"ތިބުނީ މަގޭ ވާހަކަ ދޯ. ޑިސެމްބަރ އަކަށް ނޫން ޑިއު އިނީ. އެކަމަކު ނޭގެ ވާނެގޮތެއް. އެކަމުވެސް ޑޮކްޓަރަކާ ނަރުހަކާއެކު ވެސް ދާނަން އެނގޭ" މަޖާވެފައި މެލެކް ބުންޏެވެ.
"މާ ހެވިފަ އިންނާނެ ކަމެއްނެތޭ. ހިނގާ ކޮފީ ބޯން އެތެރެއަށް. އެބަހުރި ޝިނާގެ ވަރަށް ބައިވަރު ވާހަކަދައްކަންވެފަ" މެލެކް ބުންޏެވެ.
"ދެވިދާނެ. އެކަމަކު ކޮބާ މެލީގެ ބޮސް. ގުޅާބަލަ އޭނައަށް. އޭނަ ރުޅިއަރުވާނުލެވެންޏާ އަހަންނަކަށް އެއްވެސް ކަމެއް މަޖައެއްނޫން" ސައިކަލުން ފައިބައިގެން މެލެކްގެ ފަހަތުން އެތެރެއަށް ވަންނަމުން ރައްޔާނު ބުންޏެވެ.
"މަގޭ ބާޒިލް އެހާ ރުޅިނާރުވާތި. އެއީ އެންމެން ލޯތްބާ އަޅާލުން ހައްގު އިންސާނެއް" މެލެކް ބުންޏެވެ.
ދުވަސްތަކެއް ފަސް
ހުދުކުލައިގެ ކައިވެނީގެ ބޮޑު ހެދުމުގައި އެނދުގައި އިށީނދެގެން އިން ޝިނާ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. އޭނާގެ ރީތިކަން އިތުރުކޮށްދެނީ މިވަގުތު އޭނާގެ ރަތްކުލައިގެ ތުންފަތަށް ވެރިކޮށްލައިގެން އިން ރީތި ހިނިތުންވުމެވެ. އަނބިގަބޫލުކޯށްފީމޭ ރައްޔާނު ބުނިފަހުން އެ ހިނިތުންވުން އޭނާގެ ތުންފަތްމަތިން ފިލައިގެން ނުދެއެވެ. ކައިވެނީގެ މަޖިލިސް ނިމި ތިން ގަޑިއިރަށް ދެމިގެންދިޔަ ބޮޑު ޕާޓީ ނިމި ރައްޔާނާ އެކު އެކަނިވެލާނެ ވަގުތަކަށް އޭނާ އިންތިޒާރުކުރާތާ ކޮންއިރެއް ހެއްޔެވެ؟ އެކަމަކު ކޮޓަރިއަށް ވަނުމާއެކު ރައްޔާނު ގެއްލިއްޖެއެވެ. ފާހާނާއަށް ވަތް މީހާއަށް އަނެއްކާ ނިދުނީ ހެއްޔެވެ؟ މިހާރު ވިއްސަކަށް މިނެޓް ވެއްޖެއެވެ. ޝިނާ ދެފަރާތަށް ބޯހޫރާލިއެވެ. އަދިވެސް ރައްޔާނު ކަންކަމާ ފަސްޖެހެނީކަން ޝިނާއަށް އެނގުނެވެ. އަނބިގަބޫލުރަން ލަދުން އުޅުނު ހަނދާންވިއެވެ. އައްޒާމް ދެތިންފަހަރަށް ގޮވާލުމުންވެސް ބަލަހައްޓައިގެން ފާޑަކަށް ރަކިވެފައި އިންކަހަލަ ގޮތަކަށް ރައްޔާނު އިނެވެ. ޝިނާއަށް ހެވުނެވެ. ކުއްލިއަކަށް ޝިނާ ސިހުނީ ފާހާނާއިގެ ތަންޑު ނައްޓާލި އަޑަށެވެ.
"ޔާން..." ރައްޔާނަށް ޝިނާ ގޮވާލިއެވެ.
ރައްޔާނު ހުރީ ކައިވެނީގެ ހެދުމުގައެވެ. ފާހާނައިން އެއްވެސް އަޑެއް ނީވި މިހުރިހާއިރު ރައްޔާނު ހަމަ ހުރީ ހެއްޔެވެ؟
"ސޮރީ.. ވަރަށް ލަސްވެއްޖެ ދޯ" ރައްޔާނު ބުންޏެވެ.
"ފަންސަވިސް މިނެޓް ލަހެއް ނޫނެއްނު. ކިހާ ދުވަހެއް ވަންދެން އަހަރެން ޔާނު އަށް އިންތިޒާރުކުރިފަހުން އަންބެއްގެ މަގާމު މި ލިބުނީ" ހީލަމުން ޝިނާ ބުންޏެވެ. ރައްޔާނު ހީލިއެވެ. އޭނާ އައިސް ޝިނާގެ ކައިރީގައި އިށީނެވެ. މުށުތެރޭގައި އޮތް އަނގޮޓިއަށް އޭނާ ބަލައިލިއެވެ. ދެން ޝިނާ އަށް ބަލައިލާފައި އަނގޮޓި ދައްކާލިއެވެ.
"މިއީ ޝިނާ އަށް" ރައްޔާނު ބުންޏެވެ.
"އެހެންތަ... ތި އަނގޮޓި ހެއްދީތަ ފާހާނަ ތެރޭގަ" ޝިނާ ސަމާސަކޮށްލިއެވެ.
"ނޫނޭ. މީހުން ފާހާނައަށް ވަންނަނީ ކީއްކުރަން" ރައްޔާނު ހީލިއެވެ.
"ހާދަ އަންރޮމޭންޓިކް ކޮށް. އަހަރެންގެ ހިތް ވަރަށް ބޮޑެތި ކަންތައްތަކަށް އެބައެދޭ. އެ އެދުންތައް ތިހާ އަންރޮމޭންޓިކޮށް ފުއްދައިދިނީމަ ކަމަކުނުދޭ" ޝިނާ ބުންޏެވެ.
ރައްޔާނު ޝިނާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. މީހަކު އެހެން ނުބުނާވަރުވެސް ނޫނެވެ. ހަގީގަތަކީ ޝިނާދެކެ ރައްޔާނަށް އަދިވެސް ލޯބި ނުވެވޭކަމެވެ. ހިތުގައި އޮތީ އަދިވެސް އޮފީހުގެ ބޮޑުމީހާއަށް ދެވުނު ގަދަރާ އިހުތިރާމެވެ. ލޯބިނުވެ ކައިވެންޏެއް ކުރަން ޖެހުމުން އޭނާއަށް އުނދަގޫތަކެއް އެބަވެއެވެ. އެކަމަކު އޭނާއަށް އެނގެއެވެ. މިހުރިހާ ހުރިހާ ކަމެއް ބަދަލުވެފައިވާކަމެވެ. މިހާރު އެއީ އޮފިސް ބޮޑުމީހާ އެއް ނޫނެވެ. ހަލާލު އަނބިމީހާއެވެ. ޝިނާދެކެ އޭނާ ލޯބިވާނެއެވެ. މިހާރުވެސް އެ ތަފާތު ފެނިއްޖެއެވެ.
"ތިބުނީ އަހަންނަކީ ފިރިހެނެއް ނޫނޭތަ؟" ރައްޔާނު ބުންޏެވެ.
"އަދި ޔަގީނެއްނުވޭ. ފިރިހެނެއްތަ ތީ. ނިކަން ސާބިތުކޮށްދީބަލަ" ޝިނާ ބުންޏެވެ. ރައްޔާނުގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ޝިނާ ނަޒަރު ވަކިކޮށްނުލައެވެ.
"ޝިނާ... ޝިނާ ހާދަ ރި... ރީއްޗޭ މިރޭ... ވަރަށް ތަފާތު" ރައްޔާނު ބުންޏެވެ.
"ތިވަރަކުން ސާބިތެއްނުކުރެވޭ" ޝިނާ ބުންޏެވެ. ރައްޔާނު ހީލިތަން ފެނުމުން ބޭއިހްތިޔާރުގައި ޝިނާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
ދުރަށް ބަލައިލަމުން ރައްޔާނު ފުންނޭވައެއް ދޫކޮށްލިއެވެ. ދެން އޭނާ ބަލައިލީ ސީދާ ޝިނާގެ ދެލޮލަށެވެ. އިތުރަށް އޭނާ ޝިނާ އާ ގާތަށް ޖެހިލިއެވެ. ކުއްލިއަކަށް ރައްޔާނަށް އައި ބަދަލަކުން ޝިނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ކުރެވިގެން ދިޔައީ އާދަޔަހިލާފު ކޮންކަހަލަ އިހުސާސެއް ކަމެއްވެސް ނޭނގެއެވެ. ސިކުނޑި ހަނދާންކޮށްދިނީ އެއީ ހާއްސަ ވަގުތުކޮޅެއް ކަމެވެ. ކައިވެނީގެ ފުރަތަމަ ރޭ ކަމެވެ. ޝިނާ ނުވިސްނާ އިންދާ ރައްޔާނު ހިފީ ޝިނާގެ ވައަތް ތިލައިގައެވެ. ރައްޔާނުގެ އަތްތިލައިގެ ބީހުން އަލަށް އިހުސާސް ކުރެވިގެން ދިޔުމުން ޝިނާއަށް އެ އަތަށް ބަލައިލެވުނެވެ. ޝިނާގެ ކަށި އިނގިލީގެ ތެރެއަށް އަނގޮޓި ލައްވާލުމަށްފަހު އަނގޮޓިއާއެކު އަތްތިލައިގައި ރައްޔާނު ބޮސްދިނެވެ. އޭނާ މަޑުމަޑުން އެނދުގައި ޝިނާ ބޭއްވިއެވެ. މިނޫނީ ރައްޔާނުގެ ހަރަކާތްތަކުން ޝިނާ ލަދުގަތް ފަހަރެއް އަދި ނުދެއެވެ. އެހިނދު ހިތާހިތުން އޭނާ ﷲ އަށް ހަމްދުކޮށްލިއެވެ. ރައްޔާނުގެ އެހާ ގާތަށް ދެވުނު ފުރަތަމަ އަންހެންކުއްޖާގެ ޝަރަފު އޭނާއަށް ލިބުނުކަމަށްޓަކައެވެ.
"ފިރިހެނެއްކަން ޔަގީންވީމަ އަންގާލަދެއްޗެ" ޝިނާގެ ކަންފަތާ ގާތްވެލަމުން ރައްޔާނު ބުންޏެވެ.
****
ސައިޑުކަބަޑު މަތީގައި ގެނައި ކުރުނބާ ޖޫސް ފުޅި ބަހައްޓާފައި އެނދުގައި އޮތް މައިލީން އަށް މެލެކް ބަލައިލިއެވެ. މައިލީން ބަލައިލުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.
"އިރުއޮށްސެންވާއިރަށް ހުސްކުރަންވާނެ. މާދަމާ މިގަޑީގަވެސް އަންނާނަން. އައިސްއަލަމާރީގަ އެންމެ ފުރުޓެއް އޮތަސް އަދަބުދޭނަން" މެލެކް ބުންޏެވެ. މައިލީންގެ ބޯ ކައިރީގައި އިން ޝިމްލާ ހީލިއެވެ. އަދި މެލެކްގެ ވާހަކަތަކާ އެއްބައިވުމުގެ ގޮތުން ހީލަމުން ބޯޖަހާލިއެވެ. މައިލީން ބަލިވެ އިންކަން އެނގުނީއްސުރެ ބަނޑަށް ހަތަރު މަސް ފުރެންދެން ބެޑް ރެސްޓު ކުރުމަށް ޑޮކްޓަރުން ވަނީ އަންގާފައެވެ. މެލެކް ކޮންމެދުވަހަކު މައިލީން އާ ބައްދަލުކުރުމަށް އެގެއަށް އާދެއެވެ. މިވީ ދުވަސްތަކުގައި މެލެކް އާ ޝިމްލާގެ އާއިލާވެސް ވަނީ ގާތް ގުޅުމެއް އުފެދިފައެވެ.
"ހީވޭތަ މަންމަމެންނަށް. މެލީ ޕްރެގްއިރު ވަރަށް ކާންދޭން އަޅުގަނޑު އުޅުނިން. އެހެންވެ ބަދަލުހިފަނީ އެ" މައިލީން ބުންޏެވެ.
"ބަދަލުހިފަން ވިޔަސް މެލީ އެބުނީ ރަނގަޅު އެއްޗެއް" އަހަދުﷲ މެލެކް އާ އެއްބައިވިއެވެ.
"ދޮނާ ބަސްއަހައްޗޭ. ހުރެވޭކަށް ނެތް. ބާޒިލް ބޭބީ ސިޓްކުރަން ބައިންދާފަ މިއައީ. ދާންޖެހޭނެ. މަންމަ ބުނި ލޫލު ދެތިންފަހަރަށް ބުނެފިއޭ މަންމިއަށް ގުޅައިދޭށޭ. ދަނީ އެނގޭ" މެލެކް ނިކުންނަން ހިނގައިގަތެވެ. އަސަދު އާ މެލެކް ދިމާވީ ގެއިން ނިކުންނަނިކޮށެވެ. މެލެކް ހިނިތުންވުމެއް ދިނެވެ. ހަމައެކަނި ހިނިތުންވެލައިގެން އަސަދުއަށް ނުފުދުނެވެ. މެލެކްގެ ރީތިކަމަށް އޭނާ ތައުރީފުކޮށްލާހިއްވިއެވެ.
"އަހަރެން ލިފްޓެއް ދީފާނަން" އަސަދު ބުންޏެވެ.
"ނޫނޭ. ތޭންކްސް" ހީލަމުން މެލެކް ބުންޏެވެ.
މެލެކް ހިނގައިގަތެވެ.
"އިހަށް މަޑުކޮށްބަލަ" އަސަދު ބުންޏެވެ. އޭނާ އަކީ އެކައްޗެއް ހިތުގައި ބާއްވައިގެން މާގިނައިރު ހުރެވޭ މީހެއް ނޫނެވެ. ހާއްސަކޮށް ރީތި އެއްޗިއްސަށް ތައުރީފު ކުރުމަކީ އޭނާ އެންމެ ކުރާހިއްވާކަމެވެ.
"އަހަރެން އެއްޗެއް ބުނިއްޔާ ރުޅިއަންނާނަންތަ؟" އަސަދު ބުންޏެވެ. މެލެކް ދެފަރާތަށް ބޯހޫރާލިއެވެ.
"ތިއީ ވަރަށް ރީތި ކުއްޖެއް. ސީރިޔަސްކޮށް. ވަން އިން އަ މިލިއަން" އަސަދު ބުންޏެވެ.
މެލެކްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލަދުގަތްކަން ކަށަވަރެވެ. މެލެކްގެ ކޯތާފަތަށް އަރައިގެން ދިޔަ ކުލަވަރު ފެނުމުން އަސަދަށް ހެވުނެވެ.
"ތެންކިޔު..." މެލެކް ބުންޏެވެ.
އިތުރަށް އަސަދު ބަހެއް ނުކިޔުމުން މެލެކް ނިކުންނަން އައެވެ.
****
ދުވަހުގެ އިރުއޮށްސެމުން އައި ވަގުތެވެ. އިމާރާތުގެ ޓެރަސްމަތީގައި ހުރި ހެއްލޭ ޖޯއްޔެއްގައި ތިބީ ތަބައްސުމް އާއި އައްޒާމްއެވެ. އިރުއޮށްސުމުގެ ކުލަވަރު އުޑުމަތި ފަވާލާފައިވަނީ އިންސާނަކު އަޖައިބުވާހާ ޗާލުކޮށެވެ. ގުދުރަތީ އެމަންޒަރުން ހިތަށް އިންތިހާއަށް އުފާވެރިކަން ގެނުވައެވެ. ދަރީންގެ އުވާވެރި ދިރިއުޅުން ވިހަ ލޯތަކުން ސަލާމަތްވުމަށް ދެމަފިރިން ތިބީ ދުއާކޮށްލަކޮށްލައެވެ. އިށީނދެގެން ތިބިއިރު ތަބައްސުމްގެ އަތްތިލަ ވީ އައްޒާމްގެ އަތްތިލައިގެ ތެރޭގައެވެ. ދެމަފިރިންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އޮރެންޖާއި ރީނދޫ ކުލަތަކުން ޖަރީކުރަމުން އައި އުޑަށެވެ. ކުރިން ވާހަކަދެއްކީ އައްޒާމެވެ.
"ރަށަށް ދާން ތައްޔާރުވާންވީ" އައްޒާމް ބުންޏެވެ.
"އާނ. މެލެކް ކައިރީގަ ބުނިން ތައްޔާރުވާން" ތަބައްސުމް ބުންޏެވެ.
"ޒިޔާދުގެ ކޯލެއް ލިބުނު ރޭގަ. ބުނި އެކުދިން މަތިން ހަނދާންވާތީ މައުސޫމާ އުޅޭ ވާހަކަ. މިކޮށްޅަށް އައި ބޭނުންވެސް އިރާދަކުރެއްވީތީ ނިމިއްޖެއްނު. ދެން އަހަންނަށް ހަމަޖެހިގެން ދިރިއުޅެވިދާނެ. އެކަމަކު އަދިވެސް އަހަރެންގެ ހިތް އިންތިޒާރު އެބަކުރޭ މައި ގެ ދަރިފުޅު ދުނިޔެއަށް އުފަންވާނެ ދުވަހަކަށް. ﷲ އިރާދަކުރެއްވިއްޔާ ރައްޔާނުގެ ދަރިންވެސް މަރުވުމުގެ އަދި ދައްކަވާނެ"
ތަބައްސުމް ހީލަމުން އައްޒާމްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ފިރިމީހާގެ ވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދީފިއެވެ. ދިރިއުޅުމުގެ އެތައް ކާމިޔާބީއެއް ފިރިމީހާގެ އެނބުރި އައުމަށްފަހު އޭނާއަށް ހާސިލުވެއްޖެއެވެ. އޭނާ ދެން ބޭނުންވަނީ ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި ފިރިމީހާއަށް ހިދުމަތް ކުރުމުގައި ފަހުނޭވަ އާ ހަމައަށް ދެމިހުންނާށެވެ.
"ﷲ ނިމުމެއްނެތް ގޮތުގަ ޝުކުރު ދަންނަވަން. އަބަދުވެސް އަހަރެންގެ ދޫ ތެންމާފަ ބާއްވަން ބޭނުންވަނީ އެކަލާނގެއަށް ޒިކުރު ކުރުމުގަ. އެކަލަނގެ އަހަންނަށް ނުދެއްވަނީ ކޯޗެއް؟ އޯގާތެރި އަންބަކާ ނުލާހިކު ލޯބިވާ ދަރީންތަކެއް. މުދަލާ ފައިސާ. އީމާންތެރިކަމުން ފުރިގެންވާ ހިތެއް. ފަހުވަގުތު އަހަރެންގެ އަނބިމީހާ އާއި ދަރީންގެ ރުހުންވެސް ދެއްވައިފި" ފަހަތުން އަތް ގެންގޮސް ތަބައްސުމްގެ ކޮނޑުގައި ވަށާލާފައި ގަޔާ ކައިރިކޮށްލަމުން އައްޒާމް ބުންޏެވެ.
"އަލްހަމްދުލިއްލާހް. ﷲ މި ދިރިއުޅުމުގައި ބަރަކާތް ލައްވާށި. އަދި އަހަރެމެންގެ ދަރީންގެ ދިރިއުޅުން އުފާވެރިކަމުގައި ތާއަބަދަށް ލަހައްޓަވާށި" ތަބައްސުމް ބުންޏެވެ.
"ތާބާ އަހަންނާއެކު މައްކާގެ ބިމަށް ދާނަންތަ؟ ގެފުޅު ދެކިލަންދާނަންތަ؟ އެ ބިމުގައި އަހަރެންގެ ފަހަތުގައި އެކަލާނގެ އަށް ޝުކުރުގެ ސަޖިދައެއް ޖަހާނަންތަ؟ އަހަރެމެންގެ މާތް ނަބިއްޔާގެ ހަޔާތުގެ ދުވަސްތައް ވެއަތުކުރި ބިން ހަމަލޮލުން ދެކިލަން ބޭނުންތަ؟ އެ އިހުސާސު ކުރަން ބޭނުންތަ؟ އެހެންވިއްޔާ ތައްޔާރުވޭ... ﷲ އިރާދަކުރެއްވިއްޔާ މި ފުރުސަތު އަހަރެމެންގެ ދަރީންނަށްވެސް އެބައޮތް. އަދި ކޮންމެ އަހަރަކު ރަށުން ދެމީހަކަށް މި ފުރުސަތު ދޭން ބޭނުން.." އައްޒާމް ވާހަކަދެއްކިއެވެ.
އައްޒާމްގެ ވާހަކަތަކުން ތަބައްސުމްގެ ދެލޮލުން ހިލުވާލީ އުފާވެރިކަމުގެ ކަރުނައެކެވެ. ދެތުންފަތް ހެލޮލީ ހެއްދެވިފަރާތަށް ޝުކުރު ހާލިސްކުރަމުންނެވެ.
"އަހަރެން ދާން ތައްޔާރު" ތަބައްސުމް ބުންޏެވެ. އެހިނދު ތަބައްސުމްގެ އަތްތިލައަށް އައްޒާމް ފިތާލިއެވެ. އަދި މުށިތަކުގެ މަތީގައި އެއް ފައިތިލައިން ވިއްދާލާފައި އުނދޯލި ކުޑަކޮށް ހެއްލާލިއެވެ.
****
ކޮޓަރީގެ ދޮރުފަތް ހުޅުވާލުމާއެކު ބާޒިލްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ދިމާލަށް ހުރި ބޮޑު އެނދުގައި ނިދާފައި އޮތް އޭނާގެ ހަގު ދަރިފުޅު މަރްޔަމް ލާލީ ބިންތި ބާޒިލް ޒިޔާދު އެވެ. ކައިރީގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ލޫލު އިނެވެ. ބާޒިލް ފެނުމުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ލޫލު ހިނިތުންވެލިއެވެ. އަތުގައި އޮތް ދަބަސް އެނދުމަތީގައި ބާއްވާފައި ބާޒިލް ލޫލު އާ ކައިރިވެލިއެވެ. އުރާލާފައި ލޯބިކޮށްލިއެވެ. އަލުން ލޫލު އެނދުގައި ބައިންދާފައި ނިދީގައި އޮތް ލާލީގެ ކޮލުގައި ވެސް ލުއިލުއިކޮށް ބޮސްދިނެވެ. މެލެކް ފެންނަން ނެތުމުން ބާޒިލް ހީކުރީ މެލެކް ވީ ފާހާނައިގައި ކަމަށެވެ. އެނދުގައި ޖައްސާލަން އުޅުނު ވަގުތު ބެލްކަނީގެ ރެއިލިންގ ގައި ހިފަހައްޓާލައިގެން ބޭރު ބަލަން ހުރި މެލެކް އޭނާގެ ލޮލުގައި އަޅައިގަތެވެ. މެލެކް ހުރީ ދާދި ދެންމެއަކު ފެންވަރައިގެން ނިކުމެ ކަން އަންގައިދިނީ އޭނާގެ އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ސާފު ހުދުކުލައިގެ ތުވާއްޔެވެ. މެލެކް ލައިގެން ހުރި ހުދުކުލައިގެ އަތްދިގު ގަމީސް ކަކުލުން ދެ އިންޗިއެއްހާ ތަން މައްޗަށް ހުރުމުން ފައި ގެ ބޮޑު ބައި ހުރީ ހާމައަށެވެ. ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މެލެކް އާ ސަމާސާކޮށްލާހިއްވިއެވެ. ދުވަހުގެ ބުރަކަން ވަގުތުން އޭނާ ހަނދާންނެތިއްޖެއެވެ. މެލެކް އަށް ހިލަމެއްވެސް ނުވާނޭހެން ބާޒިލް ދިޔައީ އަޑެއްވެސް ލައްވާނުލައެވެ. މެލެކްގެ ފަހަތުގައި ބާޒިލް ހުއްޓުނެވެ. ކިރިޔާ މެލެކްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުއްޓިފައި ދެއަތް މެލެކްގެ ދެއަތްމަތީގައި ދަމާލިއެވެ. މެލެކް ދިޔައީ ސިހިގެންނެވެ. އެނބުރިލި ވަގުތު މޫނުޖެހުނީ ބާޒިލްގެ މޭގައެވެ.
"ސިއްސައިގެންނޭ ދިޔައީ" މޭގައި އަތް އަޅައިލަމުން މެލެކް ބުންޏެވެ.
ބާޒިލް ހީލިއެވެ. މެލެކް ގަޔާ ގާތަށް ދަމާލާފައި އޭނާގެ ދެއަތުގެ ތެރޭގައި ހިފަހައްޓާލިއެވެ.
"ބޭރުން ކޯޗެއް ތިހޯދަނީ؟" ބާޒިލް އަހާލިއެވެ.
"ޑެޑީ އާދޭތޯ ބަލަން ހުރީ. އައިތަނެއް ނުވެސްފެނޭ" މެލެކް ބުންޏެވެ.
"ނުވާނެ އަދި ގިނައިރެއް. ލޫލު އާ ވެސް ލޯބިކޮށްލާފަ މިތަނަށް މިއައީ" ބާޒިލް ބުންޏެވެ.
"މަންމަމެން ގުޅި. މާދަމާ ފުރަންވީ އޯ. އަހަރެންވެސް މިހާރު ބޭނުންވަނީ ދާން" މެލެކް ބުންޏެވެ.
"ލޫލު އާ ލާލީ ނޫނީ މަންމަމެންގެ މާމަ ކާފަ ދަރިން ނެތީމަ އެހެން އުޅޭނީ. ލާލި ވިހޭތަނާ އައިގޮތަށް ވިއްޔަ މިތިބެނީ. މިސްވާނެއްނު" ބާޒިލް ބުންޏެވެ.
"ޔާނުގެ ވެޑިންގ މާލޭގަ ބާއްވަން ނިންމީމަ އަންނަންތާ ޖެހޭނީ" މެލެކް ބުންޏެވެ.
"ބައްޕަ މިއީ ކޮންކަހަލަ މީހެއްތަ؟ ޓިކެޓު ނަގަން އަހަރެން ފެމެލީއަށް ރުފިޔާ ދިނީމަ އަތް ނުލި" ބާޒިލް ބުންޏެވެ.
"ބައްޕަ އެއީ ބައްޕައެއްނު. ބަދަލެއްނުވާނެ. އަދިވެސް ދަރީންގެ ދިރިއުޅުން ފަސޭހަކޮށްދޭން. ބައްޕައަކަށް ނޭނގޭ މިހާރުވެސް ކިހާ ފަސޭހައެއް ކޮށްދެއްވިއްޖެ ކަމެއް" މެލެކް ބުންޏެވެ.
"ޔާނުމެންގެ ހަބަރެއްވިތަ؟" ބާޒިލް އަހާލިއެވެ.
"އާނ. ވަރަށް މަޖާ ވާހަކައެއް ބުނަންތަ؟ ޝިނާ ބުނި ތިމަންނަ މިތަނުން ދާނީ ޔާނު ލަދުކަނޑުވައިގެންނޯ. ވަރަށް ރޮމޭންޓިކް އުޅެލާފަ އަނެއްފަހަރު އުޅެދާނެއޯ އަތުގައި ހިފާލަންވެސް ލަދުން..." މެލެކް ހީލިއެވެ.
