"ޝަނެލްގެ 25" އަތް ދަބަސް މިއަހަރުގެ އެންމެ މަގުބޫލު ދަބަހަށް ވެއްޖެއެވެ. މި ދަބަހުގައި ހިމެނެނީ ޝަނެލްގެ ހާއްސަ ކުއިލްޓް ޑިޒައިން، ރަން ކުލައިގެ ހާޑްވެއާ، ޝިކު ހޮބް ކަޓް، ކުޑަ، މެދު އަދި ބޮޑު ސައިޒްތަކެވެ. މީގެ އިތުރުން ގަދަ އަދި ޕެސްޓެލް ކުލަތަކުގައިވެސް މި ދަބަސް ލިބެން ހުރެއެވެ.

މި ދަބަސް ރަސްމީކޮށް ތައާރަފުކުރީ ޖެނީ އަދި ދުއާ ލިޕާ ބައިވެރިވި ކެމްޕޭނަކުންނެވެ. ޑޭވިޑް ސިމްސް ނެގި ފޮޓޯތަކާއި ގޯޑަން ވޮން ސްޓެއިނާ ކުރި ވީޑިއޯ ޝޫޓިން ހިމެނޭ މި ކެމްޕޭނުގައި، ދުއާ ލިޕާ ވަނީ މިއަހަރުގެ ކުރީކޮޅު ބޭއްވި ޝަނެލްގެ ހޯޓް ކޯޗަރ ޝޯގައި ކަޅު ކުލައިގެ ޝަނެލް 25 ދަބަހެއް ބޭނުންކޮށްފައެވެ.

ފެޝަން ދާއިރާގައި އާންމުކޮށް ދަބަހެއް "ކްލާސިކް" އެއްގެ ގޮތުގައި ބެލެވެން ފަށަނީ އެތައް އަހަރުތަކެއް ފަހުންނެވެ. ނަމަވެސް ފެޝަން ދާއިރާގެ މާހިރުން ދެކޭގޮތުގައި ޝަނެލް 25 ދަބަހަކީ މިހާރުވެސް އެފަދަ ތަސައްވުރެއް އުފައްދާފައިވާ ދަބަހެކެވެ. އަދި ގިނަ ފެޝަން މޫސުންތަކެއްގައި މި ދަބަހުގެ މަގުބޫލުކަން ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ އަނަންޔާ ޕާންޑޭ ވަނީ ޝަނެލްގެ ފުރަތަމަ އިންޑިއަން ބްރޭންޑް އެމްބެސެޑަރަކަށް ހޮވިފައެވެ. މިކަން އިއުލާންކުރުމަށް އޭނާ ޕޯސްޓްކުރި ފޮޓޯތަކުގައި އޭނާގެ އަމިއްލަ ޝަނެލް 25 ދަބަސް ފެންނަން ހުއްޓެވެ.

ލަގްޒަރީ ދަބަސްތަކުގެ ތެރެއިން ކޮންމެ ދަބަހަކީވެސް ވަކި ހާއްސަ އެސްތެޓިކެއް ދައްކުވައިދޭ އެއްޗެކެވެ. އަދި ގިނަ މީހުން މިފަދަ ދަބަސްތައް ގަންނަނީ އެމީހުންގެ އަމިއްލަ ޝަހުސިއްޔަތާ ގުޅޭތީއެވެ. މިސާލަކަށް ހަރމޭސްގެ މިނި ކެލީ ދަބަސް ފާއިތުވި އަހަރުގެ ފަހުކޮޅު ވަރަށް މަގުބޫލުވެފައިވެއެވެ. އެއީ މިހާރުގެ ޒުވާން ޖީލުގެ ވައްޓަފާޅި ރަމްޒުކޮށްދޭ ދަބަހެއްގެ ގޮތުގައި ބެލެވޭތީއެވެ.

ނަމަވެސް، ހަރމޭސްގެ ބަރކިން ދަބަސްފަދަ ކްލާސިކް ދަބަސްތަކާ އަޅައިބަލާއިރު ޝަނެލް 25 ދަބަސްގެ މަގުބޫލުކަން ދެމިގެންދާނީ ކިހާ މުއްދަތަކަށްކަން އަދި ސާފެއް ނޫނެވެ.