ފިލިޕީންސްގެ ފްލައިން ސްކޫލެއް ކަމަށްވާ "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އިން ޕައިލެޓް ޓްރެއިނިން ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ދޭނެކަމަށް އެ އެކަޑަމީން ބުނެފިއެވެ.
އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ޕައިލެޓް ޓްރެއިނިން ހަދަމުން ދަނިކޮށް އެކްސިޑެންޓެއްގައި އަނިޔާވީ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށެވެ. އޭނާއަކީ ސްޓޫޑެންޓް ލޯނުގައި ޕައިލެޓުކަން ކިޔަވަމުން ދިޔަ ދަރިވަރެކެވެ.
އެއާވޯކްސް އޭވިއޭޝަން އެކެޑަމީ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެކަޑަމީން އެންމެ އިސްކަމެއް އަބަދުވެސް ދެނީ ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި ދިވެހި ދަރިވަރު އަނިޔާވި އެކްސިޑެންޓާ ގުޅިގެން ކަންބޮޑުވާކަމަށް އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ.
"އަނިޔާވި ދަރިވަރަށް ބޭނުންވާ ބޭސް ފަރުވާގެ ހުރިހާ ކަމެއް އެހީތެރިކަން ލިބެމުންދާކަން ދަނީ ކަށަވަރުކުރަމުން. މިވަގުތު ދަރިވަރާއި ދަރިވަރުގެ އާއިލާއެކު އަޅުގަނޑުމެން ތިބޭނަން. ރިވަރު މުޅިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް ދިޔުމަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން މިދަނީ" އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން އެކަޑަމީން ތަމްރީނު ހަދަމުންދާ އެހެން ދަރިވަރުން ސުވާލުތަކެއް އުފެދޭނެކަން އެނގޭ ކަމަށާއި އެކަޑަމީން ދަނީ އެފަދަ ހާދިސާއެއް ދެން ނުހިނގާނެ ފަދައަކުން ކަންކަން ތަރުތީބުކުރަމުންކަމަށް އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކެޑަމީއަކީ ދެފުށްފެންނަ އަދި ޖަވާބުދާރިވެވޭނެ ގޮތަކަށް ހިންގާ އެކަޑަމީއެއް ކަމަށާއި ދިވެހި ދަރިވަރަށް އަނިޔާވި ހާދިސާއަށްފަހު، ތިން ދުވަހަށް އެ އެކަޑަމީގެ ފުލައިޓް އޮޕަރޭޝަންސް މެދުކަނޑާލާފައިވާކަމަށް އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ.
ފުލައިޓް އޮޕަރޭޝަންތައްް މެދުކަނޑާލުމުން އެ ހާދިސާ ތަހުގީގު ކުރަމުންދާ އިދާރާތައް ކަމަށްވާ ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް ދަ ފިލިޕިންސް (ސީއޭއޭޕީ)އާއި ޕިލިޕިންސް ނޭޝަނަލް ޕޮލިސް (ޕީއެންޕީ) އަށް އެއްވެސް ކަހަލަ ހުރަހެއްނެތި އެކަޑަމީ އަދި އެކަޑަމީގެ މީހުންނާ ބައްދަލުކުރެވެން ހުންނާނެކަމަށް އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި އެ އެކަޑަމީން ވަނީ ގިނަ ދިވެހި ޕައިލެޓުންތަކެއް ތަމްރީނުކޮށްފައިކަމަށް އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ. އޭގެ ތެރެއިން ގިނަ ޕައިލެޓުންނަކީ ދުނިޔޭގެ އެކި ތަންތަނުގައި މަސައްކަތް ކުރަމުންދާ ކާމިޔާބު ކޮމާޝަން ޕައިލެޓުން ކަމަށް އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ބުންޏެވެ. ދިވެހި ދަރިވަރުންނަކީ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގެ މުހިންމު ބައެއްކަމަށް އެ އެކަޑަމީން ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކެޑަމީއަކީ، އައިކާއޯ- ކޮމްޕިލިމެންޓް އަދި ކާޕް- އެޕްރޫވްޑް އެކެޑަމީއެއް ކަމަށާއި ދުނިޔޭގެ 30 ގައުމެއްގެ ދަރިވަރުން އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ތަމްރީނުވަމުންދާކަމަށް އެ އެކަޑަމީން ބުންޏެވެ.
މުހައްމަދު އިޝާން
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް