އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ ރައުދު އަހުމަދު ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދިއްޖެއެވެ.
އިސްކަންދަރުކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރައުދުގެ ފަރާތުން މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ލިބެމުންނުދާ ކަމަށެވެ.
"އަޅުގަނޑުމެން ރެއާ ހަމައަށް އަޅުގަނޑުމެން މި ކުރި މަސައްކަތުން ފާހަގަކުރެވުނީ ރިވިއު ޓީމުން ކުރި މަސައްކަތުން ފާހަގަކުރެވެނީ ކޮރަބޮރޭޝަންގެ މައްސަލަ އެބަ އުޅޭ ރައުދުގެ ފަރާތުންވެސް. އެހެންވީމާ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމުރަކަށް އަޅުގަނޑުމެން ވާނީ އެދިފައި،" ނަވީން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފަ އެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފައެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ ހައްވާ ޔުމްނާ، 21އ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އަނިޔާވި އަންހެން ކުއްޖާ ހިމެނޭހެން އަށް މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް އެ ގެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 12:00-12:30 އާ ދެމެދު ނުކުމެއެވެ. އަދި އެ މީހުން ނުކުމެގެން އޭގެ ތެރެއިން ހަތަރު މީހުން އަމީނީ މަގުން ހެންވޭރުކޮޅުގައި ހުރި ގެއަކަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ގެއަށް ގޮސްފައިވަނީ އަނިޔާވި އަންހެން މީހާއާއި ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ ފިރިހެނުން އެ ގެއަށް ދިޔައީ ސައިކަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނިޔާވި އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާ ހިނގާފައި ގޮސް އެގެއަށް ވަދެ، އެ ގޭގައި އެ ދުވަހުގެ ހަވީރު 4:30 ވަންދެން ތިބި ކަމަށް ފުލުހުން ބުނެފައިވެއެެވެ.
އޭގެ ފަހުގައި އެ ގެއަށް ދިޔަ އަންހެން މީހާއާއި ފިރިހެން މީހާ ހިނގާފައި ގޮސް ބުރުޒު މަގުގައި ހުންނަ ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ހުރީ މަސްތުގެ ހާލަތުގައެވެ. އެކަން އަމަލުންވެސް އެނގޭ ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ މީހުން ބޮޑަށް ހަރަކާތްތެރިވެފައިވަނީ 7،8،9 ވަނަ ފްލޯގައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ މަސްތުވާތަކެތީގެ ދާއިމީ ނަތީޖާ ކެބިނިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ، އަންހެން ކުއްޖާ "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް