ބޭސިކް ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ޝުޖާތާ މިހެން ވިދާޅުވީ ބޭސިކް ޕެންޝަންގެ އިތުރުން އެކިއެކި މުއައްސަސާތަކުން ދޭ ޕެންޝަން ޕެކޭޖުތަކުގެ ސަބަބުން ޑަބަލް ޕެންޝަނަށް ހުޅުވިފައިވާ ފުރުސަތަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް މައުލޫމާތު ދެއްްވަމުންނެވެ.

ޝުޖާތާ ވިދާޅުވީ، އަސާސީ ޕެންޝަންވެސް މިހާރު ދެމުންދާގޮތުން 2030 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އެހެންކަމުން އެ އަދަދު ހޭދަކުރުން ދައުލަތަށް އުނދަގޫވެގެންދާނެ ކަމަށްވެސް ވިދާާޅުވިއެވެ.

ޝުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނުގެ ބޭރުން އެކިއެކި މުއައްސަސަތަކުން ހިންގާ ސްކީމުތަކުގެ ސަބަބުން އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، ތަފާތުކުރުން ބޮޑު ނިޒާމެއް އުފެދިފައި އޮތުމަކީ އޮތް ކަންބޮޑުވުމެއް ކަމަށެވެ. އަދި ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް އުފައްދާފައި އޮތް އިރު، އޭގެ ބޭރުން އެއްވެސް ކޮންޓްރިބިއުޝަނަކާ ނުލައި ހިންގާ ސްކީމުގެ ސަބަބުން، ޕެންޝަން ގާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާތާ ވިދާޅުވީ، 2030 ވަނަ އަހަރަށް ދާއިރު 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އެހެންކަމުން އަސާސީ ޕެންޝަންދިނުންވެސް ދައުލަތަށް އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން މިހާރު މިހުރި ވަރުގައި އިނާޔަތްތައް ބެހެއްޓި ކަމުގައިވީ ނަމަވެސް، ވަރަށް ބޮޑަށް ހަރަދު ބޮޑުވެގެންދާނެ. މިހާރު މި ހުރިވަރުގައި ވެސް އިނާޔަތްތައް ނުވެސް ބެހެއްޓޭނެ،" އޭނާ ވިދާޅުވިއެވެ.