ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ސަސްޕެންޑް ވިޔަ ނުދީ ސަލާމަތްކުރުމުގެ ޒިންމާ އޮތީ ކްލަބުތަކުގެ އަތް މަތީގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުޓުބޯޅަ އޮތް ހާލަތުން އަރައި ގަނެ، ސަސްޕެންޝަނާ ހަމައަށް ދިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭނީ ކްލަބުތަކުން ކަމަށެވެ.

"ހަގީގަތަކީ (ފުޓުބޯޅަ) އެސޯސިއޭޝަން މިހާރު ދެވަނަ ފަހަރަށް މިކަހަލަ ހާލަތަކަށް އައިސްފަ މިވަނީ. އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ބޮޑު ހިތްދަތިކަމަކީ މި ހާލަތަށް އައުން، އެއީ ނޯމަލައިޒޭޝަނަށް ދިޔުން. ދެން އެއަށްވުރެ ބޮޑަށް މި އޮންނަ ކަމަކީ އެއްކޮށް ސަސްޕެންޑްވުން. އެހިސާބުން ހުރިހާ ކްލަބެއް ޑިސޯލްވެގެން ދިޔައީ. އެ ހާލަތަށް ދިޔަ ނުދިނުމުގެ ޒިންމާ އޮތީ ކްލަބުތަކުގެ އަތުގައި. އެހެންވީމަ ކްލަބުތަކުގެ ޒިންމާއެއް އެއީ ފުޓުބޯޅަ ކޮޅަށް ޖަހަން، އެކަމަށް އެފޮޓް ލުން،" މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހާލަތަށް ބަލާއިރު، ބައެއް ގައުމުތަކަށް ދިމާވި ހާލަތަށްވެސް ބަލައިލަން ޖެހޭ ކަމަށެވެ. އެގޮތުން ޕާކިސްތާނަށް ސަސްޕެންޝަން އައި ހާލަތަށް އަލިއަޅުވާލައި، މިނިސްޓަރު ވިދާޅުވީ އެ ގައުމުގެ ފުޓުބޯޅަ ސަސްޕެންޑް ކުރީ ފީފާއިން ހުށަހެޅި ހުށަހެޅުންތައް ކަނޑައެޅިފައިވާ ތާރީހަށް ފުރިހަމަ ނުކުރުމުން ކަމަށެވެ.

އެ ހާލަތަށް ރާއްޖެ ދިޔަ ނުދީ، ނޯމަލައިޒޭޝަން ކޮމިޓީއަށް ދީފައިވާ މުއްދަތުގައި ކަންކަން އިސްލާހުކުރުން އެއީ ފުޓުބޯޅައަށްޓަކައި މެންބަރު ކްލަބުތަކުން ކުރަން ޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ "ރައީސް ކަމަށް ކުރިމަތިލައްވާނެ ބޭފުޅެއް ކަނޑައެޅުމަކީ،" މާ ފަހުން ކުރަން އޮތް ކަމެއް ކަމަށާއި، މިހާރު އޮތް ހާލަތުން އަރައިގަންނަން އިސްލާހުތަކެއް ގެނައުން މުހިއްމު ކަމަށެވެ.

"އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާނެ މީހެއްގެ ވާހަކައަކީ ވަކި ކަމެއް. އަޅުގަނޑުގެ ރިކުއެސްޓަކީ އެހާ ހިސާބަށް ދާން ހުރި ކަންތައް މިހާރު ކުރައްވަން ހިންގަވާށޭ. މި ހާލަތުން އަރައިގަތުމަށް ކްލަބުތަކުން އެހީތެރިވެދޭން ހިނގާށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ހާލަތަށް ގެނައިތާ ދުވަސްތަކެއް ވެފައިވާ އިރު، ރާއްޖޭގެ އެސޯސިއޭޝަން ހިންގުން ފީފާއިން މިހާރު ހަވާލުކޮށްފައި ވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކާއެވެ.

ހިންގާ ގަވާއިދު އިސްލާހުކޮށް، ރާއްޖޭގެ ފުޓުބޯޅަ ހިންގުމަށް ބަދަލު ގެނައުމުގެ އިތުރުން ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފައިސާ ހޯދުމާއެކު ބޮޑެތި ޒިންމާތަކެއް ނޯމަލައިޒޭޝަން ކޮމެޓީއާ މަތިކޮށް، ފީފާއިން ދިން މުއްދަތު ހަމަވާންވެސް މިހާރު އޮތީ ކައިރިވެފައެވެ. އެއީ ޖުލައި މަހާ ހަމައަށެވެ.

ފީފާއިން އަންގާފައިވާ ކަންކަން މުއްދަތަށް ނުނިންމައިފިނަމަ، ރާއްޖެއަށް ފިޔަވަޅު އަޅާނެއެވެ. އެ ހާލަތަށް ދިޔަ ނުދޭން، ބައެއް ކްލަބުތައް އެކުވެ، މިހާރު ވަނީ ބޮޑު އިސްލާހެއްވެސް ހުށަހަޅައިފައެވެ.