ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރު)ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ފަށައިފިއެވެ.

ޑީއެފްއާރުގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ، އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

މިއަދާއި މާދަމާ ބިބް އެކްސްޕޯ ކުރިއަށްދާ ވަގުތުތައް:

• މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް

• ރޭގަނޑު 8:00 އިން 10:00 އަށް

ދިރާގުން ބުނީ މާދަމާއަށްފަހު ދެން ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި މިމަހުގެ 30 ވަނަ ދުވަހުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައި ކަމަށެވެ.

އެ ދުވަސްތަކުގައި ފުވައްމުލަކުގައި ބިބް އެކްސްޕޯ ކުރިއަށްދާ ވަގުތުތައް:

  • ހެނދުނު 9:00 އިން މެންދުރު 12:00 އަށް
  • މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

ދިރާގުން ބުނީ އެ ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށާއި ރޭސް ކިޓް ހަވާލުކުރާނީ ދުވުންތެރިޔާގެ އައިޑީ ކާޑް (ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ފުވައްމުލަކު ސިޓީގައެވެ.

ޑީއެފްއާރު 2025 އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dfr.mv އަށް ޒިޔާރަތްކުރުމުން ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.