "ނިކިލް އެންޑް ގޭންގް" އާއި "އެވާނެޓްސް" އާއި ސްރީލަންކާގެ "ނައިޓްސް" އާއި ތަޖިކިސްތާނުގެ "ދިލްސޭ" އަދި ނޭޕާލުގެ "ސްވަސްތިކް" އެވެ.

އެލިމިނޭޝަން އެޕިސޯޑުގެ ކުރިން "ޓޫ އޮފް އަސް" އިން ވަނީ ރޭގެ އެޕިސޯޑުގައި ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެ އެޕިސޯޑުގައި ބޭންޑުގެ ލީޑް ވޯކަލިސްޓް އަހުމަދު އަދުހަމްގެ އަމިއްލަ ލިރިކްސްއާއެކު ހުށަހަޅައިދިނީ އަރުޖިތު ސިންގް އާއި ޝްރެޔާ ގޯޝަލްގެ މަޝްހޫރު ލަވަ، "ވޭ ކަމްލިޔާ" އެވެ.

އެ ހުށަހެޅުމަށްފަހު ރޭގެ ޝޯގެ ގެސްޓް ޖަޖް، މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަދި ލަވަކިޔުންތެރިޔާ ސާލިމް މާޗަންޓް ވަނީ "ޓޫ އޮފް އަސް"ގެ ހުށަހެޅުމަށް ތައުރީފުކޮށްފައެވެ. މީގެ ކުރިން "ޓޫ އޮފް އަސް"ގެ ހުށަހެޅުމަށް މަޝްހޫރު ކޮމްޕޯސަރު އަނޫ މާލިކް ވެސް ވަނީ ތައުރީފުކޮށްފައެވެ.

މާދަމާގެ ގްރޭންޑް ފިނާލޭގެ ކުރިން "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ސެމީ ފައިނަލުގެ ހުށަހެޅުންތައް މިރޭ ކުރިއަށްދާނެއެވެ.