ރ. އިނގުރައިދޫގައި އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވުމުން، އެ ބުޅާތައް ފަޅު ރަށަކަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

އިނގުރައިދޫ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ބުޅާތައް ބަދަލުކުރުމަށް ނިންމާފައިވަނީ އެއްވެސް ކައުންސިލެއްގެ އިހުތިސާސްތެރޭގައި ނުހިމެނޭ ފަޅު ރަށަކަށް ކަމަށެވެ.

އިނގުރައިދޫ ކައުންސިލުގެ އިއުލާނުގައި ބުނީ މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާތީވެ، ރައްކާތެރި ގޮތުގައި ބުޅާ ހިފައި، ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށް ކަމަށާާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ކައުންސިލު އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް އެދޭ ކަމަށް އިނގުރައިދޫ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އަގު ހުށަހަޅާ އިރު، ހުށަހަޅަން ވާނީ 300 ބުޅާ ހިފައިދޭނެ އަގެއް ކަމަށެވެ.