އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުގެ ހާލު ސީރިއަސް ކަމަށާއި އޭނާ ބޭނުންކުރި ކަމަށް ބެލެވެނީ ހަމައެކަނި މަސްތުވާތަކެތީގެ އެންމެ ބާވަތެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޔުމްނު ފުރާޅުމަތިން ނަގައިގެން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި އެތަނުގައި އޭނާއަށް ފަރުވާ ދިނީ ވެންޓިލޭޓަރަށް ލައިގެން ކަމަށެވެ.
"މިހާރު ވެންޓިލޭޓަރު ނަގާފައި އޮތްކަމުގައި ވިޔަސް އައިސީޔޫގައި އޮތީ ވަރަށް ހާލު ދެރަކޮށް އޮތީ. ސުވާލުކޮށް ފިންގާޕްރިންޓް ނެގުމަށް އަދި ޑޮކްޓަރުން ހުއްދަ ދީފައެއް ނުވޭ. އެކަމަކުވެސް ޔޫރިން ބްލަޑް ސާމްޕަލް ނެގިފައިވަނީ" ނަވީން ވިދާޅުވިއެވެ.
ޔޫރިން ބްލަޑް ސާމްޕަލްގެ ނަތީޖާ ކެނަބިސްއަށް ޕޮޒިޓިވްވި ނަމަވެސް ކެނަބިސް ނެގި މީހަކު އެހާ ވަރަށް މަސްތުވެފައި ހުރެދާނެ ކަމަށް އަމިއްލައަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންކަމުން އިތުރު ޓެސްޓުތައް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔުމްނާ ފުރާޅުމައްޗަށް ވެއްޓުމުގެ ކުރިން އޭނާއެކު އުޅުނު ރައުދު އަހުމަދު ވެސް އިތުރު ބާވަތެއްގެ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް ރައުދުގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާތީ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް