ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ލިސްޓުގައި ނުވެސް ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައިިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔުމެއް ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ނެތިގެން ގޮސްފައިވޭތޯ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރުމަށް ހަމަޖެހިފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ބަޔަކަށް ވަގަށް ގޯތިތަކެއް ދިން ކަމުގެ ތުހުމަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓް 19 ޑިސެމްބަރުގައި ފުުލުހުން ހިފެހެއްޓިއެވެ. ނަމަވެސް އެ އެންމެންގެ ޕާސްޕޯޓް މިދިޔަ މާޗު މަހުގެ 26 ގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން މާފަންނުގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވެ މުޅި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެނދީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ހާދިސާގައި ބައެއް ލިޔެކިޔުންތައް އެނދި ނަމަވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ ކަމަށް އެ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. އަދި އެ ހާދިސާގައި ގެއްލުންވި އެ މިނިސްޓްރީގެ ސާވާތައް ސިންގަޕޫރަށް ފޮނުވައިގެން ރިކަވާކުރެވޭތޯ ބަލަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް ތަފުސީލެއް މިނިސްޓްރީން ދީފައެއް ނުވެ އެވެ.