މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނަށް ބަދަލު ގެންނަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް އެ ބަދަލު ގެންނެވީ ކުރިން އެ ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ޑރ. މުހައްމަދު ހަބީބު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ކުރިން ކޮމިޝަންގައި ތިން މެންބަރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޮމިޝަނަށް ރައީސް އައްޔަންކުރައްވާފައިވަނީ ފަސް މެންބަރުންނެވެ. ކުރިން ވެސް ރައީސް ކަނޑައެޅުއްވި ގޮތަށް، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވާނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

އޭގެ އިތުރުން އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ ކުރިން ވެސް އެ ކޮމިޝަންގައި އިންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އާއި ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ.

ރައީސްގެ ގަރާރުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ވެސް ހިމެނެއެވެ. އަދި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށް އެ މަނިކުފާނުގެ ގަރާރުގައި ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަނެއް އުފައްދަވާފައި މިވަނީ، ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ފުލުހުންނަށް ވަނީ އަންގައިފައެވެ.