އިޝާ ނަމާދުން ފޭބި ޖާހަތު ކޮޓަރިން ނިކުތީ ރަމީޒާމެން އަންނަވާއިރަށް ކާމޭޒުމަތި ތައްޔާރުކޮށްލުމަށެވެ. ކޮޓަރިން ނިކުތް އިރު ބޮޑުކޮޓަރީގައި ހުޅުވާފައި ހުރި ޓީވީގެ އަޑު ގޭތެރެއަށް ފެތުރިފައި އޮތެވެ. ނަމާދުކުރަން ޖާހަތު ކޮޓަރިއަށް ވަންނަން ދިޔައިރު ސޯފާގައި އިން ޤައިލާ ފެންނާކަށް ނެތެވެ. ތަށިތައް އަތުރާލާފައި ޤައިލާއަށް ގޮވާލަން ނިންމަމުން ޖާހަތު ހިނގައިގަތީ ކާކޮޓަރިއާއި ދިމާއަށެވެ. ބެލްކަނި ހުރަސްކޮށްލަން އުޅުނު ވަގުތު ޤައިލާގެ ހުނުމުގެ އަޑު ޖާހަތަށް އިވުނެވެ. ލައްޕާފައި ހުރި ބެލްކަނީގެ ދޮރާއި ދިމާއަށް ޖާހަތު އަވަސް ނަޒަރެއް ދިނެވެ. ރެއިލިންގްއަށް ލެނގިލައިގެން ހުރި ޤައިލާ ފެނުމުން ލުއި ހިނިތުންވުމެއް ޖާހަތު ދިނެވެ. އެކުވެރިޔަކާއި ވާހަކަދައްކަނީއޭ ހިތާ މާބޮޑު ސަމާލުކަމެއް ޤައިލާއަށް ޖާހަތު ނުދިނެވެ. ދިން ނަމަ އޭނަ ފެނި ޤައިލާއަށް އައި ބަދަލު ފާހަގަކުރެވުނީހެވެ.

ހީހީފައި ވާހަކަދައްކަން އުޅުނު ޤައިލާގެ ހަރަކާތްތައް ޖާހަތު ފެންނައިރަށް ހުއްޓުމަކަށް އަތުވެއްޖެއެވެ. އަޑު މަޑުކޮށްލެވުނީ ދެކެވެމުންދާ ވާހަކަތައް ސިއްރުކުރުމުގެ ނިޔަތުގައެވެ.

''ފަހުން ގުޅާނަން އިނގޭ...'' ޤައިލާ ބުންޏެވެ. ފޯނުގެ އަނެކޮޅުން ވާހަކަދައްކަމުން ދިޔަ މީހާ ގަޔާވިހެނެއް ހިޔެއްނުވެއެވެ.

''އެކަންޏެއް ނޫނޭ މިއުޅެނީ...'' ބެލްކަނީގެ ބިއްލޫރި ދޮރުން ޤައިލާގެ ނަޒަރު ހުއްޓިފައިވަނީ ކާކޮޓަރިއަށް ވަން ޖާހަތަށެވެ. ޖާހަތުގެ ކޮންމެ ހަރަކާތަކަށް އޭނަ ސަމާލުވެލީއެވެ.

''މިރޭ؟، މިރެއަކު ނޫން، އެކަމަކު މާދަން ރޭ ދާނަން، ޕްރޮމިސް...'' ޤައިލާ ވިސްނައިދޭން މަސައްކަތްކުރިއެވެ.

''ޕްރޮމިސްއޭ، މާދަން ރީ، ވީ ކޭން ހޭވް ފަން، ޔޫ ނޯ ވަޓް އައި މީން، ހެހެހެ...'' ޤައިލާ ނިކަން ލޯބިން ބުނެލަމުން ރަކި ގޮތަކަށް ހީނލައިފިއެވެ. އޭނަ ފޯނު ކަނޑާލީ އެކޮޅުން އޭނަ ވާހަކަދެއްކި މީހާ ރުއްސާފައެވެ. ފޯނު ތިރިކޮށްލުމާއެކު ޤައިލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

''ކިރިޔާއެއްނު، މަންމަ ހުރިކަމެއް ހަނދާނެއް ވެސް ނެތް، އެހެންޏާ އަސަލް ގޭގެ ނޫޅެންޏާ އަހަންނަށް މިނިވަންކަން ލިބޭނެ، އެހެންވެ ހަމަޖެހިލައިގެން ފޯނު ނެގީ، ދެން ޖެހޭނީ ބަލައިގެން އުޅެން، ހާދަ ފޫއްސެއްވެޔޭ، އަހަރެންގެ މިނިވަންކަމޭ މި ގެއްލުނީ...'' ލޮލުގެ ކަޅި މައްޗަށް އަރުވާލާފައި ޤައިލާ އޭނަގެ އަމިއްލަ ނަފުސަށް ބުންޏެވެ. މުށުތެރޭގައި އޮތް ފޯނުން އަނެއް އަތުގައި ޖަހާލަމުން ތުންދަމާލައިފިއެވެ.

ޖާހަތު އައުމުން ޤައިލާ ހުރީ ހިތްހަމަނުޖެހިފައެވެ. އޭނަގެ މިނިވަންކަމަށް ބުރޫ އަރާނެތީއެވެ. ޖާހަތު އޭނައަށް މާބޮޑަށް އަޅާލައި ލޯބިދޭން އުޅޭތީ އެކަމާ ވެސް ޤައިލާ ހުރީ ފޫހިވެފައެވެ. އޭނަގެ ނަޒަރުގައި އެއީ ދެއްކުންތެރިކަމެވެ. އޮޅުވާލުމެކެވެ. އަސަލްގެ ޢާއިލާއާއި އެއްވެސް ގުޅުމެއް ބާއްވަން ޤައިލާ ބޭނުމެއް ނުވެއެވެ. އެކަމުން އޭނައަށް ލިބޭނެ މަންފާއެއް ނެތެވެ.

''އިރުކޮޅުން މައިހާ އަންނާނެދޯ...'' އެޚިޔާލުން ޤައިލާގެ ހަރާބުވެފައިވި ތަބީއަތަށް ހެޔޮ ބަދަލެއް ގެނެސްދިނެވެ. ޒާތަކަށް ހެވިފައި ހުރެ އޭނަ ބެލްކަނީގެ ދޮރު ހުޅުވާލިއެވެ.

''ދިސް ވިލް ބީ ފަން...'' ޤައިލާ މިސްރާބުޖެހީ ކާކޮޓަރިއަށެވެ. މަތިއޮމާންކޮށްލަން ޖާހަތަށް އެހީވާށެވެ.

ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކޮށްދިނުމުގައި ޤައިލާ އަތްގާތްކޮށްލަދިނުމުން ޖާހަތު ހުރީ އުފަލުންނެވެ. ޤައިލާގެ ފަރާތުން ފެނުނު ހީވާގިކަމާއި ގެވެހިކަމުން ހަމަޖެހުން ގެނެސްދިނެވެ. މާލެ އައުމުގެ ކުރިން ނަފުސުގެ މައްޗަށް އަތްގަދަކޮށްފައިވި ކަންބޮޑުވުންތަކާއި ލަސްލަހުން ދުރުވެވުނެވެ.

*****

ދުވާރު ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު، އަރިމަތިން ފެންނަން ހުރި އިމާރާތަށް ބަލަމުން މައިހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އޭނަގެ ނަފުސަށް ހިތްވަރުހޯދައިދިން ހެންނެވެ. ޓެކްސީއަށް ފައިސާ ދައްކާލާފައި މައިހާ ފޭބިއެވެ. މައިހާގެ ފަހަތުން ރަމީޒާ ވެސް ފައިބައިފިއެވެ. ވައިގަދަކަމުން މައިހާގެ އަބަޔާގައި ދިޔައީ ވައި އަޅުވާލާފައެވެ. އަބަޔާގެ ފަސްބައިގައި ހިފަހައްޓާލަމުން އަތުގައި އޮތް ކޮތަޅު މެޔާއި ކައިރިކޮށްލެވުނެވެ. އެއީ ޤައިލާއަށް ދޭން މައިހާ ގެނައި ހަދިޔާ ކޮތަޅެކެވެ. ރަށުގައި އުޅުނު ދުވަސްކޮޅު ޤައިލާއަށް އެންމެ މީރުވާނީ ކުޅި ކާޖާއާއި ކޭލެވެ. މައިހާއައީ އެއްއެއްޗިސް ޤައިލާއަށް ދޭން ހިފައިގެންނެވެ. އެކުވެރިޔާ އުފާވާނެކަމުގެ އުއްމީދުގައެވެ.

ރަމީޒާއާއެކު މައިހާ ގޮސް ލިފްޓް ކުރިމައްޗަށް ހުއްޓުނެވެ. ލިފްޓްގެ ބަޓަނަށް މައިހާއަށް ފިތާލެވުނެވެ. އެހާ ދުވަސްފަހުން ޤައިލާއާއި ބައްދަލުވާތީ މައިހާ ހުރީ ނުތަނަވަސްވެފައެވެ. ޤައިލާއާއި އޮތް ގުޅުން ރަނގަޅުކުރަން ހަދާނެ ގޮތަކާ މެދު އޭނަ ވިސްނިއެވެ. ރަށުގައި އުޅުނު އުފާވެރި ދުވަސްތައް ހަނދާންވުމުން މައިހާ ދެރަވެއެވެ. ހަމައެއާއެކު އަސަލް ވެސް ހުންނާނެތީ މައިހާގެ ސިކުނޑިއަށް ކުރާ ބާރު ބޮޑެވެ. އަސަލްއާއި ޤައިލާ އެކުގައި ފެނުމުން މޭގެ ރިހުން ގަދަވާނެކަން އެނގޭތީއެވެ.

''ކީއްވެތަ އެއްވެއް ކަމެއް ފަސޭހަ ނުވަނީ؟، އަސަލްއާއި ޤައިލާ އުފަލުގައި ވާން އަހަރެން ބޭނުން، އެކަމަކު އެމަންޒަރު ފެނުމުން މި ހިތަށް ތަދު ވޭ... ކިތައް އަހަރު... ކިތައް އަހަރު ފާއިތުވެއްޖެ، އަސަލް ދިރިއުޅުމެއް ފަށައިފި... ކީއްވެގެންތަ އަހަންނަށް ވަގުތު ހުއްޓިފައިވަނީ، ހާސިލް ނުވާނެ އުފާތަކަކަށް އުއްމީދުކުރެވެނީ؟... މި ހިތް ބަދަލު ނުވަނީ؟... އަހަރެން ބޭނުން މާޒީ ހަނދާންނައްތާލަން... އެކަމަކު އެއީ ފަސޭހަ ކަމެއް ނޫން... އަހަރެން މޮޔަވާ ހިސާބަށް ހިނގައްޖެ، އައިމް ނޮޓް އީވެން އެ ގުޑް ފްރެންޑް... އަސަލްއަށް ބެލުމުގެ ހައްޤެއް އަހަންނަކަށް ލިބިގެންނުވޭ، އެއީ... އެއީ ޤައިލާގެ ހައްޤެއް، ޤައިލާގެ ފިރިމީހާ، އަހަންނަށް މިހެދެނީ ގޯހެއް...'' މައިހާއަށް އޭނަގެ ހިތާއި ޝަކުވާކޮށްލެވުނެވެ.

*****

ގޭގެ ބެލް ޖަހާލި އަޑަށް ސޯފާގައި އިން ޤައިލާ އަވަސްއަވަހަށް ތެދުވެއްޖެއެވެ. ކުއްލިޔަކަށް ޤައިލާއަށް އައި ބަދަލުން އަސަލް ހުރީ ސުވާލު އުފެދިފައެވެ. މިރޭގެ ކެއުމަށް މައިހާއަށް ދަޢުވަތު ދިންކަން މަންމަ ހާމަކުރީއްސުރެން މުޅިން އެހެން މީހަކު ފެންނަ ކަހަލައެވެ. ކުރިން ފެނުނު ރުޅިވެރިކަމެއް ވެސް ނެތެވެ. މިހާރު ހީވަނީ މައިހާއާއި ބައްދަލުކުރަން ޤައިލާގެ ކެތްތެރިކަން ކުޑަވެފައިވާ ކަހަލައެވެ. ޤައިލާގެ މިޒާޖަށް އައިސްފައިވި ކުއްލި ބަދަލުން އަސަލް ރަނގަޅަށް ވެސް ހައިރާންކޮށްލައިފިއެވެ. ޤައިލާގެ ހަޤީޤީ މަގުސަދު ނޭނގޭތީ އަސަލް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ވަކިން ހުރި ސޯފާ ގޮނޑީގައި އިނދެފައި ތެދުވީ އެހެންވެގެންނެވެ.

ޖާހަތު އުޅުނީ ބަދިގޭގައެވެ. ބެލްގެ އަޑާއެކު އޭނަ ވެސް ބޮޑުކޮޓަރިއަށް އައިސްފިއެވެ.

''މޭއި...'' ދޮރުހުޅުވާލަމުން ޤައިލާ ފޯރީގައި ގޮވާލިއެވެ. އެއީ މައިހާއަށް ހަމަޖެހުން ގެނެސްދިން ވަގުތުކޮޅެކެވެ. ޤައިލާ އޭނަގެ ގައިގައި ބައްދާލުމުން މައިހާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

''ހީވަނީ މޭއި ފަލަވެއްޖެހެން، ރަށުގަ ހުރެގެން ކަނީދޯ...'' މައިހާއާއި ދުރަށް ޖެހިލަމުން ޤައިލާ ބުނެލިއެވެ. އޭނަ މައިހާއަށް ފުން ނަޒަރެއް ދިނެވެ. މައިހާގެ ރީތިކަން ފެނި ޤައިލާގެ ހިތުގައި ފޮރުވިފައިވާ ހަސަދައިގެ ގިނި އަލިފާންގަނޑު އަނދައިގަތެވެ. މައިހާގެ ސާދާކަމާއި، ތޫނުފިލިކަމާއި، ރީތިކަން ދެކެ އަބަދު ވެސް ޤައިލާ ހަސަދަވެރިވެއެވެ. ކުރިން މައިހާ ފެނުމުން އަންނަ ސިނގު ރުޅިގަނޑު މަތިން އޭނަ ހަނދާން ވިއެވެ. ދެއްކުންތެރިކަމުގެ ހިޔަނީގައި ފިލާ ހުއްޓަސް އޭނަގެ ހިތް ދުވަހަކު މައިހާގެ މައްޗަށް ހެވެއް ނުވާނެއެވެ. މާޒީގައި އޭނަގެ އަމަލުތަކުން އެކަމަށް ހެކިވާނެއެވެ. އޭނަގެ ހަސީލަތުގައި ހަރުލާފައިވި ހީލަތްތެރިކަމަކީ ހަމައެކަނި އޭނައަށް ވަންހަނާވެފައިވާ ސިއްރެކެވެ. މާޒީގެ ހަނދާންތަކުން ޤައިލާގެ ތުންފަތާއި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

''ތީ ހީވާ ގޮތް، މޭއި އުޅޭނީ ޑައިޓުގަ، ފާޑެއްގެ ސެލެޑެއް ކައިގެން އުޅެނީ، ވައިރޯޅިއެއް ޖެހިލިޔަސް އުދުއްސައިގެން ދާނެ...'' ޤައިލާގެ ސުވާލަށް ޖަވާބު ދިނީ ރަމީޒާ އެވެ. އޭނަ އޯގާތެރި ހިނިތުންވުމެއް ޤައިލާއަށް ދިނެވެ. ރައްދުގައި ޤައިލާ ހީނލިކަމުގައި ވިޔަސް ގާތްކަމެއް ނެތެވެ.

''މަންމާ...'' މައިހާއަށް ބުނެވުނެވެ. އޭނަ ހުރީ ލަދުގަންނަ ގޮތް ވެފައެވެ. ފަނޑު ރަތްކަމެއް މައިހާގެ ނޭފަތާއި ކޯފާތަށް ވެރިވިއެވެ.

ޤައިލާގެ ދޮލުގައި ހަސަދަވެރިކަމުގެ އޮޔެވަރު އުފެދުނެވެ. އެސްފީނާއަކީ ހަޤީޤަތެކޭ މީހުން ބުނެއުޅެޔޭ ޤައިލާގެ ހަނދާނަށް އައެވެ. އެސްފީނާގެ ބާރުން މީހާގެ ރީތިކަމާއި ބުރުސޫރައަށް ހުތުރުކަން އާދެޔޭ ވެސް އޭނަ ވަނީ އަޑު އަހާފައެވެ. ދެން މައިހާއަށް އެސްފީނާގެ އަސަރު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޤައިލާއަށް ޝަކުވާކުރެވުނެވެ. މައިހާ ފެނުމުން އުފެދުނު ފޫހިކަން ޤައިލާ ކަޝްފުކޮށްލީ ދެއްކުންތެރިކަމުގެ ހިނިތުންވުމެއްގެ ފަހަތުގައެވެ.

''ރަމިއްތަ ކިހިނެއްތަ؟... އަޒް ބުނި ޑޮކްޓަރަށް ދައްކަންށޭ އައީ، ރަށުން ފަރުވާ ނުލިބެނީތަ؟...'' ޤައިލާ އެހިއެވެ.

''އިރާދަކުރެއްވިއްޔާ ދައްތަ ރަނގަޅު، ރަށުން ފަރުވާ ލިބޭ... މިކޮޅުން ތައިރޮއިޑް އޮޕަރޭޝަން ކުރެވުނީމަ އޮޕަރޭޝަން ކުރި ޑޮކްޓަރަށް ދައްކާލަން މިއައީ... އެލީ ރަނގަޅުތަ؟، ހާދަ ޚަބަރެއް ނުވެޔޭ، ކީއްވެ ތި ދެކުދިން ރަށަށް ނާންނަނީ؟، މޭއި ހުންނަނީ ރަށުގަ އެކަނިވެފަ...'' ޤައިލާގެ އަތުގައި ހިފާލަމުން ރަމީޒާ ބުންޏެވެ.

ޤައިލާގެ އަތުގައި ރަމީޒާ ހިފާލުމުން ޤައިލާ ނުރުހުނެވެ. ވަރަށް ނޫންކަމަށް ހަދާފައި ރަމީޒާގެ އަތް ނައްޓުވާލިއެވެ.

''ކީއްވެ މޭއި އެކަނިވާންވީ؟...'' ޤައިލާގެ ނަޒަރު މައިހާއަށް ހުއްޓާލިއެވެ. ޤައިލާގެ ލޮލުގައި މައިހާގެ އަތުގައި އޮތް ކޮތަޅު އަޅައިގަތެވެ.

''މަންމަ ދައްކާ ވާހަކައެއީ...'' ލިބުނު ނުތަނަވަސްކަން ފޮރުވަން މައިހާ ބުނެލިއެވެ. އޭނަގެ އެކަނިވެރިކަމުގެ ހިލަން އަސަލްއާއި ޤައިލާއަށް ވާކަށް މައިހާގެ ޒަމީރެއް ނޭދުނެވެ. އޭނައަށް އުނދަގޫވީ އެހެންވެގެންނެވެ.

''އެހެންތަ؟، މޭއި އެކަންޏެއްނުވާނެ، ޔޫ އާ ސަޗް އަ ލަވްލީ ޕާސަން...'' ޤައިލާގެ އަޑުގައި ފޮރުވިފައިވަނީ މަލާމާތެވެ. ދުރުގައި ހުރި އަސަލް ފިޔަވާ އިތުރު މީހަކަށް ފާހަގަ ކުރެވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނަ ހުރީ ޤައިލާގެ ކޮންމެ ހަރަކާތަކަށް ސަމާލުވެއެވެ. މައިހާއަށް ނުސީދާކޮށް ޤައިލާ އަމާޒުކުރި ބަސްތައް އޭނައަށް ދެނެގަނެވުނީ އެހެންވެގެންނެވެ.

އެއްޗެއް ބުނަން އުޅުނު މައިހާގެ ކުރި ކަނޑާލައި، މައިހާގެ އަތުގައި އޮތް ކޮތަޅަށް ޤައިލާ އިޝާރާތްކޮށްލިއެވެ.

''މީ އެލީއަށް ދޭން ގެނައި ހަދިޔާއެއް...'' މައިހާ ކޮތަޅު ދިއްކޮށްލިއެވެ.

''ކޯޗެއްތަ؟...'' ކޮތަޅުގައި ޤައިލާ ހިފިއެވެ. ގަޔާވެފައި ހުރިކަމަށް ހެދިގެންނެވެ.

''ބެލީމައެއްނު އެނގޭނީ...'' ސަމާސާ ރާގަކަށް މައިހާ ބުންޏެވެ. ޤައިލާގެ ގާތްކަމުން މައިހާއަށް އުއްމީދުކުރެވުނީ ކުރީގެ އެކުވެރިޔާ ލިބުނީ ކަމަށެވެ. ނަމަވެސް ޤައިލާގެ ހިތުގައި އޮތް ނަފުރަތުގެ ހިލަމެއް މައިހާއަކަށް ނުވިއެވެ. ޤައިލާއަކީ މައިހާގެ ކަރަށް ބާރުވަމުންދާ ނާގަ ހަރުފައެއްކަން ވެސް މެއެވެ.

''ކުޅިކާޖާ؟، ސީރިޔަސްލީ؟...'' ތުންދިގުކޮށްލަމުން ޤައިލާ ބުނެލިއެވެ.

''ކަމުނުދަނީތަ؟...'' ޤައިލާގެ މޫނަށް ވެރިވި ކުލަވަރުތަކުން މައިހާއަށް ބުނެވުނެވެ. އޭނަގެ ހަދިޔާ ޤައިލާއަށް ކަމުނުދިޔައީ ކަމަށް ހީކޮށް މައިހާއަށް ލިބުނީ މާޔޫސްކަމެވެ. މައިހާގެ މާމަ، ސާރިޔާއަކީ ރަށުގައި ކުޅިކާޖާގެ އިތުރުން ބަނބުކޭލާއި އަދިވެސް އެނޫން ފާޑުގެ ތެއްލި ކާއެއްޗިސް ތައްޔާރުކޮށް ވިއްކާ މީހެކެވެ. މާމައަށް އަތްގާތްކޮށްލަދީގެން ޤައިލާއަށް ދޭން ކުޅިކާޖާ މައިހާ ތައްޔާރު ކުރީ އަމިއްލަ އަށެވެ. ޤައިލާ އުފާވާނެ ކަމަށް ހީކޮށްގެންނެވެ. އެހެން ނުވުމުން މައިހާ ހުރީ ދެރަވެފައެވެ. ޤައިލާއަށް ކަމުދާ އެއްޗިސް އޭނައަށް ނޭނގެނީޔޭ ހީވެފައެވެ.

