ކ. ހުރާގެ ކޮންމެ ހާފިޒަކަށް، އެ ރަށު ކައުންސިލުން 150،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ހުރާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެހެންކަމުން މި ޕްރޮގްރާމުގައި ބައިވެރިވެ، ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ ހާފިޒަކަށާއި އަދި މީގެ އިތުރުން ވެސް އަމިއްލަގޮތުން ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ ފަރާތަކަށް 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ދިނުމަށް ކައުންސިލުގެ 4 ވަނަ ދައުރުގެ 233 ވަނަ އާންމު ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ..،" އިއުލާނުގައި ބުންޏެވެ.

ޒުވާން ހާފިޒުން ތަމްރީނުކުރުމުގެ އިތުރުން ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް ހުރާ ކައުންސިލުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

ވަކިން ކުރި އިއުލާނެއްގައި ބުނީ ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ނުވަ އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އަށްވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލު އިދާރާއަށް، އައިޑީކާޑުގެ ސާފު ކޮފީއަކާއި ސްކޫލުގައި އުޅޭނަމަ، ބެލެނިވެރިޔާގެ ލިޔުން ހުށަހެޅުމަށް އެދޭ ކަމަށް ހުރާ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.