މިއަހަރު ލޯނު އަނބުރާ ދެއްކުމަށް މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކުރި 12.7 ބިލިއަން ރުފިޔާގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އަކީ ލޯނުތައް ދެއްކުމަށް ހޭދަކުރި ފައިސާ ކަމަށެވެ.

އެގޮތުން ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 އިންސައްތަ އިތުރުވެފައި ކަމަށާއި މިއަހަރު ލޯނު ދެއްކުމަށް ހިނގި ހަރަދުތަކުގެ ތެރޭގައި މިދިޔަ މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ފިނޭންސްގެ ރިޕޯޓުގައިވެއެވެ.

ފިނޭންސްގެ ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފައި ކަމަށާއި އެގޮތުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، މިމަހުގެ 17 ގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ ކަމަށެވެ. އަދި މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާ އިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދު ފިނޭންސުން ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، މިމަހުގެ 17 ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާ އިރު، ޓެކްސް ނޫން އާމްދަނީގެ ހިއްސާއަކީ 22.3 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 5.4 އިންސައްތައިން އިތުރުވެފައެވެ.

އާމްދަނީގެ ވަކިވަކި ބައިތަކުގެ ތެރެއިން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.7 އިންސައްތައިން އިތުރުވެފައިވާ ކަމަށާއި އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ 8.0 އިންސައްތައިން އިތުރުވެފައިވާ އިރު، ޖީޖީއެސްޓީގެ އާމްދަނީ 3.4 އިންސައްތައިން އިތުރުވެފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

އޭގެ އިތުރުން ފިނޭންސުން ބުނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްފައިވުމުގެ ސަބަބުންނާއި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމާއެކު ޑިޕާޗާ ޓެކުހާއި އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށެވެ.

އާމްދަނީން ނަގާ ޓެކުހުގެ ތެރެއިން ވިޔަފާރި އާމްދަނީން ނަގާ ޓެކުހާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އިތުރުވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެޑްވާންސްކޮށް ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 426.0 މިލިއަން ރުފިޔާ ބަލައިގަނެ ޖުމުލަ 946.9 މިލިއަން ރުފިޔާ އެހެނިހެން ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބިފައިވާތީ، މިއަހަރުގެ މިހާތަނަށް މި ދާއިރާއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށެވެ.

މިމަހުގެ 17 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިއީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މިއަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ އަދަދުގެ 32.7 އިންސައްތަ ކަމަށް ފިނޭންސުން ބުންޏެވެ.