އިލްމީ ރޮނގުން ކުރިއެރުން ހޯދައި، ގާބިލުކުރަން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު މިހާރު މެލޭޝިއާއަށް ކުރިއަށްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މައުލޫއަށް މިއަދު ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ އިސްލާމީ އުންމަތުގެ ފަހުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވައިފައެވެ.
ރައީސް ވިދާޅުވީ ތާރީހުން އެނގޭގޮތުގައި އިސްލާމީ މުޖުތަމައުތަކުން ތައުލީމު ކުރިއެރުވުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އިންފްރާންސްޓްރަކްޗާއަށް އިންވެސްޓް ކޮށްފައިވާ ކަމަށާއި އިސްލާމީ ގައުމުތަކުން ކުރިއަށްދާންވީ އެކަން ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.
މީލާދީން އަށް ވަނަ ގަރުނުން ފެށިގެން 14 ވަނަ ގަރުނަށް ދެމިގެންދިޔަ އިސްލާމީ އުންމަތުގެ "ރަން ޒަމަނާށް" އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ އިލްމާއި އީޖާދުތަކުގައި މުސްލިމުން އެންމެ ކާމިޔާބު ދުވަސްވަރު ކަމަށާއި އެކަމަށް ހެކިދޭ އެތައް ކަމެއް މިއަދުވެސް ފެންނަން އެބަހުރި ކަމަށެވެ.
ރައީސް ވަނީ، ޒަމާނީ، ފިކުރީ ހުޅުކޮޅު ރޯކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާއެކުގައި ކަމަށް ވިދާޅުވެފައެވެ. އެކަން ކުރުމަށް ދުނިޔޭގެ ފެންވަރުގެ ޔުނިވަސިޓީތަކާއި ދިރާސާކުރާ މުއައްސަސާތަކާއި ޑިޖިޓަލް މަންސަތައް ގާއިމުކުރަން ޖެހޭ ކަމަށާއި ސައިންސާއި އަގީދާއަކީ ތައާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، އެއީ ކުރިއެރުމުގެ ބިންގާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، މުސްލިމު ގައުމުތައް ބައިވެރިވާ ރިސާޗް ހަބްތަކާއި އިނޮވޭޝަން އިންކިއުބޭޓަތަކާއި ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ގާއިމުވެފައި ހުރުން މުހިންމު ކަމަށެވެ. އެގޮތުން، ސައިންސާއި ދެމެހެއްޓެނިވި އުސޫލުތަކާއި އަހުލާގިއްޔަތާ މެދު ބައިނަލްއަގުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިސްނެންގެމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް ވަނީ، ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވައި އެ އަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިސްލާމީ ހަޟާރަތުގެ މީރާހަށް ހައްގު ޝަރަފު ހޯދައިދޭން އަޒުމު ކަނޑައަޅައިފި ނަމަ، ސިއްހީ ދާއިރާގައްޔާއި ހަކަތައިގެ ދާއިރާގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިން ފަދަ، ދާއިރާތަކުގައިވެސް އިންގިލާބީ ހޯދުންތައް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު