ރާއްޖެ އާއި މެލޭޝިއާ ދެމެދު ޑިފެންސްގެ ދާއިރާއިން ގުޅުން ގާއިމުކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާއަށް ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖެއާއި މެލޭޝިއާއާ ދެމެދު އިގުތިސޯދީ ގޮތުން ގުޅުން ބަދަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާ މެލޭޝިއާއާ ދެމެދު ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށެވެ.

މެލޭޝިއާއަކީ ދިވެހިންގެ ދެވަނަ ގައުމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މެލޭޝިއާގެ އިގުތިސޯދު ކުރިއަރުވަން ދިވެހީން މަސައްކަތްކުރާ ކަމަށާއި މެލޭޝިއާއަށް ދިވެހިންގެ އޮތް ލޯތްބަކީ އާދަޔާ ހިލާފު ލޯތްބެއް ކަމަށެވެ.

ރައީސް ވިދާޅުވީ މެލޭޝިއާ އިން ދިވެހިންނަށް ފޯރުކޮށްދޭ ތައުލީމީ ފުރުސަތުގެ ސަބަބުން އަމިއްލަ މީހުންގެ ދިރިއުޅުމަށާއި ގައުމަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނައިރު މެލޭޝިއާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.