ކުރީ ސަރުކާރުން ފުލެޓު ދޫކުރުމަށް ހިންގި ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން ފުރުސަތު ބަންދުވުމުން، ހުށަހަޅާފައިވާ ޝަކުވާތައް ބަލަން ފަށައިފިއެވެ.
ގެދޮރުވެރިޔާ ސްކީމުން 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ކުރީ ސަރުކާރުން އިއުލާންކޮށްފައިވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރުމުން މި ސަރުކާރުން ވަނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްކޮށްފައެވެ.
ކުރީގެ ލިސްޓުގެ ސައްހަކަން ބަލައި، މި ސަރުކާރުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް މި ސަރުކާރުން އަލުން ބަލާފައިވަނީ، ކުރީގެ ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ހިމަނާފައިވާ 4000 މީހުންނަށް ޕޮއިންޓު ދީފައިވާ ގޮތެވެ. އެހެންކަމުން އޭގެ ތެރެއިން ބައެއް މީހުން ޝަރުތު ހަމަވެފައިނުވާ އިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ޕޮއިންޓު މަދުވުމުގެ ސަބަބުން ފުލެޓު ލިބޭ މީހުންގެ ތެރޭގައި ނުހިމެނިފައެވެ.
އެ 4000 މީހުންގެ ތެރެއިން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުމަށްފަހު، ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށް ޖުމުލަ 4625 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން މިނިސްޓްރީން ސައްހަކަން ކަށަވަރުކުރެވުނު 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ 2555 އެޕްލިކަންޓުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ބެލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މީގެ އިތުރުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ކޮންމެ އެޕްލިކަންޓަކަށް އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވާނެއެވެ. މިގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، އެޕްލިކަންޓުން އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ އެކި ފަހަރުމަތިން ހުށަހަޅާފައިވާ އިރު، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ޖުމުލަ އަދަދަކީ 5236 އެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ އޭގެ އިތުރުން ވެސް ޝަކުވާގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އީމެއިލްއަށް ޖުމުލަ 2840 އީމެއިލާއި މިނިސްޓްރީއަށް އެޑްރެސްކޮށް ޖުމުލަ 526 ސިޓީ ކައުންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީމެއިލްގެ ޒަރިއްޔާ އިންނާއި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން، އެ މިނިސްޓްރީން ހަމައެކަނި ބަލާނީ ލިސްޓުގައިވާ ފަރާތަކާ ގުޅިގެން ތިންވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމް