ހޮލިވުޑްގެ މަޝްހޫރު ދެ ތަރިިން ކަމަށްވާ، ޖެނިފަރ ލޯޕެޒް އާއި ބެން އެފްލެކް އަށް އެމީހުންގެ 60.85 މިލިއަން ޑޮލަރުގެ ގަނޑުވަރު ވިއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ބެވަރލީ ހިލްސްގައި ހުރި މި ގަނޑުވަރު ވިއްކުމާ ގުޅޭގޮތުން މި ދެ ތަރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވެއެވެ. ބެން ބޭނުންވަނީ އަގު ދަށްކޮށްގެން ވިޔަސް އަވަހަށް ވިއްކާލަން ކަމަށްވާއިރު، ޖެނިފަރ ބޭނުންވަނީ ބޮޑު އަގެއް ހޯދާށެވެ.

މި ގަނޑުވަރަކީ 38,000 އަކަފޫޓުގެ ބޮޑު، 12 ކޮޓަރިއާއި 24 ފާހާނާ ހިމެނޭ ތަނެކެވެ. މި ދެ ތަރިން މިހާރު ވަކިވަކިން ދިރިއުޅެމުން އަންނަނީ އެހެން ގަނޑުވަރުތަކުގައެވެ. ޖެނިފަރ ދިރިއުޅެނީ 18 މިލިއަން ޑޮލަރުގެ ގަނޑުވަރެއްގައި ކަމަށްވާއިރު، ބެން ދިރިއުޅެނީ 20 މިލިއަން ޑޮލަރުގެ ގަނޑުވަރެއްގައެވެ.

މި ދެ ތަރިންގެ މުދަލާ ގުޅޭ މި މައްސަލަ ހައްލުވާނީ ކިހިނެއް ކަން އަދި ސާފެއް ނޫނެވެ.