ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަން މަޖިލީހުގެ ރިޔާސަތުން ހުރަސްއެޅޭގޮތަށް އަމަލުކުރަމުންދާ ކަަމަށްބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.
މި ގަރާރަކީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހަޅުއްވާ ގަރާރެކެވެ.
މި ގަރާރުގައި މީކާއިލް ވިދާޅުވެފައިވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން، ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.
މަޖިލިސް މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންވީ ކަންކަން ކަނޑައަޅައި، މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، ވަޒިރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާ ބެހޭގޮތުން، އެމީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވާން، ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުުމުގެ ބާރު، މަޖިލީހަށް ލިބިފައިވާކަމަށް ގާނޫނުއަސާސީގެ 99 ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި މެންބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، ވަޒީރަށް ލިޔުމުން ފޮނުވައި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާގައި ބުނެފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
"އެ 14 ދުވަހުގެ މުއްދަތު ގުނުމުގައި، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނިގެންވާކަމަށް ބަޔާންކޮށްފައިވާ އިރު، މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި، މި ގަވާއިދުގައި އެހެން ގޮތަކަަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ނުވަތަ އެހެން ގޮތަކަށް މަޖިލީހުން ކަނޑަނާޅާ ހިނދަކު، މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާއްމު ޖަލްސާތައް، ހަފްތާއަކު މަދުވެގެން ތިންދުވަހު ބާއްވަންވާނެ ކަމަށް ބަޔާންކޮށް ކަނޑައަޅާފައިވޭ،" މީކާއިލްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
ގާނޫނީ އުސޫލުތައް އެ ގޮތަށް އެކަށައަޅާފައި ހުރި ނަމަވެސް ވަޒީރުންނާ ސުވާލުކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް، މެންބަަރުން ފޮނުވާފައިވާ ސުވާލުތަކުގެ ނޯޓިހުގެ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ވީއިރުވެސް، އެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ސުވާލަށް ޖަވާބުދާރީ ވެފައިނުވާ ކަމަށް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
"ވަޒީރާ ކުރެވޭ ސުވާލަށް ޖަވާބު ދެވޭނީ. މަޖިލިސް ޖަލްސާއެއްގައި އެޖެންޑާ ކުރުމުން ކަމަށްވީ ހިނދު ބައެއް ވަޒީރުންނާ ސުވާލުކުރުން، މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ނުހިމަނައި، މަޖިލީހުގެ ރައީސް ލަސްކުރައްވަމުން ގެންދަވާ އިރު، އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި، ނުވަތަ މަގުބޫލު އެއްވެސް ސަބަބެއްނެތި އަދި، މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވަނީސް، މަޖިލީހުގެ އާންމު ޖަލްސާތައް މަޖިލީހުގެ ރައީސް ނުބާއްވާކަން ފާހަގަވޭ،" މީކާއިލްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
އެކަންކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ފަދަ ކަމަކަށްވާތީ މިކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް މި ގަރާރު ހުށަހަަޅުއްވަނީ ކަމަށްވެސް މެންބަރު ވިދާޅުވެފައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް