ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން އޮންނަ ކިއު ކުޑަކުރުމަށްޓަކައި ހަވީރު ވަގުތުގައިވެސް ޑޮކްޓަރުން ބަލާ ގޮތަށް ހަމަޖެއްސުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް އިއްޔެ ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުން ވަރަށް އިސްކަން ދެމުން އަންނަ ކަމެއް ކަމަށެވެ. ނަމަވެސް ބަލިމަޑުކަމުގެ ވައްޓަފާޅިއާ އެއްވަރަށް ޑޮކްޓަރުންނާއި ވަސީލަތްތައް ނެތުމަކީ ކިއު ބޮޑުވާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، އައިޖީއެމްއެޗުގެ ހަތަރު ނުވަތަ ފަސް ޑިޕާޓްމަންޓެއްގައި ކިއު ދިގުވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށެވެ.
"މިކަން ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ އެއް މަސައްކަތެއްގެ ގޮތުގައި މިހާރު މަޝްވަރާ ކުރެވެމުން މިދަނީ ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވޭނެ ގޮތެއް. އެކަމުގެ މަޝްވަރާތައް ކަމޭބެހޭ ފަރާތްތަކާ އެކު ކުރިއަށް އެބަ ގެންދަން. އިތުރު އިންސެންޓިވްސް ނުވަތަ މުސާރައިގެ އިތުރު އެލަވަންސްތައް ދީގެން ކުރެވޭނެ ކަމެއް. އެ މަޝްވަރާތައް ނިމިގެން އިތުރު ގޮތްތަކެއް ހޯދޭނެ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމަށްޓަކައި ހެނދުނާއި ހަވީރުވެސް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން އައިޖީއެމްއެޗަށްވެސް އެފަދަ ހައްލެއް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
އަދިވެސް މަޝްވަރާތޯ ކުރަނީ. މިފަސް އަހަރު ނިމޭ އިރު ވެސް މަޝްވަރާ ނިމޭނެ ބާ
ާއާމިނާ - 1 އަހަރު ކުރިން