ރަމީޒާއާއި ޖާހަތުގެ ނަޒަރު ވެސް ހުއްޓިފައިވަނީ މައިހާ އަށެވެ. މައިހާގެ މޫނުން ފާޅުވި މޮޅިވެރިކަން ނަގައިގަނެވުނީތީއެވެ. އެހަދިޔާ ތައްޔާރުކުރަން މައިހާ އުޅުނީ އެމީހުންގެ ލޯކުރިމަތީގައި ވިއްޔާއެވެ.

''ނޫނޭ، އައި ލައިކް އިޓް، އެކަމަކު މި ދުވަސްކޮޅު ޑައިޓްގަ މިއުޅެނީ...'' ޤައިލާ ގަސްދުގައި މައިހާ ދެރަކޮށްލަން ބުންޏެވެ. ''ދެން މޭއި ދިނީމަ ކާންތާ ޖެހޭނީ، ތޭންކްސް...''

''އަހަންނަށްދީ، ސާރިޔާއްތަ ހަދާ އެއްޗިސް ވަރަށް މީރުވާނެ...'' އަސަލް ކުރިއަށް ޖެހިލައި ބުންޏެވެ. އޭނަ ހުރީ ޤައިލާ ދެކެ ހިތްހަމަނުޖެހިފައެވެ. މައިހާ ދެރަވީތީ އެކަމާ ވެސް އުނދަގޫ ވެފައެވެ.

''އުހޫނ، މޭއި އަހަންނަށް ދިން އެއްޗެއް މީ...'' އަސަލް ކޮތަޅު އަތުލަން އުޅުމުން ޤައިލާ އޭނަގެ އަތް ދުރަށް ޖައްސާލިއެވެ. ޤައިލާއަށް އަސަލް ބަލައިލިޔަސް އިތުރު އެއްޗެއް އޭނަ ނުބުންޏެވެ.

''ދެން ތިތާ ދޮރުމަތީގަތަ ތިބެނީ، އެތެރެއަށް ވަދެބަލަ...'' ޖާހަތު ބުންޏެވެ. ރަމީޒާ ހިނގައިގަތީ ޖާހަތުގެ ގާތަށެވެ.

މައިހާގެ އަތުގައި ހިފައިގެން ޤައިލާ ދިޔައީ ބޮޑުކޮޓަރީގެ ސޯފާގައި އިށީންނާށެވެ. ޤައިލާގެ ފަހަތުގައި ވިއްދާލާފައި ހުރި އަސަލް ވެސް ފަހަތުން ހިނގައިގަތެވެ. ސޯފާގައި އަސަލް އިށީނުމާއެކު ޤައިލާ ޖެހުނީ އަސަލްގެ ގާތަށެވެ. މައިހާއަށް ފާހަގަ ވިއެވެ. ބަލަން ފަސޭހަ މަންޒަރަކަށް ނުވިޔަސް މައިހާ ހިނިތުންވެލިއެވެ. އޭނަގެ ހިތުގައި ބުރަކަމެއް ހަޤީޤަތުގައި ނުވެއެވެ.

''މޭއިގެ ޚަބަރެއް ވެސް ނުވޭ، އެހާ ބޮޑަށް ބީޒީތަ؟، އަހަންނާއި އަޒް މަތިން ހަނދާން ނައްތާލާފައި އައު އެކުވެރިން ހޯދަގައިތީދޯ؟...'' ޤައިލާ އުޅުނީ މައިހާ ކުށްވެރިކުރާށެވެ. ދުރުކަމެއް އައިސްފައިވަނީ މައިހާގެ ސަބަބުންނޭ ބުނެ އެކަމުގެ ތުހުމަތު މައިހާގެ ބޮލުގައި އަޅުވާށެވެ. އޭނަގެ މައުސޫމުކަން ސާބިތުކޮށްދޭށެވެ. އަބަދުވެސް ޤައިލާ ބޭނުންކުރާ އުޅުކެވެ. ލިބިފައިވާ ބުއްދީގެ ބޭނުން ފިސާރި މޮޅަށް ބޭނުންކޮށްލައެވެ.

''ނޫން...'' މައިހާއަށް ބުނެވުނެވެ. މައިހާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނަ ޤައިލާއަށް މެސެޖުކޮށް ފޯނު ކުރިކަން ހާމަކުރަން މައިހާ އުޅުނެވެ. މިފަހަރު ވެސް މައިހާ ހުއްޓުވީ ޤައިލާ އެވެ.

''އިޓްސް އޯކޭ، ލައިފްގަ ބަދަލުތަކެއް އަންނާނެ، އަޒްއާއި އަހަރެން ވެސް މެރީ ކުރި ފަހުން އެހާ ޓައިމެއް ނޯވޭ... ދޯ އަޒް...'' އަސަލްގެ މުލައްދަނޑީގައި ފިރުމާލާފައި ޤައިލާ ބުންޏެވެ.

''ހޫމްމް...'' އަސަލް ބުނެލިއެވެ.

އޭނަގެ ދިފާއުގައި ވާހަކަދެއްކުމުގެ ޚިޔާލު ދޫކޮށްލައި މައިހާ އިނީ ހިމޭންވެފައެވެ. އެހިމޭންކަމުން ޤައިލާއަށް ކާމިޔާބީގެ ފޮނިކަން ހާސިލްކުރެވުނެވެ.

ޖާހަތު ގޮވާލުމުން އެންމެން އެކުގައި ކާމޭޒާއި ދިމާއަށް ހިނގައިގަތެވެ. އަސަލްއަށް މައިހާ ނެގިމަޑުވެފައި ހުރިކަން ފާހަގަ ކުރެވުނެވެ. ސުވާލުކޮށްލަން އޭނަ އުޅުނެވެ. އެކަމަކު ޤައިލާގެ އަނގަޔާ ހެދި އެއްޗެއް އޮޅުން ފިލުވާލާނެ ފުރުސަތެއް އަސަލްއަކަށް ނުލިބުނެވެ.

ޤައިލާ ހިނގައިގަތީ މައިހާ ދިން ކޮތަޅު ސޯފާ މައްޗަށް ދޫކޮށްލާފައެވެ. އެހަދިޔާއަށް އޭނަގެ ސަމާލުކަމެއް ނެތެވެ. ނޫނީ ދޭން ބޭނުން ނުވީއެވެ.

*****

ކެއުމަށް ތައްޔާރުކޮށްފައި ހުރީ ފްރައިޑް ރައިސް އެވެ. ފިހުނު ކުކުޅު ވެސް ހުއްޓެވެ. އޭގެ އިތުރުން ޤައިލާގެ އެދުމުގެ މަތިން ސީޒާ ސެލެޑެއް ވެސް ޖާހަތު ތައްޔާރުކުރިއެވެ. ބުއިމަކަށް ހުރީ އޮރެންޖް ޖޫހެވެ.

ކެއުމުގެ ތެރެއިން އަސަލް ސުވާލުކޮށްލީ މާދާގެ އެޕޮއިންޓްމެންޓާއި ގުޅުވައިގެންނެވެ. ޖާހަތު ދިން މައުލޫމާތުތަކުން ހަވީރަށް ޑޮކްޓަރަށް ދައްކައި ނިމޭނެކަން އަސަލްއަށް ނަގައިގަނެވުނެވެ. އެގަޑިއަށް އޭނަ ވެސް އޮފީހުން ނިމޭނެއެވެ. މައިހާއާއި ވާހަކަދައްކާލަން ފަހިވެގެން ދާނެ ފުރުސަތުގެ ބޭނުން ހިފަން އަސަލް ގަސްދުކުރިއެވެ.

''އެހެންވީމަ މާދަން ހެނދުނު އޮފީހަށް ދަމުން މަންމަ ގެސްޓްހައުސްއަށް ލައިދޭނަން....'' އަސަލް ބުނެލިއެވެ. ރަމީޒާއާއެކު މަންމަ ދާން ބޭނުންވާނެކަން އެނގޭތީއެވެ.

ރަށުގެ ޚަބަރު ދަބަރު އޮޅުން ފިލުވަންވެގެން އަސަލް ސުވާލުކޮށްލިއެވެ. ގަޔާވެފައި އަސަލްއަށް ކަންތައްތައް ރަމީޒާއާއި ޖާހަތު އޮޅުންފިލުވައިދިނެވެ. ދޭތެރެއަކުން ރަމީޒާ ދޯ ދިނުމުން މައިހާ އެއްޗެކޭ ބުނެލާނެއެވެ. އެނޫނީ އޭނަ ވާހަކައެއް ނުދައްކައެވެ. ބޮޑު ފިކުރަކަށް ގެއްލިފައިވާ ކަހަލައެވެ.

''ދަރިފުޅުމެން ރަށަށް ދާނީ ކޮން ދުވަހަކުންތަ؟...'' ލިބުނު ފުރުސަތުގައި ޖާހަތު އިތުރުކޮށްލިއެވެ. އަސަލްއާއި ޤައިލާ ރަށަށް ދާން ޖާހަތު ކިތަންމެހާ ވެސް ބޭނުމެވެ. ޤައިލާއަކީ ޢާއިލާގެ މެންބަރެއްކަން ބުނެދޭން އެދެވޭ ވަރުންނެވެ. އޭރުން މާލޭގައި ހުރުމުގެ ޚިޔާލު ޤައިލާ ދޫކޮށްލާނެކަމުގެ އުއްމީދާއެކު ވެސް މެއެވެ. އޭނައަށް ފެންނަ ހިސާބުގައި އަސަލްގެ ދެމަފިރިން އުޅޭނަމަ ހާސްކަމާއި ދުރުވެވޭނެއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭނަމަ ވަގުތު ފާއިތުވުމުގެ ކުރިން ނަސޭހަތް ވެސް ދެވޭނެ ނޫން ހެއްޔެވެ؟

އެކްސިޑެންޓެއްގައި ޤައިލާގެ މައިންބަފައިން ނިޔާވުމަށްފަހު ޤައިލާގެ ޒިންމާތަކާ ހަވަލުވީ މަންމަ ފަރާތު ބޮޑުދައިތައެކެވެ. މައިހާއާއި އަސަލްގެ ރަށަށް ޤައިލާ ބަދަލުވި ހިސާބަކީ ވެސް އެއީއެވެ. ރަށުގައި އުޅުނު ޤައިލާގެ ބޮޑުދައިތަ މީގެ ދެ އަހަރު ކުރިން ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. އޭގެ އަހަރެއް ކުރިން ބޮޑުދައިތަގެ ފިރިމީހާ ވަނީ ކިޑްނީ ބަލީގައި ނިޔާވެފައެވެ. ބޮދުދައިތަ އުޅުނު ގެ ވެސް ހުންނަނީ ފަޅަށެވެ. ވީރާނާވެފައެވެ. އެގެ ވަނީ ޤައިލާއަށް ހިބަކޮށްދީފައެވެ. ނަމަވެސް ޤައިލާގެ ނަޒަރުގައި އެއީ ރަށުގައި އޭނަ ބަހައްޓަންވެގެން ބޮޑުދައިތަކުރި ކަމެކެވެ.

''ރަށަށް؟...'' ޤައިލާ ދަމާލާފައި ބުނެލިއެވެ. އޭނަ ބަލައިލީ ޖެހިގެން ހުރި ގޮނޑީގައި އިން އަސަލް އަށެވެ.

''އަޒް ކީކޭ ބުނަނީ؟ ރަށަށް ދާން ހިނގާދަމާދޯ، އޭރުން މޭއިގެ ފޫހި ފިލާނެއެއްނު...'' ޤައިލާ އެހެން ބުނީ ރަށަށް ދާހިތްވާތީއެއް ނޫނެވެ. އަސަލް ތަޅުވާލަންވެގެންނެވެ. ވީ ވެސް އެހެނެވެ. އަނގަޔަށް ލާން އުޅުނު ބަތް ސުވާ ތަށީގެ ތެރެއަށް ދޫކޮށްލަމުން އަސަލްއަށް އެނބުރިލެވުނީ ޤައިލާއާއި ދިމާއަށެވެ.

''ދަރިފުޅުމެން އަންނަވާނެ...'' ޖާހަތަށް ލިބުނީ އުފާވެރިކަމެވެ.

''އެކަމަކު ފަހުން... މިދުވަސްކޮޅު ޗުއްޓީއެއް ނުލިބޭނެޔޭ މަންމާ، އޮފީސް ވަރަށް ބުރަކޮށް ދަނީ...'' ޤައިލާ ހެދީ ދޮގެވެ.

''ލަހުން އާދެވުނަސް ރަނގަޅުވާނެ، ތިދެކުދިން ރަށަށް އަންނަނިކޮށް މަންމައަށް ނިމުނީ...'' ޖާހަތު ހިނިތުންވެލިއެވެ.

މަންމަގެ އިހުސާސްތަކާއި ޤައިލާ ކުޅެލުމުން އަސަލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަތުގައި އޮތް އުލާއި ސަމުސަލަށް ބާރުކޮށްލެވުނެވެ. މޮޅު ވާހަތަކެއް ދެއްކިޔަސް ޤައިލާ ރަށަށް ނުދާނެކަން އަސަލްއަށް ރަނގަޅަށް އެނގެއެވެ. އެދެމެދުގައި އޮންނަ ހަމަނުޖެހުމުގެ ސިއްރަކީ ވެސް އެއީ އެވެ.

''ސޯ...'' ޤައިލާ ދެން ބަލައިލީ މައިހާ އަށެވެ. ''މޭއި އަދިވެސް ސިންގަލްތަ؟، ބޯއިފްރެންޑެއް ނުހުރޭތަ؟...''

ޤައިލާގެ ސުވާލާއެކު މައިހާ ކޮށިނޭރީ ހަމަ ކިރިޔާއެވެ. އޭނަ އިނީ ގަނޑުވެފައެވެ. އަސަލްގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނުކަން މައިހާއަށް އިހުސާސްކުރެވުނެވެ. ދޭނެ ޖަވާބެއް ނޭނގި މައިހާ ފިނިވާން ފެށިއެވެ.

(ނުނިމޭ)