ސަރުކާރުގެ ލޯނު ހަރަދުގައި ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލް ކުރަމުންދާ ދައިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވަނީ، އެކަމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު މިނިސްޓްރީއަށް ދަރިވަރުންނަށް ފޯރު ނުކޮށްދެވިގެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދަރިވަރުންނަށް ފައިސާ ފޮނުވުން ލަސްވުމުގެ ޝަކުވާ ލިބެމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ވަގުތު އޮއްވައި މިނިސްޓްރީއަށް އެންގުމަށްފަހު ދަރިވަރު ސްކޯލާޝިޕަށް ފުރާނަމަ، ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި ކަނޑައެޅިފައިވާ އެހެން ކަންކަމަށް ދޭ ފައިސާ ޑޮލަރުން އެދަރިވަރާ ހަވާލު ކުރާ ކަމަށެވެ.
އެއަށްފަހު ދަރިވަރުދާ ގައުމުގެ ލޯކަލް ބޭންކުގައި އެކައުންޓް ހުޅުވުމަށްފަހު އެ އެކައުންޓަށް ފައިސާ ފޮނުވަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ މައުލޫމާތުތައް ލަސްނުވެ ފޮނުވުމަށް އަންގާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދަރިވަރަށް ފައިސާ ޖަމާކުރަމުންދަނީ، އެ ދަރުވަރު ކިޔަވަމުންދާ ކަމަށް ކިޔަވާ މަރުކަޒުން މިނިސްޓްރީއަށް އެންގުމުން އަހަރަކު ދެ ފަހަރު ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފޮރިން ޕޭމަންޓްގެ ގޮތުގައި ދަރިވަރުގެ ކޯސްފީ ޖަމާކުރަނީ އެ ދަރިވަރު ކިޔަވަމުންދާ ޔުނިވާސިޓީއަކުން ކޯސްފީގެ އިންވޮއިސް މިނިސްޓްރީއަށް ފޮނުވުމުން، އެ ޔުނިވާސިޓީއަށް ކަމަށެވެ.
"ޓީއުޝަން ފީ ދެއްކުމަށާއި ސްޓައިޕަންޑް ޖަމާކުރުމަށްޓަކައި، ދަރުވަރުން މިނިސްޓްރީއާ ހިއްސާކުރާ ބޭންކު އެކައުންޓްގެ މައުލޫމާތު، ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުުމުގެ ސަބަބުން ފައިސާ ޖަމާ ކުުރުގައި ދަތިތަކާ ކުރިމަތިވޭ. އަދި މައުލޫމާތު ފުރިހަމަ ކުރުމަށް އެދި އަލުން ޔުނިވާސިޓީއަށާއި ދަރިވަރަށް އެންގޭ އަދި މި މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމުގައި ވެސް ވަގުތު ހޭދަވޭ. މިއީ ފައިސާ ޖަމާކުރުމުގައި ލަސްތައް ދިމާވާ މައިގަނޑު ސަބަބެއް. އެކަމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭ ކަރުދާހެއް، ތައްޔާރުކޮށް ދަރިވަރުންނާ ހިއްސާ ކުރެވެމުންދޭ،"
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓިއުޝަންފީ ޖަމާ ކުރަމުންދާނީ އެ ދަރިވަރު ކިޔަވަމުންދާ ޔުނީވާސިޓީއަކުން، ޓިއުޝަންފީގެ އިންވޮއިސް ލިބުމުން ކަމަށެވެ.
އެހެންކަމުން އިންވޮއިސް ލަސްވާނަމަ، ފައިސާ ޖަމާކުރުން ލަސްވާ ހާލަތު އަންނަ ކަމަށާއި އެކަން ހައްލު ކުރުމަށް ޓިއުޝަންފީ ޖަމާކުރާނެ ގޮތުގެ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްގައިވާ ތާރީހަށް ފައިސާ ޖަމާކުރަން ބޭނުންވާ އިންވޮއިސް ހޯދުމަށް މިނސިްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ލޯނު ފައިސާ ޖަމާކުރަނީ، އެގްރީމެންޓްގައި ދަރުވަރު ހިމަނާފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަށް، ފުރަތަމަ ޕޭމަންޓަށްފަހު ދެން ކޮންމެ ޕޭމަންޓެއް ޖަމާކޮށްދެނީ ހަ މަސްފަހުން، ނަމަވެސް އެގޮތަށް ޕޭމަންޓް ޖަމާކޮށްދެނީ، އެ މަރުކަޒެއްގައި ދަރިވަރު ކިޔަވަމުންދާކަން، އެތަނުން މިނިސްޓްރީއަށް އެންގުމުން، އެއީ ކިޔަވަމުން ނުދާ ދަރިވަރެއްގެ ނަމުގައި ފައިސާ ހަރަދުކުރުން ހުއްޓުވުމަށް،"
ނަމަވެސް މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އަންގާފައިވާގޮތާ ހިލާފަށް، ބައެއް ދަރިވަރުން ފޮނުވަނީ ޕްލޭސްމެންޓް ލެޓާ ފަދަ ދަރިވަރު ކިޔަވަމުންދާކަން ކަށަވަރު ކުރެވެން ނެތް ލިއުންތައް ކަމަށެވެ.
އެކަމުގެ ސަބަބުންވެސް ފައިސާ ދޫކުރުން ލައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް