މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ "ޝިޕް ހުރަވީ" މަރާމާތަށްފަހު އިންޑިއާ އިން ރާއްޖެ އައުމަށް ފުރައިފިއެވެ.

އިންޑިއާގެ ނޭވީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު "ހުރަވީ" ފުރަތަމަ ފަހަރަށް މަރާމާތުކުރުމަށްފަހު ރާއްޖެއަށް ފުރާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އުޅަނދު މަރާމާތުކުރެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކޮށްދޭ ކަމެއް ކަމަށް ނޭވީން ބުންޏެވެ.

ހުރަވީގެ މަރާމާތުގެ މަސައްކަތުގެ ދަށުން ހުރިހާ މެޝިނަރީއަކާއި ހަތިޔާރާއި ސެންސަރުތައް މަރާމާތުކޮށްފައިވާ ކަމަށާއި ބައެއް ކަހަލަ އަޕްރޭގްރާޑްކުރުމުގެ މަސައްކަތްތައް ވެސް ކޮށްފައިވާ ކަމަށް އިންޑިއާގެ ނޭވީން ބުންޏެވެ.

އޭޕްރީލް 16، 2006 ގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހުރަވީގެ ބަދަލުގައި 2023 ވަނަ އަހަަރު އެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ހަވާލުކުރިއެވެ. އާ އުޅަނދު ވެސް ބޭނުންކުރަމުންދިޔައީ "ޝިޕް ހުރަވީ"ގެ ނަމުގައެވެ. މިދިޔަ ނޮވެމްބަރު މަހު އިންޑިއާއަށް މަރާމާތަށް ފޮނުވާފައިވަނީ އާ އުޅަނދެވެ.

އާ އުޅަނދު ހަދިޔާކުރަން ނިންމީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.