އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21އ)އާއި ރައުދު އަހުމަދު ޒިލާލްގެ ދެދުމުގައި ހަމަނުޖެހުމެއް ހިނގިކަން ރައުދުގެ ބަންދު އަމުރުން އެެނގިއްޖެެއެވެ.

ފުލުހުން ރައުދު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ރައުދުއަށް ކުރަނީ އުސްތަނަކުން ވެއްޓި ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބުންކަމުގެ ކުށުގެ ތުހުމަތެވެ. ފުލުހުން ރައުދު ބަންދުކޮށްފައިވަނީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ.

ފުރާޅު މައްޗަށް އަންހެން މީހާ ވެއްޓުނު މައްސަލައިގައި ރައުދު ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާނެކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައިވެއެވެ. އެފަހުން ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިއްޔެ 18:20 ގައި ރައުދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ޔުމްނު ވެއްޓުނުތާ މާ ގިނައިރުތަކެއް ނުވަނީސް ރައުދު ކައިރިން ޔުމްނު ކޮބައިތޯ އެހުމުން "ވެއްޓުނީކަމަށް ބެލެވޭކަމަށް މީނާ (ރައުދު) ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ފާހަގަކުރި" ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ "އަނިޔާ ލިބުނު ފަރާތާއި މީނާ (ރައުދު)އާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ" ކަމަށެވެ.

ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއް ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.