އަވަސްވި ހިތުގެ ވިންދުތައް ހަމައަކަށް އެޅުވޭތޯ މައިހާ ބެލިޔަސް ކާމިޔާބެއް ނުވިއެވެ. އެންމެންގެ ނަޒަރު އޭނައަށް ހުއްޓުމުން ލިބުނު ހާސްކަމުގައި އަތުގައި މަޑު ތުރުތުރުލުމެއް އުފެދުމާއެކު، އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލެވުނެވެ. ޖަވާބަކަށް ޤައިލާ އިންތިޒާރުކުރާތީ މައިހާއަށް އިތުރު އުދާސްކަމެއް ލިބުނެވެ. އާދަޔާ ޚިލާފަށް ހޫނުވާހެން ވެސް ހީވިއެވެ.
''ކިހިނެއްވީ އެއްޗެއް ނުބުނީ، ހުރޭ ދޯ؟...'' މައިހާއަށް އައި ބަދަލުތައް ފެނުމާއެކު ޤައިލާގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. މައިހާގެ ހިމޭންކަމުން ޤައިލާއަށް ލިބުނީ ޖޯޝެވެ.
''ރަނގަޅަށްތަ މިބުނެވުނީ؟...'' މައިހާ ތަޅުވާލަން ޤައިލާ ސުވާލަކަށް ފަހު ސުވާލެއް ފެންމަތިކުރަން ފެށިއެވެ.
ރަމީޒާ ވެސް މައިހާއާއި ދިމާއަށް އެނބުރުލިއެވެ. ޤައިލާގެ ސުވާލުން މައިހާ ހުއްޓުން އެރުމުން ރަމީޒާ ހައިރާންވިއެވެ. މައިހާގެ ހަޔާތަށް ބައިވެރިޔަކު އައީ ބާވާއޭ ވެސް ހިތާއި ސުވާލުކޮށްލެވުނެވެ. މައިހާގެ ހިމޭންކަމުގެ ފަހަތުގައިވާ ސިއްރަކީ އެއީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ އޭނަ ކިތަންމެހާ ވެސް އުފާވާނެއެވެ. ހަޤީޤަތުގައި މައިހާ ހުސްހަށިބަޔަށް ހުންނާތީ ރަމީޒާ ފިކުރުބޮޑުވެއެވެ. ރަށު ތެރޭގައި ވެސް ފާޑުފާޑުގެ ވާހަކަ ދެކެވެން ފަށައިފިއެވެ. ކުއްޖަކާއި ރައްޓެހި ނުވާތީއެވެ. ކައިވެންޏާއި މެދު ނުވިސްނާތީއެވެ.
ރަމީޒާ ހުންނަނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ކައިވެނި ކުރުމުގެ މުހިންމުކަމާއި ދިރިއުޅުމެއް ފެށުމުން ލިބޭނެ އުފާވެރިކަމާއި ގުޅުވައިގެން އޭނަ މައިހާއަށް ނަސޭހަތް ދިނެވެ. ބައެއްފަހަރު ހިތަށް ވެރިވާ ޚިޔާލުތަކުން ރަމީޒާ ހާސްކޮށްލައެވެ. މައިހާ ކުއްޖަކާއި ރައްޓެހި ނުވަނީ ލޯބީގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން ކަމަށް އޭނައަށް ހީކުރެވޭތީއެވެ. އެކަމާއި އަސަލްއާއި ގުޅުވާލެވޭތީއެވެ. އެހެންނަމަވެސް އެކަމަށް އެއްބާރުލުން ލިބޭނެ ހެއްކެއް އޭނައަކަށް ނުފެނެއެވެ. އިސްވެ މައިހާ ގާތު އަމުދުން އަހާކަށް ނުކެރެއެވެ.
އަސަލްއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މައިހާގެ ޖަވާބު އައިސްފާނެ ގޮތެއް ލަފާކޮށްލަން ނޭނގޭތީއެވެ. ތެދަށް ބުނާނަމަ އެސުވާލުގެ ޖަވާބު އޭނަ ބޭނުމެއް ނޫނެވެ. އަމިއްލަ އެދުމެއް ހިތުގައި ވާތީއެވެ. އެއީ ގޯސް ޚިޔާލެއްކަން އެނގޭއިރުގައި ވެސް މެއެވެ.
''އޯހ، ސިއްރުކުރަނީދޯ؟...'' ޤައިލާ ދުލެއް ނުކުރިއެވެ. މައިހާއަށް އުނދަގޫވެފައި އިންކަން އެނގޭތީ އިތުރަށް ތަޅުވާލުމަށެވެ. މައިހާގެ އުދާސްކަމުން ޤައިލާއަށް އުފާވެރިކަން ގެނެސްދިނެވެ.
އަސަލްގެ ނަޒަރު މައިހާގެ މޫނާއި ވަކިނުވެއެވެ. އިސްޖަހާލައިގެން މައިހާ އިންނަން ފެށުމުން މައިހާ އިނީ ޤައިލާގެ ސުވާލުތަކުން އުނދަގޫވެފައިކަން އަސަލް ދެނެގަތެވެ. ޤައިލާ ދޫނުދޭތީ އެކަމާއި އަސަލް ހިތްހަމަނުޖެހުނެވެ. ރުޅި އާދެވުނެވެ. އެސުވާލު ޤައިލާ ކުރަނީ މައިހާ ދެރަކޮށްލަންށޭ އޭނައަށް ހީވާން ފެށިއެވެ. ކާމޭޒު ދޮށުގައި ކުއްލިޔަކަށް އެމައުޟޫޢުއަށް ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މައިހާއާއި ބައްދަލުވީއްސުރެން ޤައިލާ ދެމުންދާ ބަހުގެ ހަމަލާތައް ވަނީ އޭނަގެ ސަމާލުކަމަށް އައިސްފައެވެ. އަސަލްގެ ޒަމީރު ދިޔައީ ފެންނަ މަންޒަރުތަކުގެ މާނަ ދޭހަކުރަން މަސައްކަތްކުރަމުންނެވެ.
''މޭއި...'' ޤައިލާ ގޮވާލައިފިއެވެ. މައިހާގެ ޖަވާބެއްގެ އިންތިޒާރުގައި އިންކަން އަންގާލީއެވެ.
''އާމްމް... ނުހުރޭ...'' މައިހާއަށް ބުންޏެވެ.
މައިހާގެ ޖަވާބާއެކު ރަމީޒާގެ އުއްމީދުތައް ބަދަލުވީ މާޔޫސްކަމަށެވެ. ދަރިންގެ މައްޗަށް ކަންކަމުގައި ބަސްބުނެ ބާރުފޯރުވުމަކީ އެއްއިރެއްގައި ވެސް ރަމީޒާ ކުރާނެ ކަމެއް ނޫނެވެ. ހަޔާތުގެ ބައިވެރިޔަކު މައިހާއަށް ހޯދައިދިނުމުގެ ވިސްނުމަށް އޭނަ އަމަލުނުކުރަނީ ވެސް އެހެންވެގެންނެވެ. ރަމީޒާ ވާގިއަށް އެދުނީ މާތްﷲގެ ހަޒްރަތުންނެވެ. ހެޔޮލަފާ، ދީނަށް ލޯބިކުރާ ބައިވެރިޔަކު ދަރިފުޅަށް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކޮށްލެވުނެވެ.
ކަރުތެރެ ހިކިފައިވާތީ، ކައިރީގައި ހުރި ފެންތަށި ނަގައި ދެތިން ކޯވަރު މައިހާ ބޯލިއެވެ. މައިހާ އުއްމީދުކުރީ އެހިސާބުން ޤައިލާ އެމައުޟޫޢުއަށް ވާހަކަދެއްކުން ހުއްޓާލާނެ ކަމަށެވެ. އަސަލް ކުރިމަތީގައި އަމިއްލަ ދިރިއުޅުމުގެ ޒާތީ މައުލޫމާތުތައް ހިއްސާކުރަން މައިހާއަށް ފަސޭހަކަމަކަށް ނުވިއެވެ
މައިހާގެ ޖަވާބުން ހިތްހަމަޖެހުމުގެ ބަދަލުގައި އަސަލްގެ ދެލޮލުން ފާޅުވީ މޮޅިވެރިކަމެވެ. މައިހާގެ އަޑުގައި އެކުލެވިގެންވި މާޔޫސްކަމުން ހިތުގެ ހިމަ ނާރުތަކާ ކުޅެލައިފިއެވެ. އެއާއެކު މޭގައި ނުފިލާ ހުންނަ ރިހުން ގަދަވާން ފެށިއެވެ. އެއީ މައިހާއަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫންކަން އޭނަ ދެނެގަތެވެ. ހާއްސަކޮށް ރަމީޒާގެ ކުރިމަތީގައެވެ. އެކަމަށް މައިހާއަށް ޤައިލާ މަޖުބޫރުކުރީތީ އަސަލް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.
''ބަޓް ވައި؟، ސިންގަލްކޮށް ހުންނާކަށް ނުވާނެޔޭ...'' ޤައިލާގެ ރާގުން މައިހާ ހުސްހަށިބަޔަށް ހުންނަ ސަބަބުގެ އޭނައަށް އެނގޭ ކަހަލައެވެ. ޤައިލާގެ ތުންފަތުގައިވި ސިއްރުވެރި ހިނިތުންވުމުން އެކަމަށް ހެކިދިނެވެ. އެކަމުގެ ހިލަން މޭޒުދޮށުގައި ތިބި އެއްވެސް މީހަކަށް ނުވިއެވެ.
''އެލީ...'' އަސަލްގެ ކެތްތެރިކަން ކޮޅުންލުމާއެކު، ޤައިލާއާއި ދިމާއަށް އެނބުރިލިއެވެ. ނުރުހުމާއެކު ޤައިލާގެ ނަމުން އޭނައަށް ގޮވާލެވުނުކަން ރޭކާލީ މަންމަގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުމުންނެވެ. މަތިއޮމާން ކުރަން ޤައިލާގެ ގާތަށް ޖެހިލަމުން، މޭޒުމަތީ އޮތް ޤައިލާގެ އަތްތިލައިގައި އަސަލް ހިފާލިއެވެ.
''އެހާ ގިނައިން ޕާސަނަލް ކަންތައް އަހާކަށް ނުވާނެޔޭ...'' އޭނަގެ ރާގު ބަދަލުކޮށްލަމުން އަސަލް ބުންޏެވެ.
''އޯހ، ސޮރީ މޭއި، އެހެން ބުނި އެއްޗެއް ނޫން އިނގޭ، އެހާ ދުވަސްފަހުން ބައްދަލުވީމަ ހަމަ އަހާލެވުނީ...'' ޤައިލާ ނޫންކަމަށް ހެދެމުން މަޢާފަށް އެދުނެވެ. މޮޅިވެރިކަމާއެކުގައެވެ. އޭނައަށް މައިހާގެ ހަމްދަރުދީ ލިބޭނެ ހެންނެވެ.
''އިޓްސް އޯކޭ، އެލީ އެހުމަކުން މައްސަލައެއް ނެތޭ... އަހަރެން ސިންގަލް، މިވަގުތު ފޯކަސް ހުރީ ކެރިއާއަށް...'' މައިހާ ބުންޏެވެ. އިސްއުފުލާލަމުން މައިހާ ހިނިތުންވެލިއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު އަނބުރާ ލިބުނީއެވެ. ހާސްކަމާއި ދުރުވެލަމުން އާދައިގެ މަތީން އޭނަގެ ވޭނީ ފަލްސަފާ އުފާވެރިކަމުގެ ފަހަތުގައި ކަޝްފުކޮށްލިއެވެ.
''ކެރިއާއަށް ފޯކަސްކުރުން ގޯހެއް ނޫނޭ، ދޯ އަޒް؟...'' ޤައިލާ ބަލައިލީ އަސަލް އަށެވެ. އަސަލްގެ ދުލުން އެއްޗެއް ބުނުވަން އުޅުނު ފަދައެވެ. އަސަލް ޚިޔާރުކުރީ ހިމޭންކަމެވެ. އޭނަ ހަމައެކަނި ބޯޖަހާލީއެވެ. ޤައިލާއާއި ދިމާއަށް މަންމަމެން ކުރިމަތީގައި އެއްޗެއް ބުނެވިދާނެތީއެވެ. ޤައިލާ އޭނަގެ ކެތްތެރިކަން އިމްތިހާނުކުރާ ކަހަލައެވެ.
އަސަލްއާއި ޤައިލާގެ ދެމެދަށް ވެރިވި ނުތަނަވަސްކަން ޖާހަތުގެ ސަމާލުކަމަށް އައެވެ. އޭނަ ފަރުވާތެރިކަމާއެކުގައި އަސަލްއާއި ޤައިލާއަށް ބަލައިލިއެވެ. ދެބަސްވުމެއްގެ ކޮޅުމަތި އޭނައަށް ފެނުނެވެ. ހިސާބަކަށް ހިތް ނުތަނަވަސްވާ ގޮތް ވެސް ވެއްޖެއެވެ. ކުރިން އޭނައަށް ފެނުނު ގާތްކަމާއި ލޯބި އެދެމެދުގައި ނުވާހެން ފާހަގަ ވާތީއާއެކުގައި ވެސް މެއެވެ. ޖާހަތަށް އިނދެވުނީ ޤަބޫލުކުރަންވީ ކޯޗެއްކަން ނޭނގިފައެވެ. އެއާޕޯޓުން އަސަލް ފެނުމާއެކު އޭނައަށް ހީވީ ކަމެއް ގޯސްކޮށް އުޅޭހެންނެވެ. ނަމަވެސް ޤައިލާއާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުން އޭނައަށް އުއްމީދުކުރެވުނީ އޭނަގެ ކަންބޮޑޮވުންތަކުގައި ހަޤީޤަތެއް ނުވާ ކަމަށެވެ. ނަމަވެސް، މިހާރު ލޮލަށް ފެންނަ މަންޒަރުތަކުން އޭނައަށް ކަމެއް އަންގައިދޭން އުޅޭ ކަހަލައެވެ. މައިވަންތަކަމުގެ ހިއްސުތަކުން އޭނައަށް ބުނެދިނީ ގޯހެއް އުޅޭކަމުގައެވެ. ޖާހަތު ބިރުގަންނަން ފެށީ އެހެންވެގެންނެވެ.
ރޭގަނޑުގެ ކެއުން ނިންމާލާފައި ތަށިތައް ނެގުމުގައި ޖާހަތަށް އެހީވެދިނީ މައިހާ އެވެ. މައިހާ ކުރާތީ ޤައިލާ ވެސް ބޯކޮއްޕާލިއެވެ. ކޮންމެ ކަމެއްގައި މައިހާއާއި ވާދަކޮށް ކުރިއެރުމަކީ ޤައިލާގެ އަމާޒެވެ.
ބޮޑުކޮޓަރިއަށް ދިއުމުގެ ބަދަލުގައި އަސަލް މަޑުކޮށްލައިގެން އިނީ ކާމޭޒު ދޮށުގައެވެ. އަތުގައި އޮތް ފޯނާ ކުޅެން އިނަސް، އޭނަގެ ސަމާލުކަން ހުއްޓިފައިވަނީ ޤައިލާ އަށެވެ. މައިހާ ކުރާތީ އެކަމެއް ކުރަން ޤައިލާ ޖެހެއެވެ. މައިހާގެ ކުރިކަނޑާލައި ޤައިލާ ވާހަކަދައްކަނީ ފަރުވާލެއް ނެތިއެވެ. މައިހާއަށް ސިއްރުން މޫނަށް ގެންނަ ހަރަކާތްތަކުގައިވާ ނުރުހުންތެރިކަން ވެސް އަސަލްގެ ލޮލުގައި އަޅައިގަތެވެ. އޭނަގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެކުވެރިކަމުގެ ހިޔަނީގައި ފިލާ ހުއްޓަސް، ޤައިލާގެ ހިތުގައި އޮތް ހަސަދަވެރިކަން ސާފުކޮށް އަސަލްއަށް ފެންނަމުން ދިޔައެވެ. ވިސްނާވިސްނާ ނޭނގުނީ މައިހާ ދެކެ ޤައިލާ ހަސަދަވެރިވާންޖެހޭ ސަބަބެކެވެ. އެންމެފަހުން ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލުގައި ރިއްސާ ގޮތް ވެއްޖެއެވެ.
''އައިމް ސޮރީ...'' ސިންކު ކައިރީގައި އުޅުނު މައިހާއާއި ކައިރިއަށް ޖެހިލަމުން ޤައިލާ ބުނެލިއެވެ. އޭރު ސިންކު ކައިރީ ތިބީ އޭނައާއި މައިހާ އެކަންޏެވެ. ޖާހަތު އުޅުނީ ބާކީ ހުރި ކާއެއްޗިސް ކޮންޓެއިނަރަށް ލައި ފަހަށް ރައްކާކުރާށެވެ.
''ކޮންކަމަކަށްތަ؟...'' މައިހާއަށް ހައިރާންކަމާއެކު އަހާލެވުނެވެ.
''ޕާސަނަލް ލައިފާ ގުޅުވައިގެން ސުވާލުކުރެވުނީތީ... ޔޫ އާ ސަޗް އެ ސްވީޓްހާޓް، އެހެންވެ މޭއި ސިންގަލް ވެދާނެހެން ހީނުވާތީ އަހާލެވުނީ... ކޮންމެ ފިރިހެނަކު ވެސް މޭއި ފެނިފަ ބަސްހުއްޓޭނެ، އެހާ ވެސް ރީތި، އަދި އެހާ މޮޑެސްޓްކޮށް މޭއި ހެދުންއަޅަނީ ވެސް، ޔޫ އާ އަ ނައިސް ޕާސަން، ޔޫ ކޭން ގެޓް އެނީވަން ޔޫ ވޯންޓް......'' ޤައިލާ ބުންޏެވެ.
ތަށި ދޮންނަން އުޅުނު މައިހާއަށް ޤައިލާގެ ޖުމްލައާއެކު މަޑުޖެހިލެވުނެވެ. އެއާއި ވިދިގެން ދޭނެ ރައްދެއް ނޭނގުމުން މައިހާއަށް ނުތަނަވަސްކަމާއެކުގައި ހިނިތުންވެލެވުނެވެ. އޭނަ ހުރީ ލަދުގެންފައެވެ.
''ވަގުތު ނުޖެހެނީއޭ...'' މައިހާ ބުންޏެވެ.
''އައި ސީ...'' ޤައިލާ ބުނެލިއެވެ.
*****
ތަށިތައް ދޮވެ ނިންމާލާފައި އެންމެން ދިޔައީ ބޮޑު ކޮޓަރިއަށެވެ. ރަމީޒާ ވަރުބަލިވާތީ އޭނައަށް ގިނަ އިރު މަޑެއް ނުކުރެވުނެވެ. އެއާއެކު ގެސްޓްހައުސްއަށް ދާން މައިހާ އަވަސްވެގަތެވެ.
''އަދިވާނެ ފަހުން ބައްދަލުކޮށްލަން...'' މައިހާ ދިއުމުގެ ކުރިން ޤައިލާ ބުންޏެވެ. މައިހާ ބޯޖަހާލިއެވެ. މައިހާއަށް ހިނިތުންވެލަމުން އަސަލްގެ ގާތަށް ޤައިލާ ޖެހިލިއެވެ. އެދެމެދުގައި އޮތް ލޯބި މައިހާއަށް އިޝްތިހާރުކޮށްލުމަށެވެ.
''މަންމަ އަންނާނަން ރަމީޒާމެން ފޮނުވާލާފަ...'' ރަމީޒާއާއެކު އެޕާޓްމެންޓުން ޖާހަތު ނިކުތެވެ. ރަމީޒާމެންގެ ފަހަތުން މައިހާ ވެސް ދާން ހިނގައިގަތެވެ. އޭގެ ކުރިން ވަދާއުގެ ސަލާން ބަދަލުކޮށްލުމުގެ ނިޔަތުގައި މައިހާ ފަސްއެނބުރުލިއެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެލީ ފެނުނު މަންޒަރަކުންނެވެ.
ޖާހަތު ނިކުތުމާއެކު ޤައިލާ ދެކެ ހިތްހަމަނުޖެހިފައި ހުރި އަސަލްއަށް ޤައިލާއާއި ދުރަށް ޖެހިލެވުނީ އިހްތިޔާރަކާ ނުލައެވެ. ދެލޯ ވެސް ހަނިކޮށްލެވުނެވެ. ނުރުހުންތެރިކަން އަސަލްގެ މޫނުން ސާފުކޮށް ފެނެއެވެ. މައިހާ ފަސްއެނބުރި ބަލައިފާނެ ކަމަކަށް އަސަލް ހުރީ ތައްޔާރުވެގެންނެއް ނޫނެވެ.
މައިހާގެ ނަޒަރު އިހުސާސްވުމާއެކު، ގަދަކަމުން އަސަލް ހިނިތުންވެލައިފިއެވެ. ރުޅީގެ ހޫނުކަން ސިއްރުކުރުމަށެވެ. އިރުކޮޅެއް ވަންދެން އަސަލްއަށް ބަލަން ހުރެފައި މައިހާ ވެސް ރައްދުގައި ހިނިތުންވެލައިފިއެވެ. އޭނައަށް ކަމެއް ފާހަގަ ކުރެއްވިއްޖެކަން މޫނުމަތިން މައިހާ ނުދެއްކިއެވެ. ޤައިލާގެ އެކުވެރިކަމުން ހިތަށް ލިބުނު ހަމަޖެހުން އޭރު ގެއްލިއްޖެއެވެ.
އެޕާޓްމެންޓުން ނިކުންނަމުން އަދިވެސް އެއްފަހަރު ވަކިވަކިން އަސަލްއާއި ޤައިލާއަށް މައިހާ ބަލައިލިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭހެން އޭނައަށް ހީވާން ފަށިއިފިވެ. އަސަލްގެ މޫނުން ފެނުނު ނުރުހުމުގެ އަސަރުތަކުން އެކަމަށް އެއްބާރުލުން ދިނެވެ. ހަމައެއާއެކު އަސަލްގެ ގާތުގައި ޤައިލާ ހުއްޓަސް، ޤައިލާގެ ފަރާތުން ގާތްކަމެއް މައިހާއަކަށް ނުފެނުނެވެ. ކުރިން އޭނައަށް ފާހަގަ ނުކުރެވުނީ ކީއްވެގެންބާވައޭ ވެސް ހިތަށް އެރިއެވެ.
''އާރ ދެއި ހެޕީ؟...'' ހިތަށް ގޯނާކުރަން ފެށި ސުވާލު މައިހާއަށް ތަކުރާރުކޮށްލެވުނެވެ. އެވިސްނުމުގައި ހުރެ ލިފްޓާއި ދިމާއަށް އޭނަ ދިޔަ އެވެ.
*****
އެޕާޓްމެންޓްގެ ދޮރު ލެއްޕުމާއެކުގައި ޤައިލާ ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ. ކުރިއަށް ހިނގަމުން ދަނިކޮށް، ސޯފާ މަތީ އޮތް ކޮތަޅު ފެނުމުން ތުން އަނބުރާލެވުނެވެ. ޤައިލާ ކޮތަޅު ނެގިއެވެ. އެހިފައިގެން ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ޤައިލާ މިސްރާބުޖެހީ ބަގިދެއާއި ދިމާއަށެވެ. ޤައިލާގެ ފަހަތުން އަސަލް އައެވެ.
އަތުގައި އޮތް ކޮތަޅު ޤައިލާ އުޅުނީ ޑަސްބިނަށް ލާށެވެ. އޭގެ ކުރިން އަސަލް ފިޔަވަޅުތައް އަސަވްކޮށްލައި ޤައިލާގެ އަތުން ކޮތަޅު ހޯދައިފިއެވެ. މައިހާ ދިން ހަދިޔާއެއްކަމަކު، ޤައިލާގެ ކުރިމަތީގައި އޭގެ އެއްވެސް އަގެއްނުވާ ކަހަލައެވެ. އަސަލްއަށް ސިފަކުރެވުނީ އެހަދިޔާ ދިން އިރު މައިހާގެ ތުންފަތުގައިވި ހިނިތުންވުމެވެ. އަސަލްއަށް އޭނަގެ ރުޅި އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ޤައިލާގެ އަމަލުތަކުން ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ އަވަސްވެގަތެވެ. ނަފުރަތާއި ހަސަދައިގެ ފަހަތުގައިވާ ސަބަބު ވެސް މެއެވެ.
''ކީއްކުރަން ތިއުޅެނީ؟...'' ޤައިލާ އަތުން ކޮތަޅު އަތުލަމުން އަސަލް އެހިއެވެ.
އަސަލްއަށް ބަލައިލަމުން ޤައިލާ ޖަހާލީ ހިނިގަނޑެކެވެ. އަސަލްގެ ލޭ ހޫނުވެ ކެކިގަތެވެ.
''އަހަންނަށް ނުކެވޭނެތީ ޑަސްބިނަށް ލަނީއެއްނު، މިކަހަލަ ޖަންކް ފުޑް ކަހަލަ އެއްޗިސް އަހަރެން ނުކާނެކަން އަސަލްއަށް ރަނގަޅަށް އެނގޭނެ.... އަސަލް ތިއުޅޭ ގޮތެއްދޯ...'' ޤައިލާ ދެފަރާތަށް ބޯހޫރާލިއެވެ. އަސަލް ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ.
''ތި ސުވާލު ކުރަން ޖެހޭނީ އަހަރެން...'' އަސަލް ބުނެލިއެވެ.
''އެޔޯ؟...'' ޤައިލާ ދެނެހުރިކަމަކަށް ނުހެދިއެވެ. ގަސްދުގައި އަސަލް
''ކީއްވެގެން މޭއިއާ މެދު އެހެން ކަންތައް ކުރީ؟...'' އަސަލް އެހިއެވެ.
''އަހަރެން ކަމެއްކޮށްފިންތަ؟...'' ހަށަން ބަނދެލަމުން ޤައިލާ ބުންޏެވެ. ޤައިލާ އުޅުނީ އަސަލްއަށް ފުރަގަސްދޭށެވެ. އޭގެ ކުރިން ޤައިލާގެ ވާއަތުގެ ހިކަނދިމަސްގަނޑުގައި އަސަލް ހިފެހެއްޓިއެވެ. ފަސޭހައިން ޤައިލާ ދިއުމުގެ ފުރުސަތެއް އަސަލް ނުދިނެވެ.
''އަހަންނަށް ނުފެންނީ ކަމަށްތަ ޤައިލާ ހީކުރަނީ... ކީއްވެގެން މޭއި ދެކެ ތިހާ ރުޅި އަންނަނީ؟، މޭއި އަންނަ ވާހަކަ ބުނީއްސުރެން ޤައިލާގެ ފަރާތުން ފެނުނީ ރުޅިވެރިކަން... މިރޭ މޭއިއާ ހެވިފަ ވާހަކަދެއްކިޔަސް އެއްވެސް ގާތްކަމެއް ނެތް، ޤައިލާގެ ވާހަކަތަކުން ހީވަނީ ނުނިޔަތެއް ވާހެން، މުޅިން ވެސް މޭއި ހާސްކޮށްލަން ބޭނުންވީ... އެއީ ކީއްވެ؟، މޭއި އަކީ ޤައިލާގެ އެކުވެރިއެއް ނޫންތަ؟، ތިހާ ރުޅި އަންނަން ޖެހޭ ސަބަބެއް އޮތްނަން ވާނެ...'' ޤައިލާގެ މޫނާއި މޫނު ކައިރިކޮށްލަމުން އަސަލް ބުނީ ދަތްކުނޑިވިކައިގެން ހުރެއެވެ. އެދެލޮލުން ފާޅުވާ ރުޅިވެރިކަމުން ޤައިލާ ޖެހިލުންވިއެވެ.
''ތީ އަސަލްއަށް ހީވާ ގޮތް...'' ފާޅުގައި ޤައިލާ ދެކޮޅު ހެދިއެވެ. އޭނަ ހުރީ އަސަލްގެ މޭގައި އަތްވިއްދާލައިގެންނެވެ.
''ތިބުނަނީ އަހަންނަށް އޮޅުންއެރީއޭތަ؟...'' އަސަލްއަށް ޤަބޫލެއް ނުކުރެވުނެވެ.
''އާނ، އަބަދު އަސަލްއަށް ގޯސްވާނީ އަހަރެން، އެހެންވީމަ އަސަލްއަށް ތުހުމަތު އެޅުވޭނީ ވެސް އަހަރެންގެ ބޮލުގަ، ނޫންތަ؟..'' ޤައިލާ ފުސް މޫނު ހަދާލިއެވެ.
''ބަލަ އަހަންނަށް ފެނުނޭ...'' އަސަލްގެ އަޑު ބާރެވެ. ''މޭއިގެ ޕާސަނަލް ލައިފާ ބެހޭ ގޮތުން އެންމެން ކުރިމަތީ ސުވާލުކުރަން ޖެހޭތަ؟، އެހާ އެނގެން ބޭނުންނަމަ ވަކިން އަހާލެވުނީސްދޯ؟...''
''ކޯޗެއް ނުބުނެވިގެން އަސަލް ތިއުޅެނީ؟، އޭނ؟، އަހަންނަށް މިތަނުގައި ފެންނަނީ އަސަލްގެ މައްސަލަ، މޭއި ޝަކުވާކުރިތަ؟، އެއްޗެކޭ ބުނިތަ؟، ނުބުނޭ!، ދެން ކޮން ވަރެއްތަ އަސަލްއަށް ތިއަރަނީ؟، އަހަރެން ކޮންމެ ސުވާލެއް ކުރިޔަސް އަސަލްއަށް ކީއްތަ؟، ތީ މޭއިގެ ކާކުތަ؟، މޭއިގެ ލޯބިވެރިޔާއެއް ނޫނޭ ތީ... އަސަލް ތީ އަހަރެން ފަދައިން މޭގެ ރައްޓެއްސެއް، އެހެންވީމަ އެކަން ދެނެގެން އުޅެބަލަ...'' ބުމަގޮށްޖަހާލަމުން ޤައިލާ ބުނެލިއެވެ. ''ހަމަ އަހަރެން ރުޅި އަރުވަންށޭ އުޅޭނީ...''
ޤައިލާގެ ޖުމްލައިން އަސަލް ހުއްޓުން އެރިއެވެ. ޤައިލާގެ ސުވާލުތައް އޭނައަށް އަމާޒުވި ގޮތުން އޭނަގެ މެޔަށް ފިނިވެލިއެވެ. ދޭނެ ޖަވާބެއް ނޭނގި ހިމޭންވެފައި ހުރުވުނެވެ. ޤައިލާގެ ފަރާތުން އޭނަ ބޭނުންވި ޖަވާބެއް އަސަލްއަކަށް ނުލިބުނެވެ.
ޤައިލާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އަސަލްއަށް ލޯއަޅަމުން އޭނަ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އެވަގުތު ޤައިލާއަށް އަސަލް ގޮވާލިއެވެ. ޤައިލާ މަޑެއް ނުކުރިއެވެ. ފިޔަވަޅުތައް ބާރުކޮށްލައި ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖަހައިފިއެވެ. އެއީ އެޕާޓްމެންޓްގެ ދޮރު ހުޅުވާފައި ޖާހަތު އެތެރެއަށް ވަން ވަގުތު ވެސް މެއެވެ. އޭނައަށް އަސަލްއާއި ޤައިލާގެ ދެމެދުގައި ބަދަލުކުރެވުނު ހޫނު ޒުވާބުގެ ހިލަމެއް ނުވެއެވެ. ނަމަވެސް ބާރަށް ހިނގާފައި ގޮސް ޤައިލާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕި މަންޒަރު ފެނުނެވެ. ރުޅިން ރަތްވެފައި ހުރި ޤައިލާގެ މޫނު ވެސް މެއެވެ.
ސުވާލު އުފެދިފައި ޖާހަތަށް ބަލައިލެވުނީ އަސަލް އަށެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށް އަސަލް ވެސް އެދިމާއަށް ބަލައިފިއެވެ. މަންމަ ފެނުމުން އަސަލް ހުރީ ގަނޑުވެފައެވެ. ހަރަކާތެއްކޮށްލަން ވެސް ހަނދާން ނެތިފައެވެ. އޭނައާއި ޤައިލާގެ ދެމެދުގައި އޮތް ނުތަނަވަސްކަން މަންމައަށް ފަޅާއަރައިފިކަން އަސަލް ދެނެގަތީ މަންމަގެ މޫނުން ފެނުނު ކުލަވަރުތަކުންނެވެ. އިތުރަށް ސިއްރުނުކުރެވޭނެތީ މަންމައާއި ނަޒަރު ވަކިކޮށްލައި އިސްޖަހާލެވުނެވެ. އޭރު އަސަލްގެ ބޮލުގެ އެއްފަޅީގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ. ޤައިލާ ދެކެ އާދެވުނު ރުޅީގައި މަންމައާއި މެދުގައި ވެސް އޭނައަށް ވިސްނާނުލެވުނީއެވެ. ކުރެވޭނެ އިތުރުކަމެއް ނެތްކަން އަސަލްއަށް ރޭކާލިއެވެ. މަންމައާއި ކުރިމަތިލާނެ ގޮތެއް ނޭނގި އޭނަ ފަސްޖެހުނެވެ.
އަސަލް މިސްރާބު ޖެހީ ކޮޓަރިއަށް ވަންނާށެވެ. ނަސީބަކުން ޤައިލާ ހުރީ ދޮރު ތަޅުނުލައެވެ. އަސަލް ވަންނައިރަށް އެނދުގެ ހެޑްބޯޑަށް ލެނގިގެން އިން ޤައިލާ ބަލައިފިއެވެ.
''ނޮޓް ނައު، ޕްލީޒް...'' ޤައިލާ ޒުވާބުކުރަން އުޅެފާނެތީ އަސަލްއަށް ބުނެވުނެވެ. އަނގަހުޅުވާފައި ވެސް ޤައިލާއަށް ލައްޕާލެވުނެވެ. އަސަލްގެ މޫނުމަތިން އޭނައަށް ހާމަކޮށްދިނީ އަސަލްއަށް ލިބިފައިވި ހާސްކަމެވެ.
ޤައިލާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނަ ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު އެޕާޓްމެންޓްގެ ދޮރު ހުޅުވާފައި ޖާހަތު ވަންތަން ފެނުނެވެ. އަތުގެ ކޮޅަށް ބަން ލާފައި ދޮރު ޖެހީ އެހެންވެގެންނެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ކޮބާއި 10 ވަނަ އެޕިސޯޑު؟ ދެ ދުވަހުން އެއް ދުވަހު ގެނެސްބަލަ
ނޮޓް ނައު - 1 އަހަރު ކުރިން