ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވެ، ތަފާތު ދައްކަމުން އަންނަ ދިވެހި މިޔުޒިކް ބޭންޑު "2 އޮފް އަސް"ގެ މިއަދުގެ ހުށަހެޅުމަށްވެސް ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިވި އިންޑިއާގެ މަޝްހޫރު މިޔުޒިކް ކޮމްޕޯސަރު އަނޫ މާލިކްގެ ތައުރީފު އޮއްސާލައިފިއެވެ.

"2 އޮފް އަސް" އިން މިއަދު ހުށަހަޅައިދިނީ ދިވެހި މިއުޒިކީ އިންޑަސްޓްރީގެ އެންމެ ތަޖުރިބާކާރު އެއް ބޭންޑު، ފަސީލައިވްގެ "ފޮއިމަތި" އާއި "ފަރުމަހޯ" އެވެ. އެ ލަވަ ހުށަހަޅަމުންދިޔައިރުވެސް އަނޫ މަލިކް ދިޔައީ ލަވައިގެ ތެރެއަށް ވަދެ، ނަށަމުންނެވެ. ލަވަ ނިމުމުން ކޮޅަށް ތެދުވެ އޭނާ ދިން ކޮމެންޓަކީ "އަހަންނަށް ހީވާ ގޮތުގައި މި މުބާރާތް ކާމިޔާބުކުރާނީ ރާއްޖެ،" ކަމަށެވެ.

ބެޓްލް އޮފް ބޭންޑްސްގައި "2 އޮފް އަސް" އިން ފުރަތަމަ ބުރުގައި ހުށަހަޅަައިދިނީ "އެއްޗެއް ކަޅެއް" ލަވައާއި ކިޝޯރު ކުމާރުގެ "ބާބޫ ސަމްޖޯ އިޝާރޭ"ގެ ފިއުޝަނެކެވެ.

ދެވަނަ ބުރުގައި، "2 އޮފް އަސް" އިން ހުށަހަޅައިދިނީ، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ "މުޅި އޮޑި" އާއި ހައްސާނު މުހައްމަދު (މޭނާ ހައްސާނު)ގެ "މިލަ މިލަ ހަނދުވަރު"ގެ ކަވާއެކެވެ. އަމިއްލަ ބަދަލުތަކާއެކު އެ ކަވާ އެ ބޭންޑުން ހުށަހަޅައިދިނީ ވަރަށްވެސް ފުރިހަމައަށެވެ. އަނޫ މަލިކްގެ ފުރިހަމަ ތައުރީފާއެކު ދުވަހުގެ އެންމެ މޮޅު ހުށަހަޅުމަކަށްވެސް ވީ އެ ހުށަހެޅުމެވެ.

"2 އޮފް އަސް" ގައި ހިމެނެނީ:

  • އަހުމަދު އަދުހަމް
  • އަބްދުﷲ ޝަމްރޫހު
  • އަހުމަދު ޖަޝީމް
  • އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)
  • މުހައްމަދު ނަސޫހު ބިން ނަސްރުއްދީން

ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ރާއްޖޭގެ ބޭންޑުން އަންނަނީ ތަފާތު ދައްކަމުންނެވެ. ކުރިއަށްވެސް ޝައުގުވެރި ހުށަހެޅުންތަކެއް ހުންނާނެކަން ޔަގީނެވެ. ޖަޖުންގެ ނަޒަރުގައި "2 އޮފް އަސް" އަކީ ފުރިހަމަ ބޭންޑެކެވެ.