އިސްރާއީލުގެ ރިޕޯޓުގައި ހުރީ ހުސް ދޮގުވާހަކަ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފިއެވެ.

ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ މެޑިކަލް ޓީމުތަކެއް ދަތުރުކުރަމުން ދިޔަ އުޅަނދުތަކަކަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދީފައިވާ ހަމަލާއެއްގައި 15 މީހަކު ވަނީ މަރުވެފައެވެ.

އެ ކަމާ ގުޅިގެން، އިސްރާއީލުގެ މިލިޓަރީން ނެރުނު ރިޕޯޓެއްގައި ވާގޮތުން އެހަމަލާ އަކީ އޮޅިގެން ދެވުނު ހަމަލާއެކެވެ. އެހަމަލާ ދިނުމަށް ކޮމާންޑުކުރި ކޮމާންޑަރުވެސް މަގާމުން ދުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ނެރުނު ރިޕޯޓުގައިވާގޮތުން އެ ކޮމާންޑަރަށް އެއީ އެމްބިއުލާންސްތަކެއް ކަމަށް ފާހަގަވެފައެއް ނުވެއެވެ. ރޭގަނޑުގެ ވަގުތު ކަމަށް ވުމުން އެ އެމްބިއުލާންސްތައް ފެނުމުގައި ދަތިތަކެއް ހުރީ ކަމަށް ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނު ރެޑް ކްރެސެންޓްގެ އަންހެން ތަރުޖަމާނު ބުނެފައިވާ ގޮތުގައި، އެރިޕޯޓުގައި ވަނީ މުޅީންވެސް ދޮގުވާހަކަ އެވެ. އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް ދެއްކުމަށް ހަގީގަތް އޮޅުވާލާފައިވާކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.

23 މާޗުގައި ދިން އެ ހަމަލާގައި ފަލަސްތީނު ރެޑް ކްރެސެންޓުގެ 14 މީހުންގެ އިތުރުން އދ ގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ މަރުވެފައެވެ.

އދގެ އިންސާނީހައްގުތަކާބެހޭ އެންމެ އިސްވެރިޔާ ފާހަގަކުރައްވައިފައިވާ ގޮތުގައި، އިސްރާއީލުގެ އަމަލުތައް ވަނީ ހައްދުފަހަނައަޅައިފައެވެ. އެ އަމަލުތަކަށް އެމީހުންގެ މައްޗަށް ފިޔަވަޅުވެސް ނޭޅޭ ކަމަށާއި އިސްރާއީލުން ދުނިޔެ ބިރުވެރި ތަނަކަށް ހަދާފައިވާކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.