ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބާއްވަން ތާވަލުކުރި ޖަލްސާ ކެންސަލްކޮށްފިއެވެ.
މިރޭ 8:00 އަށް ޖޭއެސްސީން ތާވަލުކުރި ޖަލްސާގެ އެޖެންޑާގައި އޮތީ އަޒްމިރާލްދާ އާއި މަހާޒް، ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޖޭއެސްްސީން ވަނީ އެ ޖަލްސާ ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ. ނަމަވެސް ކެންސަލްކުރި ސަބަބެއް ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ބެލުމަށްފަހު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމާފައިވަނީ އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.
އެ ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ކޮމިޓީން ނިިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމައިފިނަމަ އެ މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއަށްފަހު މަޖިލިސް ތަޅުމުގައި އެކަން އިއުލާންކޮށް، އެ މައްސަލައިގައި ޖޭއެސްސީން ގޮތް ނިންމާފައިވަނީ ރަނގަޅަށްތޯ ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވާނެއެވެ.
އެ މައްސަލައަށް މަޖިލީހުން ގޮތެއް ނިންމާނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ތަހުގީގުކޮށް އެ ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެއަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހުގައެވެ.
ޖޭއެސްސީން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ، މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަނޑިޔާރުކަމުން ސަސްޕެންޑް ކުރިއެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން