ދެކުނު އޭޝިއާގެ ދަތުރުފަތުރާއި ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެވޯޑްސް ކަމުގައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2025 އަށް ވޯޓުލުން ވަނީ މިއަދު ހުޅުވާލައިފައެވެ.

ސާޓާއިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ އެވޯޑަށް 250 އަށްވުރެ ގިނަ އެންޓްރީ ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އިންޑިއާ، ދިވެހިރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނުން ހުށަހެޅި ނޮމިނޭޝަންތައް ހިމެނެއެވެ.

ސާޓާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މިހާރު ވޯޓުލުން ފަށާފައިވާ އިރު، ދާއިރާގެ ޕްރޮފެޝަނަލުންނާއި އާންމު ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދެވިފައިވެއެވެ. ކެޓަގަރީތަކުގެ ތެރޭގައި ލީޑިންގ ބީޗް ރިސޯޓުން ފެށިގެން ބެސްޓް ނިއު ހޮޓެލާ ހަމައަށް، ދާއިރާގެ ހުރިހާ ދާއިރާއެއްގެ ތަރައްގީ ފާހަގަކުރެވޭ ގޮތަށް ވަރަށް ގިނަ ކެޓަގަރީތައް ހިމެނެއެވެ.

2016 ގައި ފެށި ސާޓާއަކީ މިހާރު ނުވަވަނަ އަހަރަށް އައިސްފައިވާ އެވޯޑްސްއެކެވެ. އަދި މިއީ ސަރަހައްދުގެ 15 ޓޫރިޒަމް އަދި ވިޔަފާރި ޖަމިއްޔާތަކުން ތާއީދުކުރާ އެވޯޑްސްއެކެވެ. މީގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (އެސްއެލްއޭއައިޓީއޯ)، ނޭޕާލް ޓޫރިޒަމް ބޯޑު (އެންޓީބީ) ފަދަ ބޮޑެތި ޖަމިއްޔާތައް ހިމެނެއެވެ.

މި އެވޯޑު ހަފުލާ އެކި އަހަރު ބާއްވާފައިވަނީ ދެކުނު އޭޝިއާގެ އެކި ގައުމުތަކުގައެވެ. އެގޮތުން މިދިޔަ އަހަރު ނޭޕާލުގައި ބާއްވާފައިވާއިރު ބެންގަލޫރު، ދިވެހިރާއްޖެ އަދި ލަންކާގެ ގާލް ފަދަ ތަންތަނުގައިވެސް ވަނީ ބާއްވާފައެވެ. މިއަހަރުގެ އެވޯޑްސް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ.

ވޯޓުލުމާ ބެހޭ އިތުރު މައުލޫމާތު ސާޓާގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ސާޓާއިން ބުނެފައިވެއެވެ.