ހުޅުމާލޭ ސްކޫލެއްގައި ގްރޭޑު އެކެއްގެ ދަރިވަރަކު، ސްކޫލުން އެކަނި ނުކުމެގެންދިޔަ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހުޅުމާލޭ ސްކޫލެއްގައި ގްރޭޑު އެކެއްގެގެ ދަރިވަރަކު ސްކޫލު ގަޑީގައި، މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދުވެފައި ސްކޫލު ނެއިބާހުޑުގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިނިސްޓްރީގެ ކަމާ ގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް އެކަން އައިސް، މިނިސްޓަރާ ހަމައަށް އެކަން ރިޕޯޓުކުރީ މިއަދު މެންދުރުފަހު 3:11 ގައި ކަމަށާއި ފުލުހުންގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި ސްކޫލުން ކުރި މަސައްކަތުން މެންދުރުފަހު 3:31 ގައި ދަރިވަރު ހޯދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ދަރިވަރަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވައި ނިޒާމު ހަރުދަނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
"މި ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިސްމާއިލް ޝަފީއު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ސްކޫލަކީ އަމާން އުފާވެރި ވެއްޓެއްކަމުގައިވުމަށް އެދޭ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