ވިނަރެސް ފުލެޓަކުން ހަބަރު ހުސްވެފައި އޮތް ޒުވާން އަންހެނަކު ފެނިއްޖެ އެވެ.

ވިނަރެސް ފުލެޓަކުން ހަބަރު ހުސްވެފައި އޮތް ޒުވާން އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓެއްގެ ތެރެއިން އަންހެނަކު ރޯއަޑު އިވިގެން މިއަދު 6:05 ގައި ރިޕޯޓު ކުރި ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ވިނަރެސް ފްލެޓަށް ގޮސް، އެ ފްލެޓުގެ އެއް ކޮޓަރީ ދޮރު ތާށިވެފައި ހުރުމުން އެ ދޮރު ފުލުހުން ވަނީ ގަދަކަމުން ހުޅުވާފާއި ކަމަށާއި އެތެރެއިން ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިފައިވާ ކަމަށެވެ.

"އެ އަންހެންމީހާ އަކީ އާއިލާއާ އެއްކޮށް ދިރިއުޅެމުން އަންނަ މީހެއް ކަމަށާއި އެ މީހާ ރޯއަޑު އިވުމުން އާއިލާއިން އަންހެންމީހާ އުޅޭ ކޮޓަރީގެ ދޮރުހުޅުވަން މަސައްކަތް ކުރި ކަމަށާއި ދޮރު ހުޅުވޭ ގޮތް ނުވުމުން ފުލުހުންނަށް އާއިލާއިން ރިޕޯޓު ކުރީ." ފުލުހުން 'ވަން' އަށް ބުންޏެވެ.

އެއީ މީހެއްގެ ޒާތީ މައުލޫމާތު ކަމަށް ވުމުން އެ އަންހެންމީހާ ހަބަރު ހުސްވެފައި އޮތް އިރު އިތުރު އަނިޔާއެއް ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ނުބުނެއެވެ.

އެ އަންހެންމީހާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.