"އާއެނކޭ... ނޭނގެ ކަމެއް ކުރަން އިނގޭ ކަމެއްވެސް. އިނުމުގެ ކުރިން ކުލާސް ނަގައިނުދެވުނީމަ ވީގޮތް" ހިނިގަނޑަކާއެކު ބާޒިލް ބުންޏެވެ.
"އެހެންތަ ! ތިއީ މާމޮޅު މީހެއްތަ؟" މެލެކް ބުންޏެވެ.
"ނޭނގޭތަ! މިހާރުވެސް ތިން ވަނަ ދަރިފުޅަށް އަހަރެން ތައްޔާރު. މެލީ ބުނޭ އާއެނކޭ" ބާޒިލް ބުންޏެވެ.
"ނޫޅެން. ނުވާނެ ދެން. އެހާ އަވަހަކަށް ދެން ބޭނުމެއްނޫން. ލާލި ވިހަން އެޅި ވޭނާއެކު ލޫލު ވިހަން އުޅުނުއިރު އަހަރެން އުޅުނުގޮތް ހަނދާންވެއްޖެ. ވޭނާއެކު ދެ ދަރީން ދުނިޔެއަށް ގެނެވިއްޖެ. މިހާރު ބޭނުނީ ބްރޭކެއް. ލޫލުއަށް ޓެން ވީމަ ބުނާނަން އާއެނކޭ" މެލެކް ބުންޏެވެ.
"އެހެންތަ. ބަލާނަމޭ... މަގޭ އަތުގަ އޮތް ބާރެއް އެއީ" ބާޒިލް ބުންޏެވެ.
މެލެކް ތުންފަތް އަރިއަކަށް ދަމާލާފައި ލޯބީގެ ބެލުމެއް ބާޒިލް އާ ބަދަލުކޮށްލިއެވެ. އެހިނދު ބާޒިލް މެލެކް އާ ގާތަށް މޫނު ކައިރިކޮށްލިއެވެ. މެލެކްގެ ކަރުދޮށުން ވަސްބަލާލިއެވެ. އިތުރަށް ގާތްވެލަން އުޅުމުން މެލެކް މަނާވެގަތެވެ. ހުރެވުނީ އެފަދަ ސަމާސާއެއް ކުރަން އެންމެ އެކަށޭނެ ތަނެއްގައި ނޫންކަމަށް ބާޒިލްއަށް ހަނދާންކޮށްދިނެވެ.
"އަހަރެންގެ ހިތްދަތި ދުވަސްތައް މާޒީވެއްޖެ. އަލްހަމްދުލިއްލާހް. އާއިލާ ފުރިހަމަވެއްޖެ. އަދިވެސް ބައިވަރު ދަރީން ބޭނުން. އަހަރެން ބޭނުންވަނީ މެލީގެ ދުލުން އެންމެފަހަރަކު ބުނެލާ އަޑުއަހަން. އަހަންނަށް ރުހުން ދީފީމޭ" ބާޒިލް ބުންޏެވެ.
"ދީފިން. މެލެކް ބާޒިލްއަށް ރުހުން ދީފިން. އަބަދުވެސް ދޭނަން" މެލެކް ހީލިއެވެ.
ބާޒިލް ހިނިތުންވެލިއެވެ. މެލެކްގެ ނިތުގައި ބޮސްދިނެވެ.
"ނައިޝަމް އާއި ޒޯރޯ ކުރެން ހެލީންގެ ރުހުން ލިބޭނީ ކާކަށްބާއޭ ހިތަށް މިއަރަނީ. ޒޯރޯ ހުރީ ހެލީން ދޫކޮށްލާ ގޮތަކަށް ނޫން. ކުޑައިރުގެ ލޯބި ވިއްޔާ. ނައިޝަމް ބުނަނީ އެއީ ތިމަންނަގެ އަލަތު ލޯތްބޭ. އުނދަގޫ ނިންމުމެއް ނިންމަންޖެހެނީ ހެލީން އަށް. މިހިތަށް އަރަނީ ކިހިނެއްބާއޭ ނިމޭނީ. ހެލީން ނިންމާނީ ކޮންގޮތަކަށްބާއޭ. ވަފާތެރިކަން ދެމިއޮންނާނީ އަލަތު ލޯބީގަތޯ ނޫނީ ކުޑައިރުގެ ލޯބީގަކަން ނިންމާނީ ހެލީން. ނޭވާ ހިފަހއްޓާލައިގެން މިހުރީ. އަސްލު ދުނިޔެ މިއީ ކިހާ އަންފެއާ ތަނެއް ދޯ.... ހުރިހާ ފަހަރަކު ސެކްރިފައިސް ކުރަން މިޖެހެނީ އަންހެންކުއްޖާ..." މެލެކް ވާހަކަދެއްކިއެވެ.
މެލެކް ދެއްކި ވާހަކަތައް މުޅިއަކުން ފަހުމުނުވެފައި ބާޒިލް ހުއްޓެވެ.
"ކޮން ގެޔަކު ކުދިބައެއްގެ ވާހަކަ ތިދައްކަނީ"
މެލެކްއަށް ހެވުނެވެ. ބާޒލްގެ އަތުތެރެއިން މެލެކް ދުރަށްޖެހިލިއެވެ. ކޮޓަރިއަށް ވަދެފައި އައި އިރު އޭނާގެ އަތުގައި ވާހަކަފޮތެއް އޮތެވެ. އެ ފޮތް ބާޒިލް އަތަށް ދިއްކޮށްލިއެވެ.
"އިހުތިޔާރެއްނެތޭ ހިތަކަށް ހުވާ" ވާހަކަ ފޮތުގެ ބޭރުގައި ލިޔެފައިވާ ނަން ބާޒިލް ކިޔާލިވެ.
"ތިއީ ފަށަން އުޅޭ ވާހަކަ. މި ކިޔައިދިނީ ވާހަކައިގެ ކުޑަ ހުލާސާއެއް. ޕްލީޒް ސްޓޯރީ ކުރިއަށް ދާއިރު މާބޮޑަށް އުނދަގޫ ނުކުރައްޗޭ. ވަރަށް ކިޔާހިތުން މިހުރީ" މެލެކް ބުންޏެވެ.
"އޯކޭ... ވައިފީ ބުނި ގޮތެއް. އެކަމު ހަގީގަތަކީ ހެލީންގެ ލޯބި ހާސިލްވާނީ ކާކަށްކަން ނިންމާނީ ލިޔުންތެރިޔާ... ވައިފީ އެކަމާ ނުވިސްނާ....." ބާޒިލް ބުންޏެވެ. މެލެކް ހިނިތުންވެލަމުން ބޯޖަހާލިއެވެ.
ކުއްލިއަކަށް ދެމަފިރިން ބަލައިލީ ލާލީ ރޯލި އަޑަށެވެ. ބަލައިލިއިރު ފެނުނު މަންޒަރުން ދެމަފިރިން އެކަކު އަނެކަކަށް ބަލައިލިއެވެ. ލޫލު އުނގުމަތީގައި އޮތް ބާލިސް މައްޗަށް ލާލި ގެންދަން މަސައްކަތްކުރާ މަންޒަރު ފެނުމުން މެލެކްއަށް ހެވުނެވެ. ލޫލު ކައިރިއަށް ދާން އުޅެފައިވެސް ދެމަފިރިން މަޑުކޮށްލިއެވެ. ލާލި އަށް އެއްވެސް އަނިޔާއެއް ނުވެ ނަސީބަކުން ލޫލުގެ މަސައްކަތް ކާމިޔާބުކޮށްލިއެވެ. މެލެކްގެ މަސައްކަތް ލޫލު ހުރީ ވަރަށް ރަނގަޅަށް ދަސްކޮށްފައެވެ. މަޑުމަޑުން ފައި ތަޅުވަމުން ލޫލު ދިޔައެވެ. މައިންބަފައިންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގުމުން ލޫލު އަނގަމަތީގައި އަތް އަޅާފައި ހޭންފެށިއެވެ. އެހިނދު ބާޒިލް އާ މެލެކްއަށް ވެސް ހެވިއްޖެއެވެ.
(ނިމުނީ)
ރުހުން ދީފާނުހޭ
ރައްޔާންގެ ބައެއް ގެނެސްފަ ނިންމާލިނަމަ... އަދި އިތުރަށް... ވާހަކަ ވ.ވ.ރީތި.... ދެން އޮތް ވާހަކަ ވެސް އަވަޙަށް ފަށައްޗޭ... ލިޔުޝާ ގެ ވާހަކަ ތައް އެއް ވަނަ... ކިޔަ ކިޔާ ފޫހި ނުވޭ..
ާއަމް - 1 އަހަރު ކުރިން
ސާރާއަށް ފަހުން ވީގޮތް ގެނަސް ދީފަނެތީމަ ވާހަކަ އެހާ އެހައެއްނޫން !
ސަލްމާ - 1 އަހަރު ކުރިން
މާޝާﷲ. ވަރަށް ރީތި ވާހަކައެއް. އިހްތިޔާރެއް ނެތޭ ހިތަކަށް ހުވާ... އިންތިޒާރުގައި....
ނަންނަ - 1 އަހަރު ކުރިން
މާޝާ ﷲ!!!
ނަން - 1 އަހަރު ކުރިން