ދިވެހި ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، ދިވެހިން ތިބޭނީ މިނިވަންކަންމަތީގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ރާއްޖެ، އެއް ވެރިކަމެއްގެ އަމުރުމައުރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔާފައިވީ ނަމަވެސް، އެ ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ދިވެހި ސިފައިން ކަމަށެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތެވެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިފައިން ވަނީ އަމިއްލަ ނަފުސާ އާއިލާއަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށްފައި ކަމަށެވެ. ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު އެކަމުގެ ބުރަ ދިވެހިންނަށްޓަކައި އުފުލީ ދިވެހި ސިފައިންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެފަދަ ކޮންމެ ދަނޑިވަޅަކުވެސް "ގައުމުގެ ހައްގުގައި ހޭވައްލާ ތައްޔާރު"ވެ ހިދުމަތަށް އަވަސްވެގަތީ ސިފައިންކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންދާ ބަޔަކީ ސިފައިންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު