އަސަލްއާއި މައިހާގެ ހަތަރުކަޅި ބައްދަލުވުމާއެކު މައިހާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އަސަލްގެ ދެލޮލުގައިވި ދަމާބާރުގެ ތެރެއަށް ހިތް ދޫކޮށްލެވުނީ އޭނަގެ އިހުތިޔާރެއް އެކަމުގައި ނުވާހާލުގައެވެ. އޭނަގެ އިހުސާސްތައް އަނެއްކާ ވެސް އޭނައަށް ކެހިދީފިއެވެ. އަސަލްއާއި ނަޒަރު ވަކިކޮށްލުން މައިހާއަށް ފަސޭހަކަމަކަށް ނުވިއެވެ. އެސޫރައިން ފިނިކަން ގެނެސްދިނީތީއެވެ. އެހިނިތުންވުމުން ވިންދުތައް އަވަސް ކުރުވީތީއެވެ. ހަމަހޭވެރިކަންވީ މޭގައިވި ޒަހަމްތަކުގައި ރިއްސާލުމުންނެވެ. ހަޤީޤަތާ ހަމައަށް މައިހާ ގެނެސްދިނީ އެވޭނުންނެވެ. އެއާއެކު އޭނައަށް އެސްފިޔަތައް ތިރިކޮށްލެވުނެވެ. އެފަދަ ނަޒަރަކުން އަސަލްއަށް ބަލައިލުމުގެ ހައްޤެއް އޭނައަށް ލިބިފައި ނެތެވެ. އޭނަގެ ހިތަށް ވިސްނައިނުދެވެނީ ކީއްވެގެން ހެއްޔެވެ؟ ފަހުނޭވާވަޅަށް އެޅޭއިރުގައި ވެސް ވޭނީ ފަލްސަފާއަށް ނިމުމެއް އަންނާނެ ހެއްޔެވެ؟ މިއީ ދިރިއުޅުމެއް ނޫނެވެ. މިއީ ވޭނެކެވެ.

މައިހާ އިސްޖަހާލުމުން އަސަލްއަށް އުނދަގޫވެއްޖެއެވެ. އެދެމެދުގައި ބީރައްޓެހިކަމުގެ ބޯ ފާރެއްލެވިފައިވާކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. ނެގިމަޑުވެފައި ހުރި މައިހާގެ ހަރަކާތްތަކުން އެކަމަށް ހެކިދިނެވެ. ކުރިން އޭނައާއި ފޫހިކަމެއް ނެތި ވާހަކަދައްކައި އުޅުނު މައިހާގެ ފަރާތުން އަސަލްއަށް ފެނުނީ ހިމޭންކަމެވެ. އަސަލް ދެރަވިއެވެ. ހާލަތު ބަދަލުވެގެން ހިނގައްޖެކަމުގެ ނިޝާންތައް ޤަބޫލުކުރަން އޭނަގެ ނަފުސު ދެކޮޅުހެދިއެވެ. ރަނގަޅު ފުރުސަތެއް ބަލާފައި އޭނަ މައިހާގެ ގާތުން މަޢާފަށް އެދޭނެއެވެ. އޭނަގެ އުއްމީދަކީ މައިހާ އޭނައަށް މަޢާފުކޮށްދިނުމެވެ.

މައިހާގެ ދުރުކަން ފާހަގަވެ އިސްވެ މައިހާއާއި ވާހަކަދައްކަން އަސަލް ފަސްޖެހުނެވެ. އަސަލް ހިނިތުންވެލީ މަންމަމެންނަށް އޭނައާއި މައިހާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ނަގައިގަނެވިދާނެކަމުގެ ބިރު ހީވުމުންނެވެ.

''ދަރިފުޅު އެކަނިތަ އައީ؟، އެލީ ނާދޭތަ؟...'' ޤައިލާ ފެންނަން ނެތުމުން ޖާހަތު ސުވާލުކޮށްލީ އަސަލްއަށް ބަދަލެއް އާދޭތޯ ބަލައިލުމަށެވެ. ވީވެސް އެހެންނެވެ. އަސަލްގެ ހިމޭންކަމާއި އޭނައާއި ހަތަރުކަޅި ބައްދަލުކުރަން ފަސްޖެހުމުން ޖާހަތުގެ ޝައްކުތަކަށް ދިރުން ލިބުނެވެ.

މަންމަގެ ސުވާލަށް ޖަވާބު ދޭނެ ގޮތަކާއި މެދު އަސަލްއަށް ވިސްނާލެވުނެވެ. ކައިވެންޏަށް އަހަރެއް ނުވަނީސް ހައްލުކުރަން ދަތި މައްސަލަތައް ޖެހިފައިވާކަން މަންމައަށް އެނގިއްޖެނަމަ ހާސްވާނެވަރު އެނގޭތީ، އަސަލްއަށް މަޖުބޫރުވީ ގޮދު ހަދާށެވެ. މަސްލަހަތަށްޓަކައެވެ. އެއީ ހައްލެއް ނޫންކަން އެނގޭހާލުގައެވެ. މަންމައަށް ދޮގު ހަދަންވުމުން އަސަލް ހުރީ އުނދަގޫވެފައެވެ. ޤައިލާ ދެކެ ހިތްހަމަނުޖެހިފައެވެ. މިއަދު ދޮގަކުން ފޫބައްދާލެވުނަސް މަންމަމެންނަށް ހަޤީޤަތް އަންގަން ޖެހޭނެކަމުގެ އިންޒާރު އޭނަގެ ޒަމީރު ދިނެވެ. އޭނަގެ ނިންމުމާއިގެން ކުރިއަށް ދާނަމަ އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. އެކަމާއި އޭނަ ކުރިމަތިލާން ޖެހޭނެއެވެ. ކޮން ދުވަހަކުން ހެއްޔެވެ؟

''ކުޑަކޮށް ބޮލުގަ ރިއްސާތީ އުޅެނީ...'' އަސަލް ބުންޏެވެ. އަސަލްއަށް ދުޢާކޮށްލެވުނީ އިތުރު ސުވާލެއް މަންމަގެ ފަރާތުން ކުރިމަތި ނުވާނެހެންނެވެ. އިތުރަށް މަންމައަށް އޮޅުވާލަން ފަސޭހަކަމަކަށް ނުވާނެތީއެވެ.

''އެހެންތަ؟...'' ސަމާލުވެ އަސަލްއަށް ބަލަން ހުރި ޖާހަތު އިތުރަށް އެމައުޟޫޢުއާއިގެން ކުރިއަށް ދާކަށް ގަސްދެއް ނުކުރިއެވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ލިބުމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް އަސަލް ދޫކޮށްލި މަންޒަރު ވެސް ޖާހަތު ދުށްޓެވެ. މަސްރަހު އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަން އޭނަގެ ތަޖުރިބާކާރު ސިކުނޑިއަށް ނަގައިގަނެވުނެވެ. އަސަލްއާއި ޤައިލާގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ހޯދައި އެކަމަށް ހައްލެއް ގެނެސްދޭން އޭނަ އަޒުމުކަނޑައެޅިއެވެ. ކައިވެނީގެ މުހިންމުކަމަށް އަލިއަޅުވާލަން އޭނަ ނިންމިއެވެ.

ޤައިލާގެ ފަޅުކަން މައިހާއަށް ފާހަގަ ކުރެވުނީ ޖާހަތުގެ ސުވާލަށްފަހުގައެވެ. އެއާއެކު އިސްއުފުލައި އަސަލްގެ މޫނަށް މައިހާއަށް ބަލައިލެވުނެވެ. ޖާހަތުގެ ކަންބޮޑުވުންތަކުގެ ފަހަތުގައި ހަޤީޤަތެއް ވޭބާވައޭ އަމިއްލަ ޒަމީރާއީ ސުވާލުކޮށްލެވުނެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އަސަލްއާއި ޤައިލާ އުޅެމުން ދިޔައީ އުފަލުގައި ކަމަށެވެ. ނަމަވެސް އަސަލްގެ މޫނުން ފެނުނު މަޑުމޮޅިކަމުގެ ލިސާންތަކުން މައިހާއަށް ތަސްވީރުކުރެވުނީ މުޅިން އެހެން މަންޒެރެކެވެ. ސުވާލު އުފެދިފައި މައިހާއަށް ހުރެވުނެވެ. ފަސޭހަކަމާއެކު އަސަލްއަށް އައިސްފައިވި ބަދަލުތައް އޭނަގެ ސަމާލުމަކަށް އައީ އަސަލްގެ މިޒާޖު ރަނގަޅަށް ދަސްވެފައިވާތީއެވެ. ކިތަންމެ ކުޑަ ބަދަލެއް އަސަލްގެ ތަބީއަތަށް އައި ކަމުގައި ވިޔަސް އޭނަ ދެނެގެންނާނެއެވެ. އެއް އިރެއްގައި އެދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ސަބަބުންނެވެ.

ޓެކްސީ ލައިނަށް ދިއުމަށް އެންމެން ހިނގައިގަތެވެ. ކުރިއަށް ޖެހިލަމުން މަންމަގެ އަތުން އަސަލް ފޮށި ހޯދިއެވެ. ހަމަ އެފަދައިން ރަމީޒާގެ އަތުން ވެސް ފޮށި ހޯދަމުން، ކޮންމެ ފޮށްޓެއްގެ ދަމާ އަތްގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. އަސަލް ކުރިއަށް ހިނގަން ފެށީ މައިހާއާއި އެއް ހަމައެއްގައި ފައިތިލި ސާބިތުކޮށްލަމުންނެވެ. ކުރީގައި ތިބެ ހިނގަމުން ދިޔައީ ޖާހަތާއި ރަމީޒާ އެވެ. އަސަލްއާއި މައިހާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދެމުންނެވެ. އެހާ ދުވަސްފަހުން ބައްދަލުވުން ދައްކަން ލައްކަ ގިނަ ވާހަކަތަކެއް ހުންނާނެކަމަށް ހީކޮށްގެންނެވެ. އެހެން ނަމަވެސް އަސަލްއާއި މައިހާގެ ދެމެދުގައި އޮތީ ފަޅުކަމެވެ.

''އަޒް...'' ތިރީތުންފަތުގައި ދަތްއަޅައިގެން ހުރެފައި މައިހާ ގޮވާލިއެވެ. ޖާހަތަށް ވަޢުދުވެފައިވުމުން އަސަލްގެ ހާލު އޮޅުން ފިލުވުން އޭނައަށް މަޖުބޫރެވެ. ޚުދު އޭނަގެ ހިތުގައި އެފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ވެސް ބޭނުމެވެ. އަސަލްއާއި ޤައިލާ އުފުލުގައި ތިބުން އެއީ އޭނަގެ ވަރަށް ބޮޑު އުއްމީދެކެވެ. އޭރުން މޭގައި އަޅާ ވޭން ބަރުދާސްތުކުރަން ފަސޭހަވާނެއެވެ.

އަސަލްއަށް މައިހާ ގޮވާލި އަޑުއިވުމުން ފިޔަވަޅުތައް މަޑުޖައްސާލައި މައިހާއާއި ދިމާއަށް އެނބުރުލިއެވެ. އަތްދަބަހުގެ ވަގަނޑާއި ކުޅެން ހުރެފައި އަސަލްގެ މޫނަށް މައިހާ އަވަސް ނަޒަރެއް ދިނެވެ. އަސަލްއާއި ހަތަރުކަޅި ބައްދަލުވެދާނެ ކަމުގެ ބިރަށްޓަކައި މައިހާ ބެލީ އަސަލްގެ ނޭފަތަށެވެ.

''ހުރިހާކަމެއް ރަނގަޅުތަ؟...'' މައިހާ އަހާލިއެވެ.

''ހޫމްމް، ރަނގަޅު...'' މާބޮޑު ވިސްނުމަކާނުލާ އަސަލް ބުންޏެވެ. މައިހާ އޭނައާއި ވާހަކަދެއްކުމުން ލުއި ހިނިތުންވުމެއް އަސަލްގެ ތުންފަތާ ކުޅެލިއެވެ. ބީރައްޓެހިކަމަށް ނިމުމެއް ގެނެވިދާނެކަމުގެ އުއްމީދު އާލާވެގެން ދިޔައެވެ.

އަސަލްގެ ޖަވާބަށްފަހުގައި އިތުރަށް އޮޅުން ފިލުވަން މައިހާއަކަށް ނުކެރުނެވެ.

''ހައު އެބައުޓް ޔޫ؟...'' ދެކެވެން ފެށި ވާހަކަތަކަށް ނިމުމެއް އަންނަން އަސަލް ބޭނުމެއް ނުވިއެވެ. މައިހާގެ ދިރިއުޅުމާ މެދު ޝައުޤުވެރިކަން އުފެދުނުނެވެ. ހަޔާތަށް ބައިވެރިއަކު އައިސްފައިވޭތޯ ސުވާލުކޮށްލަން ވެސް ހިތަށް އެރިއެވެ. އެޚިޔާލު ސިކުނޑިއަށް ވެރިވުމާއެކު އަސަލްއަށް ބުނެދޭން ނޭނގޭ ގޮތެއް ވެއްޖެއެވެ. ދެފަރާތަށް ބޯ ހޫރާލެވުނެވެ.

''ރަނގަޅު...'' އުދާސްތައް ސިއްރުކުރާހާލުގައި ސާދާ ޖަވާބެއް މައިހާ ދިނެވެ. އަސަލްގެ ސުވާލުތައް ދެން ގުޅުވާލީ މައިހާގެ ވަޒީފާއާ އެވެ. ރަށު ސްކޫލްގައި ކްރިއޭޓިވް އާޓްސް ޓީޗަރަކަށް އުޅޭ މައިހާގެ ޝައުޤުވެރިކަން ކުރެހުމަށް ހުންނާތީ އެކަމަށް އަލިއަޅުވާލަމުންނެވެ. ފަނޑު ހިނިތުންވުމެއް މައިހާގެ ތުންފަތާއި ކުޅެލިއެވެ. ހާސްކަން ފޮރުވުމެއް ނެތި ކުރިއަށް ދެވޭނެ މައުޟޫޢުއެކެވެ. ކިޔަވައިދިނުމާއި ކުރެހުމަކީ މައިހާ އެންމެ ކުރާހިތުން ކުރާ ދެކަމެވެ. ފެންކުލައާއި ފިހިތަކުގެ ދުނިޔެއަށް ގެއްލުމުން މިހާއަށް ހަމަޖެހުން ގެނެސްދެއެވެ. ވާހަކައިގައި ތިއްބާ ޓެކްސީ ލައިނާ ހަމައަށް އާދެވުނެވެ.

ލިބުނު ކުރިއެރުމުން އަސަލް ހުރީ އުފާވެފައެވެ. އެއީ ފެށުމެއް ކަމުގައި އޭނަ ދެކުނެވެ. ދެ މަންޒިލަކަށް ދާތީ އަސަލް ދެ ޓެކްސީ ހޯދިއެވެ. މައިހާއާއި ރަމީޒާ މަޑުކުރަން ނިންމީ މާލޭގައެވެ. އައި.ޖީ.އެމް.އެޗް ކައިރީގައި ހުންނަ ގެސްޓްހައުސްއެއް ގައެވެ. ހޮސްޕިޓަލަށް ދާން ފަސޭހައަކަށެވެ.

ޓެކްސީއަށް ލަގެޖްތައް އެރުވީ އަސަލް އެވެ. ކާރުގެ ޑިކީ ލައްޕާލާފައި އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މައިހާއަށް އަސަލް ބަލައިލިއެވެ. އެއްޗެއް ބުނަން އަސަލް އުޅުނެވެ. އޭގެ ކުރިން ޖާހަތު ވާހަކަދައްކަން ފެށުމުން އަސަލް މަޑުކޮށްލިއެވެ.

''މިރޭ އަންނަންވާނެ އިނގޭ...'' ރޭގަނޑުގެ ކެއުމަށް ރަމީޒާއާއި މައިހާއަށް ދަޢުވަތު އަރުވަމުން ޖާހަތު ބުންޏެވެ.

މައިހާ ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ފުރަތަމަ ވެސް ހިމޭންކަމުގެ ދުލުން އޭނައަށް ބުނެވުނީ ޤައިލާގެ ނަމެވެ. ނުތަނަވަސްކަން މީހާއަށް ލިބުނެވެ. އިތުރަށް އަސަލްއަށް ބަލާކަށް މައިހާގެ ޒަމީރު ތަނެއް ނުދިނެވެ. އަސަލްއަށް ފުރަގަސް ދެވުނީ އެހެންވެގެންނެވެ. އޭރު އޭނައަށް ވިސްނެމުން ދިޔައީ ޤައިލާއާއި މެދުގައެވެ. ދެމީހުން ބައްދަލުވުމުން ވެދާނެ ގޮތެކެވެ. ތެދަށް ބުނާނަމަ ކުރީގެ އެކުވެރިކަމެއް ނެތެވެ. ޤައިލާގެ ކުރިމައްޗަށް އަރަން މައިހާ ފަސްޖެހެނީ އެހެންވެގެންނެވެ. އޭނަ ދުރުކޮށްލި ސަބަބެއް ވެސް ވިސްނާވިސްނާ މައިހާއަކަށް ނޭނގުނެވެ. ތަފާތު އެކި ގޮތްގޮތަށް މައިހާއަށް ފިކުރުކުރެވިއްޖެއެވެ. އޭނަގެ ޚިޔާލުތައް ގެންދާ މިސްރާބުން މީހާ ބިރުގަންނަން ފަށައިފިއެވެ. ޤައިލާއަށް އޭނަގެ ހިތުގެ އިހުސާސްތަކާއި މެދު ޝައްކު އުފެދުނީ ބާވައޭ ވެސް ހިތަށް އަރާވަރުން ސިކުނޑިއަށް ހަލަބޮލިކަން ވެރިވެފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެސިއްރު ބޭޒާރުވިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް އޭނަ ކުރާނެއެވެ.

ޖާހަތުގެ ހުށަހެޅުން ބަލައިގަތީ ރަމީޒާއެވެ. އެއާއެކު މައިހާ ޓެކްސީގެ ދޮރު ހުޅުވާލާފައި ޓެކްސީއަށް އަރައިފިއެވެ. އެންމެ ފަހަރަކު ވެސް އަސަލްއަށް އޭނަ ބަލައިނުލިއެވެ. ރަމީޒާ ވެސް ޓެކްސީއަށް އެރުމުން ޑްރައިވަރު ދުއްވާލައިފިއެވެ. އެމަންޒަރު ބަލަން އަސަލްއަށް ހުރެވުނެވެ. މައިހާގެ މިޒާޖަށް އައި ކުއްލި ބަދަލުން އަސަލް ހުރީ ސުވާލު އުފެދިފައެވެ. ބީރައްޓެހިކަމުގެ ހާލަތަށް އަނބުރާއާދެވުނުހެން ވެސް ހީވިއެވެ. ނުވީތާކަށް މަންމަ މިރޭގެ ކެއުމަށް ދައުވަތު ދިނުމުން ވެސް އަސަލްގެ ބޮލުގައި ރިއްސާލައިފިއެވެ. ޤައިލާ ކަންތައްކޮށްފާނެ ގޮތެއް ލަފާކޮށްލުމަކީ ދަތިކަމެކެވެ. މަންމަ ގޮވައިގެން ޓެކްސީއަށް އަރާފައި ވެސް އަސަލްއަށް ވިސްނުނީ އެކަމާއެވެ. ޤައިލާއާއި މައިހާގެ ފިކުރުތައް މަސްހުނިވެގެންދާން ފެށުމުން އަސަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޮލަށް ބަރުވާން ފެށުމުން ނިތުގައި ބޮޑުވާ އިނގިލި ހިންގާލެވުނެވެ. އެއްފަރާތުން އަނބިމީހާއެވެ. ރޫޅެމުންދާ ކައިވެންޏެވެ. ދިރިއުޅުމަށް އައިސްފައިވާ ހައިޖާންގަނޑެވެ. އަނެއް ފަރާތުން ޒަމާންވީ އެކުވެރިޔާއެވެ. އެކުވެރިޔާއަށްޓަކައި ސިއްރުކުރެވިފައިވާ އިހުސާސްތަކެވެ.

*****

އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އަސަލް އެތެރެއަށް ވަނުމާއެކު ސޯފާގައި އިން ޤައިލާ ފެނިއްޖެއެވެ. ފެންވާރަލައިގެން ރީތިވެގެން ހުރުމުން އަސަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޤައިލާއަށް އޭނަ ބަލަން ހުއްޓާ ދޮރު ހުޅުވުނު އަޑަށް ޤައިލާ ފަސްއެނބުރިލައިފިއެވެ.

މަންމަގެ ފޮށި އެތެރެއަށް ވައްދަމުން، އަސަލް އެޕާޓްމެންޓްގެ ދޮރުގައި ހިފަހައްޓައިގެން ހުރީ މަންމައަށް ވަދެވެގެން ދެކަށެވެ. އޭނަ ހުރީ ޤައިލާ ކަންތައްކޮށްފާނެ ގޮތަކަށް ސަމާލުވެއެވެ.

ޖާހަތަށް ޤައިލާ ފެންނައިރަށް ފުޅާ ހިނިތުންވުމެއް ދިނެވެ. ފައިވާން ހަރުގަނޑު ކައިރީގައި ފައިވާން ބަހައްޓަމުން އޭނަ ހިނގައިގަތީ ޤައިލާގެ ގާތަށެވެ.

''ދަރިފުޅު މިހާރު ކިހިނެއްތަ؟...'' ޤައިލާގެ ގާތުގައި ސޯފާގައި އިށީންނަމުން ޖާހަތު އަހާލީ އޯގާތެރިކަމާއެކުގައެވެ. ''އަޒް ބުނި ދަރިފުޅު އުޅެނީ ބޮލުގަ ރިއްސާތީއޭ...''

''ބޮލުގަ؟...'' ޤައިލާ ބަލައިލީ އަސަލް އަށެވެ. އޭރު އަސަލް ހުރީ ހުއްޓުން އަރާފައެވެ. ޤައިލާ ދީފާނެ ޖަވާބެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓައިގެން ހުރި ކަހަލައެވެ. ޤައިލާގެ ތުންފަތާއި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.

''އަޒްތަ ބުނީ...'' ޖާހަތާއި ދިމާއަށް އެނބުރިލަމުން ޤައިލާ ބުންޏެވެ.

''އާނ، ބުނި ދަރިފުޅު ބޮލުގަ ރިއްސާތީއޭ އެއާޕޯޓަށް ނުދެވުނީ، މިހާރު ކިހިނެއްތަ؟...'' ޖާހަތު ހައިރާންވިއެވެ. ހުއްޓުން އަރާފައި ހުރި އަސަލް ފެނުމުން ޖާހަތުގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. މާހައުލަށް ވެރިވި ނުތަނަވަސްކަމުގެ ތެރެއިން އަސަލްއާއި ޤައިލާގެ މޫނަށް ޖާހަތު ސަމާލުވެލިއެވެ.

''އޯހ... ލައްބަ މަންމާ، ރޭގަ ރަނގަޅަކަށް ނުނިދުނު، އެހެންވެ ބޮލުގަ ރިއްސާފަ ހުރީ، މިއަދު އޮފީހަކަށް ވެސް ނުދެވުނު...'' ޖާހަތުގެ އަތުގައި ހިފަމުން ޤައިލާ ބުނެލިއެވެ. އޭނަގެ މަޤުސަދަކަށްވީ އަސަލް ތަޅުވާލުމެވެ. އޭނައަށް އިންޒާރު ދިނީތީ އެކަމުގެ ބަދަލު ހިފާށެވެ. ބާޒީ ވަނީ އޭނަގެ މުށުތެރޭގައިކަން އަސަލްއަށް ހަނދާންކޮށްދިނީއެވެ. މަންމައަށް ހަޤީޤަތް ސިއްރުކުރަން ބޭނުންނަމަ އަސަލް ހުންނަން ޖެހޭނީ އޭނަ އެދުނު ކޮންމެ ކަމަކަށް ރުހިގެންނެވެ.

އަސަލްއަށް ޤައިލާގެ މަކަރުވެރިކަން ފެނި ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޤައިލާގެ ތަބީއަތުގައި ހުންނަ މަކަރުވެރިކަމާއި ކެހިވެރިކަން ލޮލަށް ފެނުނެވެ. އެހަސީލަތްތެރިކަމުގެ ހިލަން ކުރިންނުވީ ކީއްވެގެން ހެއްޔެވެ؟

''ބޭސް ކައިފިންތަ؟...'' ޖާހަތު އޮޅުންފިލުވާލިއެވެ. އޭނަގެ ސަމާލުކަން ހުއްޓުނީ ޤައިލާ އަށެވެ. ޤައިލާ ދެކެ ވާ ލޯބި ބުނެދޭން ބޭނުންވާތީއެވެ. ޤައިލާގެ މައިންބަފައިން ނެތް ދުނިޔެއެއްގައި އޭނައަކީ މަންމަ ކަމުގައި ދެކެން އެދެވޭތީއެވެ.

''ހޫމްމްމް، އެއާޕޯޓަށް ދިއުމުގެ ކުރިން އަޒް ބޭސްދިން، ބަލިވީމަ ވަކިން ލޯބިވާހެން ހީވަނީ، ބޯ ވެސް މޮޑެދިން... ޕާފެކްޓް ހަޒްބެންޑް... މަންމަ އައީތީ ވަރަށް އުފާވެއްޖެ، މަންމަ އަންނާތީ ގެސްޓްރޫމް ވެސް އަޅުގަނޑު ރެޑީކޮށްލިން...'' ފަށުވިކަމާއެކުގައި ޤައިލާ ދޮގަކަށްފަހު ދޮގެއް ހެދިއެވެ. ބުއްދީގެ ބޭނުން ހިފައި މަންތަރެއް އަތުރާލީއެވެ. ޖާހަތުގެ ގައިގައި އޮޅަލައިގަންނަމުން ޤައިލާގެ ނަޒަރު އަމާޒުކޮށްލީ އަސަލް އަށެވެ. އެއީ ޤައިލާ ކުރި މަލާމާތެކެވެ.

ޤައިލާގެ ބޮލުގައި ޖާހަތު ފިރުމާލިއެވެ. ޝައްކާއި ވަހުމުތަކާއި ދުރުވެލަން ޖާހަތު މަސައްކަތްކުރިއެވެ. ޤައިލާގެ ވާހަކަތައް އަޑުއިވުމުން، އަސަލް ފެނި އޭނައަށް ހީކުރެވުނީ ގޯސްކޮށްތާއޭ ޖާހަތުގެ ހިތަށް އެރިއެވެ. ޤައިލާއަށް އިތުބާރުކުރަމުން އެވަގުތަށް ފިކުރުތަކާއި ދުރުވެލީ އަސަލްއާއި ޤައިލާ އުޅެނީ އުފަލުގައިކަމަށް ނިންމާލަމުންނެވެ. އެހެންނޫނީ ނުވާކަންތައް ވެސް ފެންނަން ފަށާފާނެ އެވެ. ކުށްހީއެއްގެ މައްޗަށް ބުރަވެ ހުންނާކަށް ޖާހަތު ބޭނުމެއް ނޫނެވެ.

''ދެމަފިރިން ވާނެ ކަންކަމުގައި އެކަކުއަނެއްކަކަށް އެބާރުލުން ދޭން، ބަލިވީމަ އަޅާލަން ވާނެ، އެއީ ލޯބި އިތުރުވާނެ ކަމެކޭ...'' ޖާހަތު ދުރުދުރުން ނަސޭހަތް ދިނެވެ. މައްސަލައެއް އުޅޭނަމަ މަޝްވަރާކޮށްގެން ހައްލުހޯދުމަށް ކޮށްލި އިޝާރާތެކެވެ.

''ލައްބަ މަންމާ...'' ޤައިލާ ބުންޏެވެ.

''އަހަރެން ހީކުރީ އަޒް އަންނާނީ މޭއި ގޮވައިގެން ކަމަށް، މޭއި އަންނާތީ ނުލާހިކު އުފަލުން ހުރީ... ކޮބާތަ މޭއި، ނާދޭތަ؟، ގޮވައިގެންނު އަނަންވާނީ...'' ޖަހަތާއި ދުރަށް ޖެހިލަމުން ޤައިލާ ބުންޏެވެ. ޤައިލާގެ އަޑުގައިވި މަލާމާތް ދޭހަކުރެވުނީ ހަމައެކަނި އަސަލް އަށެވެ. ހީވީ އަސަލްގެ ކޯތާފަތަށް އަމާޒުކޮށްލި ހޫނު ހަމަލާއެއް ހެންނެވެ. މަންމަގެ ފޮށި ގެސްޓްރޫމަށް ވައްދަން އުޅުނު އަސަލްއަށް މަޑުޖެހިލެވުނެވެ.

''މިބުނީ ބެސްޓްފްރެންޑްސްވީމަ، ކުޑައިރުއްސުރެން އެކުގަ ވިއްޔާ އުޅުނީ...'' ޤައިލާ އިތުރުކޮށްލިއެވެ. އަސަލްއަށް ފޮށީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޤައިލާގެ މަޤުސަދަކީ އޭނަ ރުޅި އަރުވާލުން ކަމުގައި އަސަލްއަށް ޔަޤީންކުރެވުނެވެ.

''ދަރިފުޅު މޭއިއާ ބައްދަލުކުރާ ހިތުންދޯ ތިއުޅެނީ... ހާސްނުވޭ، މިރޭ އަންނާނެ... މަންމަ މިރޭގެ ކެއުމަށް ދައުވަތުދިނީމޭ...'' ޖާހަތު ހީކުރީ މައިހާއާއި ބައްދަލުކުރަން ޤައިލާ ބޭނުންވީ ކަމަށެވެ. ޤައިލާގެ ޖުމްލަތަކުގައި ފޮރުވިފައިވި ވިހައިގެ ބާރު އިހުސާސްކުރެވުނީ ހަމައެކަނި އަސަލް އަށެވެ. މައިހާއާއި އަސަލްގެ ދެމެދުގައި އޮތް ކުރީގެ އެކުވެރިކަމަށް ނިމުން އައިސްފައިވުމުން އަސަލްއަށް ކުރި މަލާމަތްތައް ޖާހަތަށް ފަހުމެއް ނުވިއެވެ.

''އޯހ، މިރޭ އަންނާނެދޯ...'' ޤައިލާ ބުނެލިއެވެ. ''ހައު އެކްސައިޓިންގް، ޑިނާރ ތައްޔާރުކުރަން އަޅުގަނޑު މަންމައަށް އެހީވެދޭނަން...''

އަސަލް އިތުރަށް މަޑުކުރާކަށް ނެހެދިއެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން އޭނަ ގޮސް ގެސްޓްރޫމަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ޤައިލާގެ ތުންފަތާއި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. މައިހާ މިރޭ އަންނާތީ ތަފާތު ވިދުމެއްގެ އަސަރު ދެލޮލުން ފާޅުވެލި އެވެ. ނުބައި ރޭވުމެއް ސިކުނޑީގައި ރާވާލެވުނެވެ.

ގެސްޓްރޫމަށް ވަދެވުމާއެކު ފޮށި ގެންގޮސް އަލަމާރި ކައިރީގައި އަސަލް ބެހެއްޓިއެވެ. އޭރުވެސް ކަންފަތުގައި ހަރުލާފައިވަނީ ޤައިލާ ކުރި މަލާމާތެވެ. ޤައިލާގެ ފަރާތުން ޖަވާބެއް ހޯދަން އަސަލް އަޒުމުކަނޑައެޅިއެވެ. ޤައިލާގެ ނުބައި މުހުތާދެއްވާކަން އޭނައަށް ޔަޤީންކުރެވުނެވެ.

(ނުނިމޭ)