ސިޔާސީ ކޯޅުންތަކާއި ސިޔާސީ ނުފޫޒުގައި ނުޖެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފަހުރުވެރިކަމާ އެކީގައި ހިދުމަތްކުރުމުގައި ފުލުހުން ކުރިއަށް ވަޑައިގެންނެވުމަށާއި ޕްރޮފެޝަނަލިޒަމް ކޮންމެ ހިނދަކުވެސް އިސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ތިބޭފުޅުންގެ ތެރޭގައި އޮންނަން ޖެހޭ އެކުވެރިކަން ވަރުގަދަކުރެއްވުމަށް. ބައިބައިވުމަށް އެއްވެސް ފުރުސަތެއް ނުދެއްވުމަށް. ސިޔާސީ ކޯޅުންތަކާއި ސިޔާސީ ނުފޫޒުގެ ތެރޭގައި ތިޔަ ފުލުހުންގެ އެއްވެސް ފަރާތެއް ޖެހުމުގެ ފުރުސަތު ނުދެއްވައި، ތިބޭފުޅުން ގައުމަށް ކޮށްދެއްވާ ހިދުމަތުގައި ވަރަގަދަ އަޒުމެއްގައި، ވަރުގަދަ ބާރަކާއެކީގައި، އެކުވެރިކަމާއެކީގައި ކުރިއަށްވަޑައިގެންނެވުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެފުށް ފެންނަ ގޮތުގައި ހިދުމަތްދިނުމުގައި އެތައް ގުނައެއް އިތުރުކޮށްދިނުމަށާއި ރައްޔިތުންނާ އެކީގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޮގު ނުހަދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ދޮގެއް ނުހަދާނެ، އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތަކަށް. ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތް، އަދި ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން އެއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދައި، އެކި ކަހަލަ ފިތުނަތައް އުފައްދަން އުޅޭ ފަރާތްތަކުން ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކެތްތެރިކަމާއެކު ފުލުހުންގެ ދައުރު އަދާކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު