އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުން އަންނަ މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމެއްގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަޔާނެއް ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޭޖީ އޮފީހުގެ އޮފޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ފަަލަސްތީނު މައްސަލައިގައި އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި މިހާރު ކުރިއަށްގެންދާ އަޑުއެހުންތަކުގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އުޝާމް މާދަމާ އެ ކޯޓަށް ހާޒިރުވެ، ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް އެ ބަޔާނުގައި ހުރީ ކޮން ވާހަކަތަކެއްކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އައިސީޖޭ އިން ބަލަމުން އަންނަނީ އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުން އަންނަ އިންސާނީ އެހީތެރިކަމަށް އިޒްރޭލުން ހުރަސްއެޅުމަށް ކުރާ ކަންކަމާ ގުޅޭ މައްސަލައެކެވެ.

އެ މައްސަލަ އައިސީޖޭއަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަރާތުން އެ މައްސަލައިގައި ބައިވެރިވެ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އައިސީޖޭއަށް ލިޔުމުންވެސް ވަނީ ބަޔާން ހުށަހަޅައިފައެވެ.

ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ.